ވޭތުވެދިޔަ ތިން އަހަރު މަސްކިރާފައި މަސްވެރިންނަށް ލިބެންވާ ފައިސާ ހަމަޔަށް ބަރާބަރަށް ދިނުމުގައި މިފްކޯއިން ނަމޫނާ ދައްކައިފިއެވެ.
މަސް ކިރާފައި މަސްވެރިންނަށް ލިބެންޖެހޭ ފައިސާ އެތައް ދުވަހެއް ވެގެންދާއިރުވެސް ނުލިބޭ ކަމުގެ ޝަކުވާއަކީ މީގެ ކުރިން އެންމެ ގިނައިން އިވޭ އެއް ޝަކުވާއެވެ. ނަމަވެސް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މިފްކޯއިން ވަނީ ނަމޫނާ ދައްކައިދީފައެވެ. މިއަދު އެ ވާހަކަތަކުގެ އަޑު މިވަނީ އެއްކޮށްހެން މަޑުވެފައެވެ.
މިފްކޯއިން ބުނީ ސަރުކާރަށް ތިން އަހަރު ފުރިގެން ދިޔައިރު މަސްވެރިންނަށާއި އެކުންފުންޏަށް ލިބިގެންދާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މަސްކިރާފައި މަސްވެރިންނަށް ލިބެންވާ ފައިސާ ހަމަޔަށް ބަރާބަރަށް ދެވެމުން ދިޔުން ކަމަށެވެ.
މި ސަރުކާރުން މިފްކޯގެ ހިންގުމާ ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 85.4 މިލިޔަން ރުފިޔާ އޮތީ ނުދީއެވެ. މިފްކޯއިން ވަނީ މި ފައިސާ މަސްވެރިންނަށްދީ ހަލާސްކޮށް ނިންމައިފައެވެ. އަދި މުޅި ދުނިޔެ ކޮވިޑާ ގުޅިގެން ބަންދުވެ އަދި ރާއްޖޭގެ ބޯޑަރު ވެސް ބަންދުވެފައި އޮތް އިރު، މިފްކޯ އިން ވަނީ އިގުތިސޯދު ހިފެހެއްޓުމަށްޓަކައި މަސްވެރިންނާއެކު އެންމެ ކުރީ ސަފުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ފާއިތުވެދިޔަ ދެ އަހަރާއި މިއަހަރުގެ މިހާތަނަށް މިފްކޯއިން ވަނީ ރެކޯޑް އަދަދަކަށް މަސްވެރިންގެ އަތުން މަސްގަނެ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ބަރާބަރަށް ދީފައެވެ.
އެގޮތުން 2019 ވަނަ އަހަރު މިފްކޯއިން 48,494 މެޓްރިކް ޓަނުގެ މަސް ގަނެފައިވާ އިރު، 904 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވެއެވެ. މިދިޔަ އަހަރު 49,392 މެޓްރިކް ޓަނުގެ މަސް ގަނެފައިވާ އިރު، 879 މިލިއަން ރުފިޔާ ވަނީ ދީފައެވެ. އަދި މިއަހަރު، މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް މިފްކޯއިން 45،349 މެޓްރިކް ޓަނުގެ މަސް ވަނީ ގަނެފައެވެ. އަދި 699 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދީފައެވެ.
މިފްކޯއިން ބުނީ މި ކާމިޔާބު ހާސިލުކުރެވުނީ އެކުންފުނީގެ ބޯޓުފަހަރާއި ސެންޓަރުތަކުގެ ހާލަތު ރަނގަޅުކުރުމަށް މުވައްޒަފުން ކުރަމުންދިޔަ ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ. މި ކާމިޔާބުގެ އިތުރުން މިފްކޯއިން ވަނީ ރާއްޖެއިން ބޭރަށް ފިނިކުރި މަސް އެކްސްޕޯޓް ކުރުމުގައިވެސް ނަމޫނާ ދައްކައިދީފައެވެ. އެގޮތުން 2019 ވަނަ އަހަރު 908،39 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާ އިރު، މިދިޔަ އަހަރު ވަނީ 212،33 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައެވެ. އަދި މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 659،37 މެޓްރިކް ޓަނުގެ ފިނިކުރި މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ.
މިފްކޯއިން ބުނިގޮތުގައި ވޭތުވެދިޔަ ތިން އަހަރު އުތުރުގެ މަސްވެރިކަން ރަނގަޅުވެ، ލޭންޑްކުރި މަހުގެ އަދަދުތައް އިތުރުވުމުން އެ ސަރަހައްދުން މަސްގަތުމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވި ނަމަވެސް މިފްކޯގެ މެނޭޖްމަންޓާއި މުވައްޒަފުން ކުރި މަސައްކަތުން މަސްވެރިންނަށް މަސް ނުކިރިގެން ކުރާނެ ނޭދެވޭ އަސަރު ކުޑަކުރެވިފައިވެއެވެ. އަދި މަސްވެރީންނަށް މަސްކިރުވުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ސަރުކާރާ ގުޅިގެން ދުވާލަކު 100 ޓަނު މަސްފިނި ކުރެވޭ އަދި 300 ޓަނު މަސް ސްޓޯރު ކުރެވޭ ބޯޓަކާއި މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ކެރިއަރެއް ރާއްޖެ ގެނެވިފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
ރާއްޖެ ލާމަރުކަޒީ ނިޒާމަކުން ހިންގުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި މަސްވެރިންގެ އަތުން މަސް ގަންނަ ފެސިލިޓީތައް ގާއިމުކުރުމަށް ނިންމައި ފައިސާ ހޯދުމުގެ މަސައްކަތްވެސް މިފްކޯއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިހާރު މަސް ގަންނަ ސެންޓަރުތަކުގެ އިތުރުން މ. މުލަކާއި ގދ. ތިނަދޫގައި މަސް ގަންނަ ސެންޓަރުތަކެއް ހެދުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އެކަމުގެ މަސައްކަތް ވަނީ ފަށައިފައެވެ. ތިނަދޫ އާއި މުލަކުގައި ދުވާލަކަށް 100 ޓަނުގެ މަސް ފްރީޒްކުރެވޭ އަދި 500 ޓަނާއި 1000 ޓަނާ ދެމެދު މަސް ރައްކާކުރެވޭ ފެސިލިޓީތައް ހަދާނެއެވެ. މި ފެސިލިޓީތަކުގެ ސަބަބުން އިތުރު ވަޒީފާތަކެއް އުފެދިގެންދިއުމާއެކު މަސްކިރުމަށް އެ ސަރަހައްދުތަކުގެ މަސްވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް މިފްކޯއިން ބުންޏެވެ.
މީގެއިތުރުން ފެލިވަރުގައި މުޅިން އަލަށް 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 200 ޓަނުގެ ބްރައިން ފްރީޒިން އަދި 80 ޓަނުގެ އާރްއެސްޑަބްލިއު ސިސްޓަމެއް ގާއިމުކުރުމާއި 3500 ޓަނުގެ ކާގޯ ވެސަލް ކައިރިކުރެވޭ ފެންވަރުގެ އާ ޖެޓީއެއް ތަރައްގީ ކުރުމުގެ މަސައްކަތާއި މަސްކިރާނެ ޖެޓީއަކާއި ފެލިވަރުގެ ބޭނުންތަކަށް ބޭނުންކުރާނެ އިތުރު ޖެޓީއެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށައިފައެވެ.
މީގެ އިތުރުން ފެލިވަރުގައި މުޅިން އަލަށް 100 ޓަނުގެ ޕްރޮސެސިސް ކޭނެރީއެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ. އެކަމަށްޓަކައި ފެލިވަރުގެ ފަސް ހެކްޓަރުގެ ބިން ހިއްކުމަށާއި ޖެޓީތައް ހަދާ ސަރަހައްދުގެ ނެރާއި ފަޅު ފުންކުރުމަށް ސަރުކާރުން މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށް، މަސައްކަތް ފަށައިފައެވެ. މި ހުރިހާ ޕްރޮޖެކްޓަށް 761 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިފްކޯއިން ބުނެއެވެ.
ކަނޑުއޮތްގިރީގެ ފަޅު މަރާމަތުކޮށް މަސްވެރިންނަށް ހުރިހާ މޫސުމެއްގައިވެސް އެތަން ބޭނުންކުރެވޭނެ ގޮތަށް ހެދުމަށްވެސް މިފްކޯއިން ވަނީ ނިންމައިފައެވެ. އަދި އެތަނުގެ ޖާގަ އިތުރުކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އަމިއްލަގޮތުން ރޯމަސް ފްރެޝްކޮށް އެކްސްޕޯޓްކުރުމަށް ފަސޭހަތަކެއް ހޯދައިދިނުމަށްވެސް މިފްކޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކޫއްޑޫ ބަނދަރުގެ ޖާގަ ކުޑަވުމާއެކު މިހާރު މަސްވެރިކަން ކުރާ ބޮޑެތި އުޅަނދުތައް އެ ބަނދަރުގެ ބޭނުންކުރަން ދަތިތަކަކާ ވަނީ ކުރިމަތިވެފައެވެ. އަދި މަސްވެރިކަމުގެ ފަހި މޫސުމުގައި މަސްކިރުން ލަސްވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ކޫއްޑޫގެ ފަޅުގެ ޖާގަ އިތުރުކޮށް، ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމަށްވެސް މިފްކޯއިން ވަނީ ރާވައިފައެވެ. އެކަން ނިމޭއިރު ކޯލްޑް ސްޓޯރަށް 4000 ޓަނު އިތުރު ކުރެވޭނެ ކަމަށާއި އަދި 6000 ޓަނަށް ކޫއްޑޫގެ ޖާގަ އިތުރުކުރަން ނިންމާފައިވާ ކަމަށްވެސް މިފްކޯއިން ބުނެއެވެ.
މިފްކޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ މި ތަރައްގީއާއެކު މަސްވެރިންނަށް މިހާރަށްވުރެ ލުއިފަސޭހަ އަދި އަވަސް ހިދުމަތްތަކެއް ދިނުން ކަމަށެވެ. އަދި މަސްވެރިންގެ އަތުން ގަންނަ މަހަށް އެކަށީގެންވާ ރަނގަޅު އަގެއް ދާއިމީގޮތެއްގައި ދެމުން ގެންދިއުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު