"ޗޭންޖް އެންޑީއޭ"ގެ ނަމުގައި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ކަންތައް ބަލައި އެތަން އިސްލާހު ކުރުމަށް ގޮވާލައި، ގިނަ އަދަދެއްގެ ބަޔަކު ސޮއިކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން ބެލި ބެލުމުން ބައެއްގެ އިހުމާލާއި ކޮރަޕްޝަންގެ އަމަލުތައް ފާހަގަވެފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ނިންމައި ހުށަހަޅާފައިވާގޮތަށް އެތަނުގެ ފައިނޭންޝަލް އަދި ޕާފޯމެންސް އޮޑިޓު ހެދުމުން އިހުމާލުވި ފަރާތްތަކާއި ވައްކަންކުރި ފަރާތްތައް އެނގިގެންދާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރު، މުލަކު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ނަސީރު ވިދާޅުވެއްޖެއެވެ.

"ޗޭންޖް އެންޑީއޭ"ގެ މައްސަލައިގައި ކޮމިޓީއަށް ފާހަގަކުރެވުނު ކަންތައްތަކާ ބެހޭ މައުލޫމާތު މީޑިއާއަށް ހާމަކުރުމަަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ނަސީރު ވިދާޅުވީ އެންޑީއޭގެ ދަށުގައި ހުރި އެކި ތަންތަނަށް ކޮމިޓީގެ މެންބަރުން ގޮސް އެތަންތަނުގެ ހާލަތު ބަލާފައިވާ ކަމަށެވެ.

ފަރުވާ ހޯދާ މީހުންނަށް ދޭނެ ކާއެއްޗެއް އަދި ބޯނެ ފެންވެސް ނެތްކަން ނަސީރު ފާހަގަކުރެއްވިއެވެ. އަދި އެ ތަންތަނުގައި އެއްވެސް ކަމަކަށް އެއްވެސް އުސޫލެއް ހަމަޖެހިފައި ނޯންނަ ކަމަށްވެސް ވިދާޅުވިއެވެ.

ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން އެތަނަށް ބޮޑެތި ބަޖެޓުތައް ދީފައިވާ އިރު، އޭގެން ކޮށްފައިވާ ކަމެއް ފެންނަން ނެތް ކަމަށްވެސް ކޮމިޓީގެ މެންބަރުން ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ، ސަރުކާރުން 2016 ވަނަ އަހަރު އެންޑީއޭއަށް 78 މިލިއަން ރުފިޔާ، 2017 ވަނަ އަހަރު 63 މިލިއަން ރުފިޔާ، 2018 ވަނަ އަހަރު 60 މިލިއަން އަދި 2019 ވަނަ އަހަރު 70 މިލިއަން، 2020 ވަނަ އަހަރު 95 މިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވާ ކަމަށެވެ.

އެންޑީއޭގެ މައްސަލަ ބަލައި އެތަނުގެ ކަންތައްތައް ރަނގަޅުކުރުމަށް ސަރުކާރަށް ރެކޮމަންޑޭޝަންތަކެއް ހުށަހަޅަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އޭގެ ތެރޭގައި އެންޑީއޭގެ ފައިނޭންޝަލް އަދި ޕާފޯމެންސް އޮޑިޓެއް ހަދަން އޮޑިޓަ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ވަނީ ހިމަނައިފައެވެ. އޭގެ އިތުރުން އެންޑީއޭއަށް ބޭނުންވާ ވަސީލަތްތައް ދިނުމަށާއި، ޑްރަގް ކޯޓަށް އެކަށީގެންވާ ވަރަށް ވަސީލަތްތައް ފޯރުކޮށްދިނުމާއި، ކަސްޓަމްސްގެ ލަފަޔާއެކު ބޯޑާ ކޮންޓްރޯލް ކުރުމަށް ގެންގުޅޭ މެޝިނަރީ އާއި އިކުއިޕްމެންޓްތަކުގެ ފެންވަރު މަތިކުރުމާއި، މަސްތުވާތަކެތީގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި، ޑްރަގް ބޭނުންކުރާ މީހުން، ކުށުގެ ވެށިން ހައްޔަރުކުރުމުން އެމީހުންގެ ބަންދުގެ މުއްދަތު ޖެހުމުގެ އިހުތިސާސް، ކްރިމިނަލް ކޯޓަށް ނެތްކަމަށް އެކޯޓުން ބުނާ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ގުޅިގެން ހައްލުކުރުމަށްވެސް ވަނީ ހިމަނައިފައެެވެ. އަދި އޮޕަރޭޝަންތައް ހިންގަން ފުލުހުންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްވެސް ހިމަނާފައިވެއެވެ.