Close
ޚަބަރު

ނައިބު ރައީސް، ބަންގްލަދޭޝް އަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައިފި

އައިޝަތު ނިއުޝާ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ބަންގްލަދޭޝް އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ރޭ ނިންމަވައިލައްވައިފިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންނާއި، ރައީސް އޮފީހުގެ މަތީ ފަންތީގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން ބުނީ، ނައިބު ރައީސް ބަންގްލަދޭޝް އަށް ވަޑައިގެންނެވީ ހޯމަ ދުވަހުގެ ހެނދުނު ކަމަށެވެ. އަދި އެމަނިކުފާނު ބަންގްލަދޭޝް އަށް ވަޑައިގެންނެވުމުން އެގައުމުގެ ފޮރިން މިނިސްޓަރު ވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހަޒްރަތު ޝަހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައި ކަމަށެވެ.

އޭގެ އިތުރުން މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ބަންގަބަންދު މިޔުޒިއަމް އާއި ބަންގްލަދޭޝް-ކޮރެއާ ޓެކްނިކަލް ޓްރެއިނިން ސެންޓަރު (ބީކޭޓީޓީސީ) ފަދަ މުހިންމު ބައެއް މުއައްސަސާތަކަށް ޒިޔާރަތް ކުރައްވައި، އެ ތަންތަނުގެ މަސައްކަތްތައް ބައްލަވައިލައްވައިފައި ކަމަށާއި ރާއްޖޭގެ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާއިން ފަންނީ ގާބިލުކަން އިތުރުކުރުމަށް، ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި، ނައިބު ރައީސް ވަނީ ބަންގްލަދޭޝްގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ ބައްދަލުކުރައްވާފައި ކަމަށެވެ. އެގޮތުން ބަންގްލަދޭޝްގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް ޑރ އޭކޭ އަބްދުލް މޮމެން އާއި، މިނިސްޓާ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއާ އެންޑް އޯވާސީސް އެމްޕްލޯއިމަންޓް އިމްރާން އަހުމަދާއި، މިނިސްޓާ އޮފް ޔޫތު އެންޑް ސްޕޯޓްސް އެމްޑީ ޒާހިދު އަހްސަން ރަސަލް އާއި، މިނިސްޓާ އޮފް އެޑިއުކޭޝަން ޑޮކްޓާ ދީޕޫ މޮނީ އާއި، މިނިސްޓާ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާ ޒާހިދު މަލީކްއާ ވަނީ ބައްދަލުކުރައްވާފައި ކަމަށެވެ. މި ބައްދަލުވުންތަކަށްފަހު އެމަނިކުފާނު ވަނީ ބަންގްލަދޭޝްގެ އެކި އިދާރާތަކުން ދިވެހި ދަރިވަރުންނަށް ދެއްވި ސްކޮލާޝިޕްގެ ފުރުސަތުތައް ގަބޫލުކުރައްވާފައެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ، މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ ބަންގްލަދޭޝްގެ ރައީސް އަބްދުލް ހާމިދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައި ކަމަށެވެ. އަދި މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރުގައި ކަމަށާއި މި ބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޑާކާގެ ހޮޓެލް އިންޓާކޮންޓިނެންޓަލް އަށް ވަޑައިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާވެސް ބައްދަލުކުރައްވާފައި ކަމަށެވެ.

މި ދަތުރުފުޅު ނިންމަވައިލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ އަރިހަށް އިއްޔެ އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައި މަޝްވަރާކުރައްވާފައެވެ.