ކުޅިވަރު

ޒަވީގެ ބާސާ ކެޓުމުގެ ތުންފަތް މައްޗަށް

ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް އީގައި ރޭ ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ބެނިފީކާއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރު ވެ، އެޓީމު ގްރޫޕް ސްޓޭޖުން ކެޓުމާ ގާތް ވެއްޖެއެވެ.

ރޭ ބާސާ ދަނޑުގައި ކުޅުނު މެޗު 0-0 އިން އެއްވަރުވުމާއެކު ބާސާއަށް ގަދަ 16 އަށް ދެވެން އޮތީ އެންމެފަހު މެޗުގައި ބަޔާން މިއުނިކް ކައިރީ ނަތީޖާ ނެރެގެންނެވެ. ޑިސެންބަރު އަށްވަނަ ދުވަހު ގްރޫޕް އީގެ ފަހު ދެމެޗުވެސް އޮންނަ އިރު، ބެނިފީކާ އިން ފަހު މެޗުގައި ކިއޭވް ބަލިކޮށްފި ނަމަ، ބާސާ ގަދަ 16 އަށް ދާނީ އަވޭގައި ބަޔާން މިއުނިކް ބަލިކޮށްގެނެވެ.

ބަޔާން އިން މިހާތަނަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުވެސް އެޓީމުން ކާމިޔާބު ކޮށްފައިވެއެވެ. ރޭ ކުޅުނު މެޗުގައި ޑައިނަމޯ ކިއޭވްގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.

ބާސާ އާއި ބެނިފީކާ ރޭ ކުޅުނު މެޗުގައި ދެޓީމުންވެސް ހަމަލާތައް އުފެއްދިއެވެ. ބާސާގެ ޔޫސުފް ޑެމީރް ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައިވާ އިރު، މެމްފިސް ޑިޕޭ ފޮނުވާލި ދެތިން ހަމަލާއެއް ދިޔައީ ގޯލާ ސީދާ ނުވެ ބޭރަށެވެ. އަނެއްކޮޅުން ބެނިފީކާ ޔަރެމްޗުކް ބޮލުން ޖެހި ބާރު ހަމަލާ މަތަކުރީ ބާސާ ގޯލްކީޕަރު މާކް އަންދަރޭ ޓާ ސްޓާގަން އެވެ.

ރޭގެ މެޗަކީ ބާސާ އަށް އަލަށް ގެންދިޔަ ކޯޗު ޒަވީ ހެނާންޑޭޒްގެ ކޯޗުކަމުގެ ދަށުގައި އެ ކްލަބުން ކުޅުނު ޗެމްޕިއަންސް ލީގު ފުރަތަމަ މެޗެވެ. ޒަވީ ބާސާއާ ހަވާލުވެ ކުޅުނު ފުރަތަމަ ލީގު މެޗު އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ފައިސާގެ ގޮތުން ދަތި ހާލަތެއްގައި އޮތް ބާސާއަށް އިންގިލާބީ ބަދަލެއް ގެންނަން ޒަވީ ހަވާލުވެފައިވާ އިރު، ޒުވާން ކުޅުންތެރިން ފެނުމަކީ ކްލަބަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.

ރޭގެ މެޗުގައިވެސް އުމުރުން 18 އަހަރު ޕެޑްރީ ރޮޑްރިގޭޒް އާއި ގަވީ އަދި ޔޫސު ޑެމިރް ފަދަ ކުޅުންތެރިން ބާސާ ޖާޒީގައި ފެނިފައިވެއެވެ.