ރާއްޖޭގައި އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކާއި، އެކަންކަމަށް ހުއްޓުމެއް ގެނައުމަށް ކުރަން ޖެހޭ ކަންކަން ދެނެގަތުމާ ގުޅޭ ގޮތުން ހެދި ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއީ ރައްޔިތުންގެ މަޖިލީހުން ހެދި ފުރަތަމަ ޕާލަމެންޓްރީ އިންކުއަރީއެވެ.
މި ރިޕޯޓަކީ ރާއްޖޭގެ އަންހެނުންނާމެދު ކުރާ ތަފާތު ކުރުން ތަކަށް ހުއްޓުމެއް ގެނައުމަށް ޓަކައި ކަމާގުޅޭ ސިޔާސަތުތަކާއި، ނިޒާމާއި ގާނޫނުތަކާއި ގަވައިދު ތަކުގައި ހުރި ހުރަސްތަކާއި ތަފާތުކުރުންތައް ދެނެގަތުމަށްޓަކައި ޕާލަމެންޓްރީ އިންކުއަރީއެއް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ހުށަހެޅުއްވި ގަރާރާ ގުޅިގެން ކުރި ދިރާސާއަށްފަހު އެކަމަށް ޓަކައި ކުރަން ޖެހޭ ކަންތައްތައް ހިމަނައިގެން ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އެ ރިޕޯޓު ފާސްކުރީ، ޖަލްސާގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން 50 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ރިޕޯޓު ފާސްކުރަން ބޭނުން ވަނީ 26 ވޯޓެވެ.
ރާއްޖޭގެ އަންހެނުންނާމެދު ކުރާ ތަފާތު ކުރުން ތަކަށް ހުއްޓުމެއް ގެނައުމަށް، އެ ރިޕޯޓުގައި 28 ކަމެއް ކުރުމަށް ވަނީ ހުށަހަޅައިފައެވެ.
އޭގެ ތެރޭގައި، ނިޒާމީ އޮނިގަނޑުގެ ތެރެއިން މިންތީގެ ހަމަހަމަކަމަށް ވާސިލު ވުމަށާއި، އަންހެނުންގެ ހާލަތާއި އިޖުތިމާއީ ކުރިއެރުން ހޯދުމަށް ދައުލަތުގެ އިދާރާތައް ޖެންޑާ މެއިންސްޓްރީމް ކޮށްގެން ހިންގުމަށް ބޭނުންވާ ބަޖެޓާއި، އިންސާނީ ވަސީލަތްތައް ހަމަޖެއްސުމާއި، އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުންތަކާއި، ކުރާ ފުރައްސާރަ އާއި، ޖިންސީގޯނާ އާއި އަނިޔާ އާއި ތަފާތު ކުރުންތަކުގެ ސަގާފަތް ނައްތާލައި، އެކަމާ ގުޅޭ ގޮތުން މީހުންގެ ވިސްނުން ބަދަލުކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ.
މީގެ އިތުރުން ވިހެއުމަށްފަހު ވެސް އަންހެނުން މާލީގޮތުން ބާރުވެރި ކުރުމަށްޓަކައި ވަޒީފާތަކަށް ދިއުމަށާއި އާމްދަނީ ލިބޭނެ މަސައްކަތްތައް ކުރުމަށް މަގުފަހިކުރުމުގެގޮތުން ކުދިން ބަލަހައްޓާނެ ޑޭ-ކެއާ މަރުކަޒުތައް ގާއިމުކުރުން އަވަސްކުރުމަށާއި، މިންތީގެ ހަމަހަމަކަމަށް ކުދިން އަހުލުވެރިކުރުމަށް ތައުލީމީ މަންހަޖުގައި ހިމަނައިގެން ސްކޫލްތަކުގައި ޕްރޮގްރާމްތައް ހިންގުމާއި، އަންހެނުންނަކީ ވަކި ބާވަތެއްގެ މަސައްކަތެއް ކުރަން ޖެހޭ ބައެއްކަމުގައި ދެކޭ ވިސްނުން ބަދަލުކޮށް ރާއްޖޭގެ މަސައްކަތުގެ ހުރިހާ ދާއިރާއެއްގެ ހުރިހާ ގިންތިތަކެއްގައިވެސް އަންހެނުން މަސައްކަތްކުރުމަށް ބާރު އަޅައި އެކަމަށް ހޭލުންތެރި ކުރުވުންވެސް ހިމެނެއެވެ. އަދި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި އިހުމާލުވާ މުވައްޒަފުން ޖަވާބުދާރީކުރުވުމާއި، މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރާ މަސައްކަތުގައި މީޑިއާތަކުގެ ދައުރު ފުޅާކުރުމަށްވެސް ހިމަނާފައި ވެއެވެ.
ސިޔާސަތު ކަނޑައެޅުމާއި، ގާނޫނުތައް ތަންފީޒު ކުރުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ގާނޫނުތައް ތަންފީޒު ކުރުމަށް ގާއިމު ކޮށްފައިވާ މިނިވަން މުއައްސަސާތަކުގެ މެންބަރުކަމުގެ މަގާމުތަކުގެ ތެރެއިން ވަކި މިންވަރެއް އަންހެނުންނަށް ހާއްސަ ކުރުމަށް ޓަކައި ގާނޫނުތަކަށް ބޭނުންވާ އިސްލާހުތައް ގެނައުމަށް ވެސް ކޮމިޓީ ރިޕޯޓުގައި ވަނީ ހުށަހަޅައިފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް