ޚަބަރު

ޖަޕާނު ސަރުކާރުން ގއ. ނިލަންދޫ ސްކޫލަށް 1.1 މިލިއަން ރުފިޔާގެ އެހީއެއް

އައިޝަތު ނިއުޝާ

ޖަޕާން ސަރުކާރުން ގއ. ނިލަންދޫ ސްކޫލަށް 1.1 މިލިއަން ރުފިޔާގެ އެހީއެއް ދޭން ނިންމައިފިއެވެ.

ގއ. ނިލަންދޫ ސްކޫލަށް 1.1 މިލިއަން ރުފިޔާގެ އެހީއެއް ދީފައިވަނީ ޖަޕާން ސަރުކާރުގެ ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ) ސްކީމްގެ ދަށުންނެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔަނައި ކެއިކޯއެވެ. އަދި ނިލަންދޫ ސްކޫލުގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް ހަދީޖާ އިބްރާހީމެވެ. މި ޕްރޮޖެކްޓް ތަންފީޒުކުރުމަށް ހަމަޖައްސާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއެކު ނިލަންދޫ ސްކޫލުންނެވެ.

ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން މިއަދު ބުނީ، މި އެހީގެ ދަށުން ނިލަންދޫ ސްކޫލުގެ ގްރޭޑް އެކެއްގެ ދަރިވަރުންނަށް އެ ސްކޫލުގައި ކްލާސްރޫމަކާއި ލައިބްރަރީއެއް އިމާރާތް ކުރާނެ ކަމަށާއި ގުދުރަތީ ކާރިސާތަކުގެ ހާލަތުގައި ރައްކާތެރިވުމަށް ބޭނުންކުރާނެ އިމާރާތެއްގެ ގޮތުގައި އެ އިމާރާތް ބޭނުންކުރެވޭނެ ކަމަށެވެ.

ޖީޖީޕީ އަކީ ރާއްޖޭގައި މީހުން ބާރުވެރިކުރުމަށް ޖަޕާން ސަރުކާރުން ހިންގާ ރަސްމީ ޕްރޮގްރާމެކެވެ. 1996 އިން ފެށިގެން ތައުލީމީ ދާއިރާއާއި ތިމާވެށީގެ ދާއިރާއާއި ސިއްހީ އަދި ހަކަތައިގެ ދާއިރާގެ އިތުރުން ދަތުރުފަތުރު ކުރުމުގެ ދާއިރާއަށްވެސް ޖީޖީޕީން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.