އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި އެކި ދާއިރާތަކަށް ތަފާތު ކުރުންތަން ހިމެނިފައިވާ ކަމަށާއި، ނަމަވެސް ބަޖެޓްގައި ރައްޔިތުންނަށް ފައިދާވާ ކަންތައްތައް ހިމެނޭތީ ބަޖެޓް ފާސްކުރަން ވޯޓު ދެއްވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ރިޕޯޓަށް ވާހަކަ ދައްކަަވަމުން ނާޒިމް ވިދާޅުވީ، ބަޖެޓަކީ ކަންބޮޑުވުންތައް އޮތް ބަޖެޓެއް ކަމަށެވެ.
ލިބޭ އާމްދަނީއަށްވުރެ ބޮޑު ހަރަދެއް ކުރަން ބަޖެޓްގައި ހިމަނާފައިވާ ކަމަށާއި އެއީ ބަޖެޓްގެ ދަރަނި ދަރީންގެ ދަރިންނާ ހަމައަށް ވާސިލުވާނެ ކަމެއްް ކަމަށްވެސް ވިދާޅުވިއެވެ.
ބަޖެޓް އެކުލަވާލާއިރު ލިބޭ އާމްދަނީއަށް ބަލަން ޖެހޭ ކަން ކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ، އެންމެ މުހިއްމު ކަމަކީ ރިކަރަންޓް ހަރަދު ކުޑަކުރުން ކަމަށެވެ. ނަމަވެސް މި ސަރުކާރުންވެސް ފެނިގެން ދަނީ ވަރަށް ބޮޑަށް ހަރަދު އިތުރުވެ، ބޭކާރު ކަންކަމަށް ފައިސާ ހަރަދު ކުރާތަން ކަމަށްވެސް ވިދާޅުވިއެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފޯރު ކޮށްދިނުމުގައި ދަތިތައް ދިމާވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބަޖެޓުގައި ހަމަހަމަ ކަން ނެތްކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ، ބައެއް ރަށްރަށަށް އެއާޕޯޓާއެކު ބަނދަރު ހެދުމާއި މަގު ހެދުން ފަދަ ގިނަ ކަންތައްތައް ހިމަނާފައިވާއިރު އަނެއް ބައި ރަށްރަށަށް މާ ބޮޑު ކަމެއް ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށެވެ. ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ ދާއިރާތަކަށް ފަހި ގޮތްތައް ބަޖެޓުގައި ހިމަނާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އޭނާ ނިސްބަތްވާ ދާއިރާތަކުގެ ރަށްރަށަށް އެކަށީގެން ވާ ގޮތަށް ބަޖެޓުގައި ކަންކަން ހިމަނާފައި ނުވާ ކަމަށާއި އެ ދާއިރާއަށް ސަރުކާރުން އިހުމާލު ވެފައިވާ ކަމަށެވެ. ބައެއް ރަށްރަށަށް ބޭނުންވާ ކަންތައް ނުކުރެވޭ ވަރުގެ ކުޑަ އަދަދެއް ބަޖެޓްގައި ހިމަނާފައިވާ ކަން ފާހަގަ ކުރައްވައި ނަމަކަށް ކަންތައްތައް ބަޖެޓް ފޮތުގައި ހިމެނުމުގެ ބަދަލުގައި ކަން ކުރެވޭ ވަރަށް ބަޖެޓުގައި ފައިސާ ހިމެނުމަށް ނާޒިމް ސަރުކާރަށް ގޮވައިލެއްވިއެވެ.
ސިޔާސީ މަގާމުތައް އިތުރު ކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުންވެސް ނާޒިމު ފާހަގަ ކުރެއްވިއެވެ.
ވިދާޅުވީ، 300 އެއްހައި ސިޔާސީ މަގާމު އުފައްދަން ކަނޑައަޅައި އެކަމަށް 400 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި އެއީ 13 މިނިވަން މުއައްސަސާ ހިންގުމަށް ހަރަދުވާ މިންވަރު ކަމަށެވެ. އެކަންކަމަށް ފައިސާ ހަރަދު ކުރުމުގެ ބަދަލުގައި އެ ފައިސާ ގައުމުގެ ތަރައްގީއަށް ހޭދަކުރުން މާ މުހިއްމު ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިމް ފާހަގަ ކުރެއްވި ގޮތުގައި އިޖުތިމާއީ ކަންކަމަށް މިފަހަރުގެ ބަޖެޓުގައި ކަނޑައަޅާފައި ބަޖެޓް ކުރީ އަހަރުގެ ބަޖެޓަށްވުރެން 300 މިލިއަން ވަރު މަދުވެފައި ވުމަކީވެސް ކަންބޮޑުވުމެކެވެ. އަދި ދަނޑުވެރިކަމަށާއި މަސްވެރިކަން ކުރިއަރުވަން ބަޖެޓުން އިސްކަން ދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ބަޖެޓުގައި ރައްޔިތުންނަށް ފައިސާ ހުރި ކަންކަންވެސް ހިމެނޭކަން ފާހަގަ ކުރައްވައި، އެހެންކަމުން ބަޖެޓް ފާސް ކުރަން ވޯޓު ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.