ރިޕޯޓް

އެންމެ 13 އަހަރުގެ ޝައިހާގެ މަރު: ދުޅަވީ ޓޮންސިލް، ފަހުން އެނގުނީ ލޭގެ ކެންސަރުކަން، ވަކިވެދިޔައީ ހަފުތާއެއް ތެރޭ

ރިފާ ހަލީލު

އެއީ މީގެ ކުރިން ސިއްހީ ބޮޑު މައްސަލައެއް ދިމާވި ކުއްޖެއް ނޫނެވެ. އެކަމަކު ކުއްލިއަކަށް ދިމާވި ބަލިމަޑުކަމުން މުޅި އާއިލާ ވަނީ ޝޮކެއްގެ ތެރޭގަ އެވެ. ބައެއް ހާލަތުގައި މި ބައްޔަކީ އަވަހަށް ފަރުވާ ކޮށްފިނަމަ ރަނގަޅުވާ ބައްޔެއް ކަމުން އާއިލާއިން ތިބީ އެކަމުގެ އުއްމީދުގަ އެވެ.

މިއީ ލޭގެ ކެންސަރު ޖެހިފައިވާ ކަން މީގެ އަށް ވަރަކަށް ދުވަސް ކުރީން އެނގުނު ގދ. ތިނަދުއަށް އުފަން ޝައިހާ ޝަހީދުގެ ވާހަކަ އެވެ.

ޝައިހާގެ އާއިލާގެ ފަރާތުން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ ޝައިހާ އަށް ލޭގެ ކެންސަރު ޖެހިފައިވާ ކަން އެނގުނީ ހުސްވި ހަފުތާގެ ތެރޭގައި ކަމަށެވެ.

"މީގެ އަށެއް ނުނީ ހަތް ވަރަކަށް ދުވަސް ކުރިން މިއެނގުނީ. ފުރަތަމަ ޓޮންސިލް ދުޅަވެގެން ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް މި ދެއްކީ. ދެން އެ ފަހަރު ބޭސްދީފަ ފޮނުވާލީ. ދެން އަނެއްކާވެސް އެ ހޮސްޕިޓަލަށް މިދިޔައީ ގަދަޔަށް ހުން އަންނާތީ. އެމީހުން ޓެސްޓުތަކެއް ކޮށް ރަނގަޅު ނުވީމަ މާލެ ގެނެސް އައިޖީއެމްއެޗަށް ދެއްކީ. ލޭގެ ކެންސަރު (އެކިއުޓް ލުކީމިއާ) ޖެހިފަ ހުރިކަން އެނގުނި މިކޮޅުން އަލުން ޓެސްޓުތައް ހެދީމަ." ޝައިހާގެ ބަލި ދެނެގަނެވުނު ގޮތް ހިއްސާ ކުރަމުން އާއިލާގެ މެންބަރު ބުންޏެވެ.

އުމުރުން އެންމެ 13 އަހަރުގެ ކުޑަ ކުޑަ ޝައިހާ މި ބައްޔާ ހަނގުރާމަ ކުރާނީ ކިހިނެއްތޯ އާއިލާ އެންމެހައި މެންބަރުންނަށް ވެސް ސުވާލުކުރެވުނެވެ. މިއީ އެ އުފާވެރި އާއިލާ އަށް ކަޅުވިލާގަނޑެއްގެ ސިފައިގައި އައި ހަބަރެކެވެ. ގަބޫލުކުރަން ދަތިވިއަސް މިއީ ހަގީގަތް ކަމުގައި ގަބޫލުކޮށްގެން އާއިލާއިން ދެން މަސައްކަތް ކުރީ ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންގޮސްގެން ޝައިހާގެ ފަރުވާ ފަށާށެވެ. ނަމަވެސް ޝައިހާގެ ހާލު ދުވަހެއް ދުވަހަކަށް ދަށްވެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ޖެހުމުން ބޭރަށް ގެންދިޔުން ލަސްކުރަން މަޖުބޫރުވި އެވެ.

"ޝައިހާ ކެންސަރަށް ޑައިގްނޯސްވީ ދުވަހު ނޫން ޖެހިގެން އައި ދުވަހު އާސަންދަ ހަމަޖެހުނު. އެކަމަކު ފުރޭ ގޮތް ނުވީ ޝައިހާގެ ހާލަތު ދަށްވުމުގެ ސަބަބުން. ވެންޓިލޭޓަރުގަ ފަރުވާ ދޭން ފެށީ އައިޖީއެމައެޗަށް ގެނައިތާ ދެވަނަ ދުވަހު. ދެން އެހާލަތުގަ ބޭރަށް ފުރައިގެން ދެވޭކަށް ނެތް. ޝައިހާގެ ފަރުވާއަށް އާއިލާ އިންޑިއާ އަށް ފުރީ މިދިޔަ ހޯމަ ދުވަހުގެރޭ. ދެން އަމްރިތާ އަށް ގެންދެވުނީ އިއްޔެ ހެނދުނު. އޭރުވެސް ހާލު ދެރަ." އާއިލާގެ މެންބަރު ވަރަށް އަސަރާއެކު ކިޔައިދިނެވެ.

މިފަދަ ބޮޑު ބައްޔަކަށް ފަރުވަ ކުރުމަށް އިންޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަން ޖެހުމާއެކު އާއިލާއިން އާންމުންގެ ދީލަތި އެހީ އަށްވެސް އެދުނެވެ. އަދި ގިނަ ބަޔަކު ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ޝައިހާ އަމްރިތާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ފެށި ހިސާބުން ކުރިއަށް އޮތް 48 ގަޑިއިރާއި 72 ގަޑި އިރަކީ ވަރަށް ކްރިޓިކަލް ވަގުތުކޮޅެއް ކަމަށް ޑޮކްޓަރުން އާއިލާއަށް ބުންޏެވެ.

އާއިލާގެ އެންމެ ހަގު އެންމެންވެސް އެެންމެ ލޯބިވާ ޝައިހާގެ މަރުގެ ހަބަރު ޑޮކްޓަރު އާއިލާއަށް ހިއްސާކުރީ ރޭ ފަތިހު 3:30 ހާއިރު ކަމަށް އާއިލާއިން ބުންޏެވެ.

"ޝައިހާ ކޮއްކޮ ވަކިވެގެން ދިޔަ ކަމަށް ގަބޫލެއްވެސް ނުކުރެވޭ. ޓޮންސިލް ދުޅަވެ މިވަރުގެ ބޮޑު ބައްޔެއްގެ ސަބަބުން ފުރާނަ ގޮސްދާނެ ކަމަށް ހީވެސް ނުވޭ. ޝައިހާ ކޮއްކޮގެ ޓޮންސިލް ކުރީން ދުވަހަކުވެސް ދުޅައެއް ނުވޭ. މީ ފުރަތަމަ އަދި ފަހު ފަހަރު. އެދެނީ އެންމެންގެ ހެޔޮދުއާ." ރޮމުން ރޮމުން އަސަރާއެކު އޭނާ ކިޔައިދިނެވެ.

ގދ. ތައުލީމީ މަރުކަޒުގެ ގްރޭޑް ހަތެއްގައި ކިޔަވަމުން އައި ޝައިހާގެ ހަށިގަނޑު މިހާރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު ރާއްޖެ ގެނެވޭނެ ސީދާ ގަޑިއެއް އަދި ނޭނގެ އެވެ.

ޝައިހާގެ ޖަނާޒާގައި ވީހާވެސް ގިނަ މީހުން ބައިވެރިވެ ޝައިހާ އަށް ހެޔޮ ދުއާ ކޮށްދިނުމަށް އެ އާއިލާއިން ވަނީ އެދިފަ އެވެ.

ޝައިހާގެ ފޮޓޯތައް އާންމު ނުކުރުމަށާއި އެހީއަށް އެދި އާއިލާއިން އާންމު ކުުރި ފޮޓޯވެސް ދެން އިތުރަށް މީޑިއާތަކުގެ ވަސީލަތްތަކުގައި ނުފެތުރުމަށް އާއިލާއިން ވަނީ އެދިފަ އެވެ. ވަން ގައި ވެސް ޝައިހާގެ ފޮޓޯ ހުރި ނަމަވެސް، މި އާޓިކަލުގައި ފޮޓޯ ހިމަނާފައި ނުވަނީ އާއިލާގެ އެ އެދުމަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ.