މަސްވެރިކަމަކީ ދިވެހިންގެ ލޭނާރެވެ. މިއަދުވެސް ރާއްޖޭގެ އެތައް އާއިލާއެއްގެ ހަރަދުބަރަދު ބަލަހައްޓަނީ ކަނޑުފަޅުތަކުން ބާނާ މަސް ވިއްކައިގެން އެއިން ލިބޭ އާމްދަނީންނެވެ. ޒަމާން ވީ، މަސްވެރިކަން މިއަދު މިވަނީ ޒަމާނީ ވެފައެވެ. އުޅަނދުތައް ބޮޑެތި ވެފައި، މަސް އައިންތައް ހޯދުމަށް ހޭދަކުރާ ވަގުތުތައް މިވަނީ ޒަމާނީ އަލާތްތަކާއެކު މަދުވެފައެވެ. މަސް ބޭނުމުގެ ތަފާތު އުކުޅުތައް ތައާރަފުވެ މަސްވެރިންނަށް މިއަދު މިވަނީ އެތައް ލުޔެއް ލިބިފައެވެ. މަސްވެރީން ބާނާ މަހުގެ އަދަދު މިއަދު އިތުރެވެ. މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ ބާނާ މަސްކޮޅު ނުކިރި، ނުވަތަ އެ މަހަށް ހަމައަގު ނުލިބޭ މައްސަލައެކެވެ. ގެއްލުމުގައި މަސްވެރިކަން ކުރަން ޖެހުމުގެ ކަންބޮޑުވުމެވެ. މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަކީ މީގެ ކުރިން އައި ސަރުކާރުތަކުންވެސް ވައުދުވި ކަމެކެވެ. ނަމަވެސް އެ ވައުދު އޮތީ ނުފުއްދިއެވެ.
މި ސަރުކާރު ވެރިކަމަށް އައިސް، މަސްވެރިކަން ކުރިއެރުވުމަށް ފިޝަރީޒް މިނިސްޓްރީގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަން ފެށިއެވެ. ކަންކަން ރަނގަޅުކޮށް، މިނިސްޓްރީ އާއި މިފްކޯއާމެދު މަސްވެރިންގެ އިތުބާރު އުފެއްދުމުގެ މަސައްކަތް ފަށައިގަތެވެ. އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ކުރި އެއްކަމަކީ، މިފްކޯއިން މަސްވެރިންނަށް ނުދައްކާ އޮތް 37 މިލިއަން ރުފިޔާގެ ދަރަނި މަސްވެރިންނަށް ދީ ހަލާސްކުރުމެވެ. މަސްވެރިން އަތުން ގަންނަ މަހަށް ގަވައިދުން ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމްކޮށް، ކޮންމެ ހަފުތާއަކުން މަސްވެރީންނަށް ފައިސާ ދެއްކުމުގެ އިންތިޒާމުތައް ހަމަޖެއްސުމެވެ. އެއާއެކު މަސްވެރީންނަށް އެމީހުން ވިއްކާ މަސްކޮޅަށް ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން އިތުރުވެ، މިފްކޯއަށް އޮންނަ އިތުބާރު ވެސް ވަނީ ބޮޑުވެފައެވެ.
ރާއްޖޭގެ މަސްވެރިން އާންމު ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުންކޮށް އުޅެނީ ބޮޑު ކަންނެލީގެ މަސްވެރިކަމާއި ކަޅުބިލަމަހުގެ މަސްވެރިކަމެވެ. މި ދެބާވަތުގެ މަސް ގަނެވޭނެ އެންމެ ދަށް އަގު ކަނޑައަޅައި، ސަރުކާރުން ވަނީ މަސްވެރިންނަށް ހަމައަގު ލިބޭނެ ކަމުގެ އުންމީދު އާކޮށްދީފައެވެ. އެގޮތުން 1.5 ކިލޯ އަދި އެއަށްވުރެ ބަރު ކަޅުބިލަމަސް އަދި ރީނދޫ އުރަހަ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ ކިލޯއަކަށް 13 ރުފިޔާ ކަމަށާއި 1.5 ކިލޯއިން ދަށް ނަމަ ގަނެވޭނެ އެންމެ ދަށް އަގަކީ ކިލޯއަކަށް 5.15 ރުފިޔާ ކަމަށް ވަނީ ފިޝަރީޒް މިނިސްޓްރީން ކަނޑައަޅައިފައެވެ. މިއީ، 2010 ވަނަ އަހަރުގެ ފަހުން މަސްވެރިކަމުގެ ފްލޯ ޕްރައިސް އަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ.
މި ސަރުކާރުގެ ފާއިތުވި ތިން އަހަރުގެ ތެރޭގައި މަސްވެރިކަން ކުރިއެރުވުމަށް ކުރަމުން އަންނަ އެންމެ މުހިންމު އެއް މަސައްކަތަކީ، މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތެވެ. އެގޮތުން މިފްކޯއިން މިހާރު އަންނަނީ، ކޫއްޑޫ އާއި ފެލިވަރާއި ކަނޑުއޮތްގިރި އާއި ގދ. ތިނަދޫ އާއި މ. މުލީގެ އިތުރުން ހުޅުމީދޫގައި ކެޕޭސިޓީ އިތުރު ކުރުމުގެ މަޝްރޫއުތަކުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތްތައް ކުރަނީ، އިންޑިއާގެ އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓާއި ސައުދީ ފަންޑުގެ އިތުރުން ސަރުކާރުގެ އެ ބަޖެޓުންނެވެ.
މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މީގެ ކުރިން ދުވަހަކުވެސް މިފްކޯގެ ތަރައްގީއަށް ހޭދަ ނުކުރާ ވަރަށް ހޭދަ ކުރާނެ އެވެ. މިފްކޯގެ އަމާޒަކީ، އެކުންފުނިން ގަންނަ ހުރިހާ މަހެއް ޕްރޮސެސްކުރުމުގެ ގާބިލުކަންވެސް ހޯދުމެވެ.
މިފްކޯއިން މަސް ގަތް ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި ތިން އަހަރު އެކުންފުނިން ވަނީ ރެކޯޑް އަދަދަކަށް މަސް ގަނެފައެވެ. އެގޮތުން 2019 ވަނަ އަހަރު 48،495 ޓަނުގެ މަސް މިފްކޯއިން ގަނެފައިވާއިރު، މިދިޔަ އަހަރު އެކުންފުނިން ވަނީ 49,392 ޓަނުގެ މަސް ގަނެފައެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް މިފްކޯއިން މިއަހަރު ވަނީ 43,014 ޓަނުގެ މަސް ގަނެފައެވެ. އެހެންކަމުން މިދިޔަ ތިން އަހަރުގެ ތެރޭގައި މިފްކޯއިން ވަނީ 140،901 ޓަނުގެ މަސް ގަނެފައެވެ.
މަސްވެރިކަން ކުރިއެރުވުމަށް މި ސަރުކާރިން ވަނީ ގާނޫނީ ގޮތުންވެސް އިސްލާހީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޑީސަލްގެ ޑިއުޓީ ކަނޑާލައި ދޯނި ބަނުމަށް ބޭނުންވާ ސާމާނުން ވެސް ވަނީ ޑިއުޓީ ކަނޑާލައިފައެވެ. ލޭނު މަސްވެރިކަން ގާނޫނެއްގެ ދަށުން ވަނީ މަނާކޮށްފައެވެ. މަސްވެރިކަން ކުރިއެރުވުމަށް އެސްޑީއެފްސީ މެދުވެރިކޮށް މިދިޔަ ތިން އަހަރުގެ ތެރޭގައި 232 މިލިއަން ރުފިޔާގެ ލޯނު އެހީ މަސްވެރިންނަށް ދޫކޮށްފައިވެއެވެ. އަދި 39 މިލިއަން ރުފިޔާ އިންކަމް ސަޕޯޓް އެލަވަންސް މަސްވެރިންނަށް ދީފައިވެއެވެ.