އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ، ޏ. ފުވައްމުލައް/ މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ ލެޕްޓޮޕުން ހެކި ހޯދުމަށް އެމެރިކާގެ ފެޑްރަލް އިންވެސްޓިގޭޝަން ބިއުރޯ (އެފްބީއައި)އަށް ފޮނުވައިފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި އޮތީ، އަމީންއަށް ދައުވާ ކުރާ ޓެރަރިސްޓު ޖަމާއަތެއްގެ ބައިވެރިވުމާއި، ޓެރަރިޒަމް އަމަލެއް ކުރުމުގެ މައްސަލަ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ހެކި ހުށަހެޅުމެވެ. އެ މައްސަލަ މިއަދު 9:30 އަށް ތާވަލުކޮށްފައި އޮތް ނަމަވެސް ޝަރީއަތް ފެށިފައިވަނީ 10:45 ގައެވެ. އެއީ ދައުލަތުގެ ވަކީލުންނާއި ދިފާއީ ވަކީލުން ކޯޓަށް ހާޒިރު ނުވުމުންނެވެ. މިއަދުގެ ޝަރީއަތް ނިމިފައިވަނީ 11:55ގައެވެ.
ދައުލަތުގެ ފަރާތުން ހެކި ހުށަހެޅުމުގެ ކުރިން އަމީންގެ ދިފާއީ ވަކީލު އިސްމާއިލް ވިޝާމު ވަނީ އިޖުރާއީ ނުކުތާއެއް ފާހަގަކުރައްވައިފައެވެ. އެނުކުތާއަކީ އަމީނުގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލުއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލައެކެވެ. އެ ސުލޫކީ މައްސަލައަކީ 2019 ވަނަ އަހަރު އަމީންގެ މައްސަލައެއް ކުރިއަށް ގެންދިޔަ ގޮތާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައެކެވެ. އެކަން ފާހަގަކުރައްވައި ވިޝާމު އެދިވަޑައިގަތީ ހެކިހުށަހެޅުމުގެ ބައި ކުރިއަށް ނުގެންދިޔުމަށެވެ.
ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، އަމީންގެ މައްސަލައާ ހަވާލުވުމުގެ ކުރިން އުއްތަމަފަނޑިޔާރު މުއްތަސިމް އަދުނާނަށް ސިޓީއިން އެކަން އަންގަވާފައިވާނެ ކަމަށާއި، އުއްތަމަފަނޑިޔާރު ވިދާޅުވީ އަމީންގެ މައްސަލަ ބެލޭނެ ކަމަށް ކަމަށެވެ.
އެއަށްފަހު ދައުލަތުން ވަނީ ފުރަތަމަ ހެކިވެރިޔާ ހުށަހަޅައިފައެވެ. އެއީ ފުލުހުންގެ ފޮރެންސިކް ޑައިރެކްޓޮރޭޓުގައި މަސައްކަތްކުރާ ޖުމާން އަބްދުއްރަހީމް އެވެ. ހެކިބަސް ދެމުން އޭނާ ބުނީ އަމީންގެ ފޯނުގެ ފޮރެންސިކް އެނަލިސިސް ހަދާފައިވާނެ ކަމަށެވެ. އަދި އެނަލިސިސް ހެދުމަށްފަހު އޭގެ ރިޕޯޓު ހަވާލުކޮށްފައިވާނެ ކަމަށެވެ. އަމީންގެ ފޯނުން އޭނާގެ މައްޗަށް ދައުވާކުރާ ކުށްތަކާ ގުޅުން ހުރި ހެކިތައް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހެކިވެރިޔާއާ ސުވާލު ކުރައްވަމުން ވިޝާމު ވިދާޅުވީ، ކޯޓަށް ހުށަހަޅާފައިވަނީ އަމީންގެ ފޯނުގެ އެނަލިސިސްގެ މައްޗަށް ތައްޔާރުކޮށްފައިވާ ޕްރިލިމަނަރީ ރިޕޯޓެއް ކަމަށެވެ. ޖަވާބުގައި ޖުމާން ވިދާޅުވީ ޕްރިލިމަނަރީ ރިޕޯޓެއް ތައްޔާރު ކުރީ އަމީންގެ ފޯނުން ފެނުނު ހެކިތައް ޑިޖިޓަލް އެވިޑެންސް ލެބޯޓަރީން ނުނިމި ލަސްވާތީ ކަމަށާއި، ނިމުމުން ފައިނަލް ރިޕޯޓު ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވާނެ ކަމަށެވެ. ޖުމާން އަކީ ފޮރެންސިކުގައި މަސައްކަތްކުރާ ޓްރެއިނީއެއް ކަމަށް ވިޝާމު ވިދާޅުވުމުން އެކަމާ ގުޅޭ ގޮތުން ދައުލަތުން ވެސް އަދި ޖުމާން ވެސް ވަކި ވާހަކައެއް ނުދައްކައެވެ.
އެއަށްފަހު ދައުލަތުން ހުށަހެޅީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހީމް ޒުހެއިރު އެވެ. ޒުހެއިރު އަކީ ފުލުހުންގެ ފޮރެންސިކް ޑައިރެކްޓޮރޭޓުގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި މަސައްކަތްކުރާ ފުލުހުކެވެ. ހެކިބަސް ދެމުން އޭނާ ބުނީ، އަމީންގެ ލެޕްޓޮޕުގެ އެނަލިސިސް ހެދުމުގެ ތެރެއިން އިސްލާމިކް ސްޓޭޓުގެ އަށް ވީޑިއޯ އާއި ޑޮކިއުމެންޓުތައް ފެނިފައިވާ ކަމަށެވެ.
ޝަރީއަތުގައި ވަނީ އެ ވިޑިއޯތަށް އަޅުވައިފައެވެ. ވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއޯގައި ވަނީ ދިވެހި ބަހުން ތައްޔާރުކޮށްފައިވާ އިސްލާމިކް ސްޓޭޓުގެ ދިވެހި ހަނގުރާމަވެރިންތަކެއް ބަޑި ހިފައިގެން ތިބި މަންޒަރާއި އެމީހުން ހަނގުރާމަ ކުރަމުން ދަނިކޮށް މަރުވެފައިވާ މަންޒަރެވެ. އެ ވީޑިއޯއިން އަންހެނުން ވެސް ފެނެއެވެ. ދެން ހުރި ވީޑިއޯތަކުގައި ހުރީ ހުޅަނގުގެ ގައުމުތަކުން އަރަބި ގައުމުތަކަށް ބޮންއަޅާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އާއި އަރަބި ގައުމުތަކާ ބެހޭ ގޮތުން ހުޅަނގު ގައުމުތަކުގެ ލީޑަރުން ދައްކަވާފައިހުރި ވާހަކަތަކެވެ. އެގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުގެ ވެރިޔާ އިސްލާމިކް ސްޓޭޓާ ދެކޮޅަށް ދެއްކެވި ވާހަކަ ވެސް ހިމެނެއެވެ. ދެން ހުރީ އިސްލާމިކް ސްޓޭޓުގެ ޕްރޮޕެގެންޑާ ފަތުރަން ތައްޔާރުކޮށްފައިވާ ވީޑިއޯއެވެ. އެ ވީޑިއޯތަކުން ފެންނަނީ ހާލުގައި ޖެހިފައިވާ މީހުންނާއި އެމީހުންނަށް އިސްލާމިކް ސްޓޭޓުން އެހީތެރިވާ މަންޒަރެވެ.
އަމީންގެ އެހެން ލެޕްޓޮޕަކުން ވެސް ހެކި ހޯދުމަށް ފުލުހުން މަސައްކަތްކުރިއެވެ. އެއީ ޓޮޝީބާ ބްރޭންޑުގެ ލެޕްޓޮޕެކެވެ. ހެކިބަސް ދެމުން ޒުހެއިރު ބުނީ، އެ ލެޕްޓޮޕުގެ ޑާޓާ އެންކްރިޕްޓު ކޮށްފައިވަމުން އޭގައި ހުރީ ކޮން އެއްޗެއްކަން ނޭނގޭ ކަމަށެވެ. އަދި ލެޕްޓޮޕް އެންކްރިޕްޓު ކޮށްފައިވާ ކަން އެނގުނީ ޑިޖިޓަލް ފޮރެންސިކުން އެނަލިސިސް ހެދުމަށް މަސައްކަތް ކުރުމުން ވެސް ޑާޓާއަށް އެކްސެސް ނުވާތީ ބެލުމުން ކަމަށެވެ. ޒުހެއިރު ވިދާޅުވީ އަމީންގެ ލެޕްޓޮޕު އެންކްރިޕްޓް ކޮށްފައިވާ ކަން ތަފާތު ތިން ސޮފްޓުވެއާ މެދުވެރިކޮށް ޔަގީން ކޮށްފައިވާ ކަމަށާއި، އަދި ފުލުހުން ބޭނުން ކުރާ ސޮފްޓުވެއާތަކެއް ބޭނުން ކޮށްގެން އެ ލެޕްޓޮޕުގެ މައުލޫމާތު ޑެކްރިޕުޓު ކުރުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށެވެ.
ޒުހެއިރު ވިދާޅުވީ އަމީންގެ ލެޕްޓޮޕް އެންކްރިޕްޓު ކޮށްފައިވަނީ "ވެބް ކްރާފްޓު" ނަމަކަށް ކިޔާ ސޮފްޓުވެއާ ބޭނުން ކޮށްގެން ކަމަށެވެ. އަދި މިހާރު އެ ލެޕްޓޮޕުގެ ހާޑު ޑިސްކު އެފްބީއައިއަށް ފޮނުވާފައިވާ ކަމަށެވެ.
ދައުވާލިބޭ އަމީން ވަނީ ޒުހެއިރުއާ ސުވާލުކޮށްފައެވެ. އެގޮތުން އަމީން އެހީ ލެޕްޓޮޕު އެންކްރިޕްޓު ކޮށްފައިވާކަން އެނގުނީ ކިހިނެއްތޯއެވެ. ޖަވާބުގައި ޒުހެއިރު ވިދާޅުވީ، އެކަން ޔަގީން ކުރީ ކޮމްޕިއުޓާ އެނަލިސިސް ކުރުމަށް ފުލުހުން ބޭނުންކުރާ ސޮފްޓުވެއާ މެދުވެރިކޮށް ކަމަށެވެ. ޒުހެއިރު ވިދާޅުވީ އަމީންގެ ލެޕްޓޮޕް އެންކްރިޕުޓު ކޮށްފައިވާކަން ޔަގީން ކުރީ "އިން ކޭސް" ސޮފްޓުވެއާ އިންނާއި "އެސްއޭސް" ސޮޕްޓުވެއާ އިން ކަމަށެވެ. ޒުހެއިރު އިތުރަށް ވިދާޅުވީ އޭނާ އަހަރެއްގެ މައްޗަށް 50 ވަރަކަށް ކޮމްޕިއުޓަރު ނޫނީ ލެޕްޓޮޕުގެ އެނަލިސިސް ހަދަން ޖެހޭ ކަމަށާއި، ޓެރަރިޒަމްގެ މައްސަލަތަކުގައި އެނަލިސިސް ހަދާއިރު އެންކްރިޕްޓެޑް ސިސްޓަމްތަކާ ދިމާވާ ކަމަށެވެ.
އެއަށްފަހު އަމީންގެ ދިފާއީ ވަކީލު ވިޝާމު ވިދާޅުވީ ޒުހެއިރު ތައްޔާރުކޮށްފައިވާ ރިޕޯޓުގެ ތާރިހަކަށް އޮތީ 18 ނޮވެމްބަރު 2019 ކަމަށެވެ. އަދި އަމީންގެ ލެޕްޓޮޕުން ފެނުނު ވީޑިއޯތަކާއި ޑޮކިއުމެންޓުތައް ދައުލަތުގެ ފަރާތުން ދިފާއަށް ދީފައި ނުވާ ކަމަށެވެ. އެހެންކަމުން މިއީ ޒުހެއިރު ތައްޔާރުކުރި ރިޕޯޓުތަކެއްކަން ކަށަވަރުކުރުމަށް އޭނާގެ ސޮއި ޔަގީންކުރަން ބޭނުންވާ ކަމަށެވެ. ސޮއި ޔަގީން ކޮށްދެއްވަމުން ޒުހެއިރު ވިދާޅުވީ، ޝަރީއަތުގައި ހުރީ އޭނާ ސޮއިކޮށްފައިވާ ރިޕޯޓުތައް ކަމަށާއި އަދި އެއީ ސައްހަ ރިޕޯޓުތައް ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ވިޝާމު ވިދާޅުވީ، 2019 ވަނަ އަހަރު ވެސް އަމީންގެ މައްސަލައިގެ ޝަރީއަތްތައް ބޭއްވި ކަމަށާއި، އަދި މިއަހަރު ވެސް ބޭއްވި ކަމަށާއި، ނަމަވެސް ދައުލަތުން އެ ރިޕޯޓުތައް ހުށަހަޅާފައި ނުވާ ކަމަށެވެ. އެއަށް ރައްދު ދެއްވައި ދައުލަތުން ވިދާޅުވީ 2019 ވަނަ އަހަރު އެ ރިޕޯޓުތައް ދިފާއަށް ދީފައިވާނެ ކަމަށާއި އެކަން ކޯޓުގެ ރިކޯޑިންތަކުން އެގޭނެ ކަމަށެވެ.
އެއަށްފަހު މިއަދުގެ ޝަރީއަތް ވަނީ ނިންމާލައިފައެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހުކަމަށް އިސްގާޒީ ޝަކީލު ވަނީ ވިދާޅުވެފައެވެ.
ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި އަމީން ހައްޔަރުކުރީ 23 އޮކްޓޯބަރު 2019 ވަނަ ދުވަހުއެވެ.
2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގައި ވެސް އަމީނަށް ތުހުމަތު ކުރެވުނެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކުރަން އުޅުމުން ވަނީ ފިލައިގެން ސްރީ ލަންކާ އަށް ގޮސްފައެވެ. އެއާއެކު އޭނާ ހޯދަން އިންޓަޕޯލް ރެޑްނޯޓިސް ނެރުނެވެ. ސްރީލަންކާ އިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު 2012 ވަނަ އަހަރު އޭނާ ދޫކޮށްލީއެވެ.
އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް ހިމެނޭ މީހެކެވެ. އޭނާއަކީ އެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ. އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސް އިން ހިންގަމުންދާ ގޮތްޕަށް އެކި ގޮތްގޮތުން އަމީން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން ފައިސާގެ އެހީތެރިކަމާއި، މުދަލާއި، ޓެކްނޮލޮޖީގެ ދާއިރާއިންވެސް އަމީން އެހީތެރިކަން ފޯރުކޮށްދޭކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު