ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް އާއި ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ވަކިވަކިން މި ދެ ބޭފުޅުންނާ ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މީގެ ކުރިން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމާއި މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާވެސް ރައީސް މިއަދު ވަނީ ބައްދަލުކުރައްވައިފައެވެ.

ނަމަވެސް މީގެ ތެރެއިން އެއްވެސް ބައްދަލުވުންތަކާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް މުއިއްޒު މި ބޭފުޅުންނާ ބައްދަލު ކުރައްވާފައި މިވަނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދުމަށްޓަކައި އެހެން ޕާޓީތަކާއެކު ވާހަކަދައްކަން ސަރުކާރުގެ މައި ކޯލިޝަންގައި ހިމެނޭ ޕީޕީއެން ޕީއެންސީން މަސައްކަތް ކުރަމުން އަންނަ ދުވަސްވަރެއްގައެވެ.

އެގޮތުން ޕީއެންސީގެ ރައީސް، ރައީސް ޑރ. މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ޖޭޕީގެ އިސްވެރިންނާއެކު މިދިޔަ މަހުވެސް ވަނީ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން މި ދަނޑިވަޅަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް އާއި އެ މަޖިލީހުގެ މެންބަރުންނާއި، ކޯޓުތަކުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކާއި، މުސްތަގިއްލު މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ބޮޑު ކުރުމަށްވެސް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އިއްޔެ ފާސްކުރުމާ ގުޅިގެން، ރައީސް މުއިއްޒު އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވާ ދަނޑިވަޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މުސާރައަށް 20،000 ރުފިޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައަށް 18،000 ރުފިޔާ އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރީ އިއްޔެއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާގެ މިހާރުގެ މުސާރައަކީ 100،000 ރުފިޔާއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މުސާރައަކީ 75،000 ރުފިޔާއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އަސާސީ މުސާރަ 120،000 އަށް ބޮޑު ކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަސާސީ މުސާރަ 93،000 ރުފިޔާއަށް ބޮޑު ކުރުމަށެވެ.

އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި ރައީސް މުއިއްޒު މިއަދު ވިދާޅުވީ، މުސާރައިގެ ބޮޑުކުރަން ފާސްކުރި ބައި ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ކޮމިޓީގެ ނިންމުމާ ގުޅިގެން ރައީސް މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންގެ މުސާރަ ބޮޑު ކުރަން ސަރުކާރުން އެދިފައި ނުވާނެ ކަމަށެވެ. އަދި ބޮޑުކުރަން ބޭނުންފުޅު ނޫންކަމަށްވެސް ވިދާޅުވިއެވެ.

"އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި މި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދީންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރަން އަޅުގަނޑުމެން ނިންމައިފިން،" ރައީސްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.