ބްރެޒިލުން ރާއްޖެ އައި މީހެއްގެ އަތުން 94 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް އިން މިއަދު ބުނީ ވައިގެ މަގުން މިމަހުގެ ދެވަނަ ދުވަހު ބްރެޒިލުން ރާއްޖެއައި އެގައުމުގެ 28 އަހަރުގެ ފިރިހެނަކާ މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ބަލައި ފާސްކުރި އިރު، ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

އެތަކެތި މަސްތުވާތަކެއްޗަށް ޓެސްޓު ކުރިއިރު ކޮކެއިންއަށް ވަނީ ޕޮޒިޓިވްވެފައެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނުގައި 18.857 ކިލޯގުރާމް ހުއްޓެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 94،000،000 (94 މިލިއަން) ރުފިޔާއަށް އަރައެވެ. އަދި މި މައްސަލައިގައި ޝާމިލުވާ މިހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.