ޚަބަރު

ލަންކާގައި އަލަށް އުފައްދާ ބަޖެޓް އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ސްރީ ލަންކާގައި އަލަށް އުފައްދާ އިންޓަނޭޝަނަލް ބަޖެޓު އެއާލައިނެއް ކަމަށްވާ, ފްލައި ލަންކަން އޭޝިއާ އިން އެންމެ ފުރަތަމަ ދަތުރު ފަށާ އެއް ގައުމަކަށް ރާއްޖެ ހިމަނައިފިއެވެ.

އެ އެއާލައިނުގެ ސީއީއޯ ޑރ. އަރޯޝާ ފެނާންޑޯއާ ހަވާލާދީ ލަންކާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން, އެ އެއާލައިނުން ފުރަތަމަ އިސްކަންދޭނީ ސަރަހައްދީ ގައުމުތަކަށް ދަތުރުތައް ފެށުމަށެވެ.

އެގޮތުން އެ ލިސްޓުގައި ރާއްޖޭގެ އިތުރުން އިންޑިއާ, އިންޑޮނޭޝިއާ, މެލޭޝިއާ, މިޔަންމާ އަދި ދުބާއީ ހިމެނެއެވެ. މި ގައުމުތަކަށް ދަތުރުތައް ބާއްވާނީ ރަތުމަލާނަ އަދި ކަޓުނާޔަކަ އެއާޕޯޓުންނެވެ. ޓްރާންސިޓް އޮޕަރޭޝަންތަކަށް މައްތަލަ އެއާޕޯޓް ބޭނުން ކުރާނެއެވެ.

ފެނާންޑޯ ވިދާޅުވީ, ފްލައި ލަންކަން އޭޝިއާގެ ދަތުރުތައް ފަށާނީ އަންނަ ޖަނަވަރީ މަހުން ފެށިގެން ކަމަށާއި އެ ދަތުރުތަކުގައި ބޭނުން ކުރާނީ ބޮއިންގް 737 މަރުކާގެ މަތިންދާ ބޯޓެއް ކަމަށެވެ. އަދި އިތުރު ފަސް މަތިންދާބޯޓު ގަތުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ލަންކާގައި މިހާރު އޮޕަރޭޓް ކުރަނީ އިންޓަނޭޝަނަލް ދެ އެއާލައިނަކުންނެވެ. އެއީ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިންސް އަދި އަމިއްލަ އެއާލައިނެއް ކަމަށްވާ ފިޓްސް އެއާއެވެ.