ސިޔާސީ

އެމްއެންޕީއަށް 10,000 މެންބަރުން ހަމަކޮށްފި

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް 10,000 މެންބަރުން ހަމަވެފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްއެންޕީ އުފެއްދުމުގެ ހުއްދަ ދިންތާ ދެ މަހެއްހައި ދުވަސް ތެރޭގައި 5،000 ސޮއި ހަމަކޮށް، އެ ޕާޓީ ރަޖިސްޓަރީ ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅީ މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅުގައެވެ. އަދި އޮކްޓޯބަރު މަހުގެ ކުރީކޮޅު އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވައި މަގާމުތަކަށް މީހުން ވަނީ ހޮވައިފައެވެ.

އެމްއެންޕީ އުފެއްދުމަށްފަހު ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމާއި ޕާޓީގެ ލީޑާޝިޕުން ވަނީ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ދޮރުން ދޮރަށް ހަރަކާތްތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށްފައެވެ.

އެމްއެންޕީއަށް 10,000 މެންބަރުން ހަމަވެފައިވާކަން އިއުލާނު ކުރައްވައި, ކާނަލް ނާޒިމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, އެމްއެންޕީއަކީ ކުރިމަގު އުޖާލާ ޕާޓީއެއް ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި އެމްއެންޕީގެ މެންބަރުންގެ އަދަދު 10,000 އަށް އިތުރުކުރުމަށް ޓަކައި މަސައްކަތް ކޮށްދެއްވި ހުރިހާ މެންބަރުންނަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އެމްއެންޕީއަށް 10,000 މެންބަރުން ހަމަކުރުމުން, ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ އެ ޕާޓީއަށް މިހާރު ލިބޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު "ވަން" އަށް މިއަދު ވިދާޅުވީ, 10,000 މެންބަރުން ހަމަކުރުމަށްޓަކައި އެމްއެންޕީން އެކި ދުވަސްމަތިން ފޯމުތައް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ އަދަދު ހަމަވިކަން އިއުލާން ކުރާނީ, ފޯމުތައް ޕްރޮސެސް ކޮށް ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ.