Close
ޚަބަރު

ފެމިލީ ކޯޓަށް އަންހެން ދެ ފަނޑިޔާރަކު އައްޔަންކުރަން ނިންމައިފި

މުހައްމަދު އިޝާން

ފެމިލީ ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ދެ ބޭފުޅަކު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

އެ ކޯޓަށް ގާޒީން ހޯދުމަށް އޮގަސްޓު މަހު ކުރި އިއުލާނަށް 34 ބޭފުޅަކު ވަނީ ކުރިމަތިލައިފައެވެ.

މިއަދު ޖޭއެސްސީން ބުނީ ފެމިލީ ކޯޓުގެ ގާޒީ ކަމަށް އއ. ފެރިދޫ، ނަޝީދީހިޔާ، އަލްއުސްތާޒާ ޒައީމާ ނަޝީދު އަބޫބަކުރާއި މ.ވިލުފުށީގެ، އަލްއުސްތާޒާ މައީޝާ ޔޫސުފް ސަމީރު އައްޔަނު ކުރުމަށް ނިންމައިފައިވާ ކަމަށާއި އަދި އަންނަ އާދިއްތަ ދުވަހު ފަނޑިޔާރުކަމުގެ ހުވައި ކުރައްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނީި ޒައިމާ އާއި މައިޝާއަކީ ފެމިލީ ކޯޓަށް ދެ ފަނޑިޔާރުން ހޯދަން ކުރި އިއުލާނާ ގުޅިގެން އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަގާމަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ޓަކައި، އެ މަގާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު ހޮވުނު އެންމެ ގާބިލު ދެ ބޭފުޅުން ކަމަށެވެ.

ޒައީމާއަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުން ބެޗްލާ ޑިގްރީ ހާސިލްކުރައްވައި، ވިލާ ކޮލެޖުން މާސްޓާސް އޮފް ޝަރީއާ ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. ޒައީމާ ޖުވެނައިލް ކޯޓުގެ ރެޖިސްޓްރާރުގެ މަގާމުގައި 9 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ވެސް ކުރައްވައިފައިވެއެވެ.

މައީޝާ ވަނީ ޔުނިވަސިޓީ އޮފް ލަންޑަން އިން ބެޗެލާސް އޮފް ލޯސް ހާސިލު ކުރައްވައިފައެވެ. އެ ބޭފުޅާވަނީ ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މަގާމުގައި ތިން އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމުގެ އިތުރުން އެޓޯލްސް ސެކްޝަންގެ ޔުނިޓް ހެޑް އަދި ފެމިލީ އެންޑް ޗައިލްޑްސް ޔުނިޓުގެ ޔުނިޓު ހެޑްގެ ގޮތުގައި މަސައްކަތް ކުރައްވައިފައިފައި ކަމަށް ޖޭއެސްސީން ބުނެ އެވެ.