ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ފުޓުބޯޅަ ޓީމުގެ ތަރިއަކަށް ވި ހައިޝަމް ހަސަން (ބިޑި)ވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ސޮއިކޮށްފިއެވެ.
ހައިޝަމް މާޒިޔާއަށް ސޮއިކުރިކަން އެ ކްލަބުން މިއަދު އިއުލާން ކޮށްފައިވާ އިރު، މިއީ ކުރިއަށް އޮތް ސީޒަނަށް އެ ކްލަބުން އަލަށް ގެންދިޔަ ތިންވަނަ ކުޅުންތެރިޔާއެވެ.
މާޒިޔާއިން އިއްޔެ ވަނީ ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) ވެސް އެ ކްލަބާ ގުޅުނުކަން އިއުލާން ކޮށްފައެވެ. އަދި އޭގެ ކުރިން މާޒިޔާއިން ވަނީ ނޭޕާލްގެ ކެޕްޓަން، އަދި ގޯލްކީޕަރު ކިރަން ކުމާރުވެސް އެ ކްލަބާއި ގުޅުނުކަން އިއުލާން ކޮށްފައެވެ.
ބ. އޭދަފުއްޓަށް އުފަން އުމުރުން 22 އަހަރުގެ ހައިޝަމް 2018 ވަނަ އަހަރުން ފެށިގެން މިދިޔަ ސީޒަނާ ހަމައަށް ކުޅުނީ ކްލަބު އީގަލްސްއަށެވެ.
ގައުމީ ޓީމުގެ ފުރަތަމަ 11 އިން ބަރާބަރަށް ޖާގަ ހޯދަމުން އަންނަ ހައިޝަމް އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ އިތުބާރު އެއް ކުޅުންތެރިޔާއެވެ. ހާއްސަކޮށް ރާއްޖޭގެ އެންމެ އިތުބާރު ސައިޑް ބެކަކީ ހައިޝަމް އެވެ.