ގައުމީ ވޮލީބޯޅަ ޓީމު

ސެންޓްރަލް ޒޯން މުބާރާތަށް ދާ ސީނިއާ ޓީމުގެ ސްކޮޑުން ޒުވާން ތިން ކުޅުންތެރިޔަކަށް ފުރުސަތު ދީފި

އަންނަ މަހު ބަންގުލަދޭޝްގައި ބާއްވަން ތައްޔާރުވެފައިވާ، ފިރިހެން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް އިއުލާން ކުރި ގައުމީ ސީނިއާ ސްކޮޑުން ޒުވާން ތިން ކުޅުންތެރިން ކަމަށްވާ މާއިޝް އަހުމަދު، އަހުމަދު ނާފިއު އަދި ޝާމިލް މުހައްމަދަށް ފުރުސަތު ދީފިއެވެ.

އުމުރުން 17 އަހަރުގެ މާއިޝް އާއި އުމުރުން 20 އަހަރުގެ ޝާމިލް އަދި އުމުރުން 19 އަހަރުގެ ނާފިއުއަށް ގައުމީ ވޮލީ ޓީމުން ޖާގަ ދީފައިވަނީ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތަށް ބަލައިގެންނެވެ. ތަޖުރިބާކާރު ކޯޗު އިސްމާއީލް ސާޖިދު (ކާއްޓޭ) ގެ ބެލުމުގެ ދަށުން މިއަދު އެކުލަވާލި ޓީމުގައި ހިމެނުނު މާއިޝްއާއި ނާފިއު އަދި ޝާމިލަށްވެސް މިއީ ގައުމީ ޓީމުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

ތިން ކުޅުންތެރިންވެސް ފުރަތަމަ ވިދާލީ މިމަހު ބޭއްވި ގައުމީ ބީޗްވޮލީ މުބާރާތުންނެވެ. ގައުމީ ބީޗް ވޮލީ މުބާރާތުގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން މާއިޝް ހޯދައިފައިވާ އިރު، އެއީ އެ މަގާމު ހޯދި އެންމެ ޒުވާން ކުޅުންތެރިޔާއެވެ. ޝާމިލްއާއި ނާފިއުއަކީ ބީޗް ވޮލީ މުބާރާތުގެ 23 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި ދެ ކުޅުންތެރިންނެވެ.

މީގެ ކުރިން 2015 ވަނަ އަހަރު އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖެއަށް ރިހި މެޑަލް، އަދި 2016 ވަނަ އަހަރުގެ މުބާރާތުގައި ރާއްޖެއަށް ލޯ މެޑަލް ލިބިފައިވެއެވެ. އަދިވެސް އެ މުބާރާތުން ރާއްޖެއަށް މެޑަލްއަކަށް މަސައްކަތް ކުރަމުން އަންނަ އިރު، އެންމެ ބޮޑު އެއް ޗެލެންޖަކީ ތައްޔާރީތަކަށް އޮތް ވަގުތެވެ. އޭގެ އިތުރުން ދެން އޮތީ ޓީމުތައް އިތުރުވުމުން އައި ޗެލެންޖެވެ. މިފަހަރު މި ޒޯންގައި ކުރިން ވާދަނުކުރާ ދެޓީމު ކަމަށްވާ ސްރީ ލަންކާއާއި ކަޒަކިސްތާނު ވާދަކުރާނެއެވެ.

"ސްރީ ލަންކާއާއި ކަޒަކިސްތާނު އޮތުމަކީވެސް އިތުރު ޗެލެންޖެއް. މިއީ މި ޒޯނުގައި ކުރިން ކުޅޭ ދެޓީމެއް ނޫން. މި ރީޖަންގެ ޓީމުތަކަށްވުރެ އާންމުކޮށް ފެންވަރު މަތިވާނެ ދެޓީމު އެ ދެޓީމަކީވެސް. އެއީ އިތުރު ޗެލެންޖެއް. ކުރީގައި ތައްޔާރުވި މުބާރާތުގައި މެޑަލް ހޯދަން އޮތީ ފަސޭހަ މަގެއް. އޭރު އޮތީ ހަމައެކަނި ސާކް ގައުމުތައް. އޭރު އޮތީ ވާދަކޮށް ބަލިކޮށްފައިވާ ޓީމުތައް މުޅިންވެސް. ނޭޕާލާއި އަފްގާނިސްތާނާއި ބަންގުލަދޭޝް ދެން އިތުރަށް އައީ ބޫޓާން. އެހެންވީމަ އޭރު އޮތް ގޮތަށް މުބާރާތަށް ދިޔަ ނަމަ ރަން މެޑަލްއަކަށް ވާދަ ކޮށްލެވުނީސް،" ކޯޗު ކާއްޓޭ ކުރިން ބުންޏެވެ.

ކޮވިޑުގެ ކުރިން ސެންޓްރަލް ޒޯންގެ މުބާރާތް ބާއްވަން ގަސްދުކޮށްފައި ވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ދެ ކެޓަގަރީއަކަށް ބަހާލި އިރު، އެފަހަރު ރާއްޖެ ލައްވާލީ ބީ ކެޓަގަރީގައެވެ. މި ސަރަހައްދުގެ ޓީމުތައް ބީ ކެޓަގަރީގައި އެފަހަރު ކުޅެން ނިންމީ ސައުތު އޭޝިއަން ޗެލެންޖު ކަޕެވެ. އޭގެ އިތުރުން އަނެއް ކެޓަގަރީގައި ކުޅެން ނިންމީ ސެންޓްރަލް އޭޝިއަން ޗެލެންޖު ކަޕެވެ. އޭރު އޮތް ގޮތުން ކޮންމެ ކެޓަގަރީއަކުން އޭވީސީ މުބާރާތަށް ދާ ގޮތަށް އޮތީ ތިން ޓީމެކެވެ. އެހެން ނަމަވެސް އެ ދެ މުބާރާތްވެސް ކޮވިޑް 19ގެ ސަބަބުން ކެންސަލް ވެގެން ގޮސް، މިހާރު ނިންމާފައި ވަނީ ސެންޓްރަލް ޒޯންގެ އެއް މުބާރާތް ބޭއްވުމަށެވެ.

ކޯޗު ކާއްޓޭ ފަރިތަކުރުންތައް ފެށުމުގެ ކުރިން ބުނީ ވެވެން އޮތް އެންމެ ރަނގަޅަކަށް ތައްޔާރުވާނެ ކަމަށާއި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއެކު ވީއޭއެމްއިން ކުރި މަސައްކަތުގެ ތެރެއިން ބަހުރައިންގެ ކޭމްޕަކަށް ދެވެން އޮތް އޮތުން އެއީ ލިބޭ ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށެވެ. ކޭމްޕަށް ދާނެ ވަކި ދުވަހެއް ވީއޭއެމްއިން އަދި އިއުލާން ކޮށްފައި ނުވާ އިރު، ބެލެވޭ ގޮތުގައި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހު ގައުމީ ވޮލީ ޓީމު ބަހުރައިނަށް ފުރާނެއެވެ.

ވީއޭއެމްއިން މިހާރު ނިންމާފައިވާ ގޮތުގައި ގައުމީ ސީނިއާ ސްކޮޑުގައި ކޮންމެހެންވެސް ޒުވާން ކުޅުންތެރިން ހިމަނަން ޖެހެއެވެ. އެހެންކަމުން ސީނިއާ ކުޅުންތެރިންނަށް ހާއްސަވެފައި ވަނީ މިހާރު ދިހަ ސްލޮޓު ކަމަށް ކާއްޓޭ ކުރިންވެސް ބުންޏެވެ. ކޯޗު ކާއްޓޭ ބުނީ ކިތަންމެ ގިނަ ސީނިއާ ކުޅުންތެރިން ތިބި ނަމަވެސް މިހާރު ނަގަން ޖެހޭނީ ދިހަ ކުޅުންތެރިން ކަމަށާއި، އެ ކްރައިޓީރިއާ ދޫކޮށްނުލާނެ ކަމަށެވެ.