ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި މާލޭ އުތުރުފަރާތުގައި ހަދާފައިވާ އަތޮޅުފިހާރަ ބަރިން ހުވަދު އަތޮޅު އުތުރުބުރި އަށް ލިބިފައިވާ ފިހާރަ ހޯދައި ގާނޫނީ ގޮތުން އެތަން ގއ. އަތޮޅު ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް އެ ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.
ގއ. އަތޮޅު ކައުންސިލުން ނެރުނު ގަރާރުގައި ބުނީ، އަތޮޅު ފިހާރައިން އަތޮޅުގެ ރައްޔިތުންނަށް މިހާރު ލިބެމުން އަންނަ އާމްދަނީ އިތުރުކޮށް މަންފާ ހޯދައި އަތޮޅުގެ ރައްޔިތުންގެ ތަރައްގީއަށް ބޭނުންވާ ފައިސާ ދެމެހެއްޓެނިވި އަދި މަންފާ ކުރުވަނިވި ގޮތެއްގައި ހޯދުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ނުހަނު ބޭނުންތެރި ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
އެހެން ކަމުން އެ ފިހާރަ އާއި ފިހާރަ ހުރި ބިން އިހުގައި ވެސް ހުރި ގޮތުގެ މަތީން އަތޮޅުގެ ރައްޔިތުންގެ ބެލުމުގެ ދަށަށް ހޯދައި ސަރުކާރުން ކަނޑައަޅާފައިވާ މާލޭގެ ތަރައްގީގެ ޕްލޭނާ އެއްގޮތަށް ބިނާކޮށް ބޭނުންކުރަން ޖެހިފައިވާ ކަމަށް ވެސް ދެކޭ ކަމަށް ވެސް ގއ. އަތޮޅު ކައުންސިލުގެ ގަރާރުގައި ބުންޏެވެ.
އެ ފިހާރައިގެ އިމާރާތްތައް ކުރެވުނު ގޮތް، ބޭނުންކުރަމުން އައި ގޮތާއި، އެތަންތަނުން އަތޮޅަށް ލިބެމުންދިޔަ އަދި މިހާރު ވެސް ލިބެމުންދާ އާމްދަނީގެ މައްޗަށާއި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ބަލައި ރިއާޔަތްކޮށް، އަތޮޅު ފިހާރަ އަލުން ބިނާކޮށް އަތޮޅު ފިހާރައިން ލިބޭ އާމްދަނީ އާއި އަތޮޅުގެ ރައްޔިތުންނަށް އަތޮޅު ފިހާރައިން ލިބޭ މަންފާ އާއި ފަސޭހަތައް އިތުރުކުރުމަށް މަސައްކަތްކުރުމަކީ ކައުންސިލުގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އެ ގަރާރުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އަތޮޅު ފިހާރަ އާއި ފިހާރަ ހުރި ބިން ގއ. އަތޮޅު ކައުންސިލްގެ ނަމަށް ރަޖިސްޓްރީ ކުރުމުގައި ސިޔާސީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށާއި މު މަސައްކަތް ކުރުމަށް ކުރަން ޖެހޭ އެންމެހައި މުއާމަލާތްތައް ކުރުމަށާއި ކުރަން ޖެހޭ ހަރަދުތައް ކައުންސިލްގެ ބަޖެޓުން ކުރުމަށް އެ ކައުންސިލްގެ 19 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށް މިގަރާރުގައި ބުންޏެވެ.
ގަރާރު ފާސްކޮށްފައިވަނީ އަތޮޅު ކައުންސިލްގައި ހިމެނޭ 10 މެންބަރުންގެ އިއްތިފާގުންނެވެ.