ކުޅިވަރު

"މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް"އެއް މާލޭގައި ބާއްވަނީ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހައްގުތަކަށް ވަކާލާތުކޮށް، ބިދޭސީންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރާ ހާއްސަ އެންޖީއޯއެއް ކަމަށްވާ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއިން އިސް ނަގައިގެން "މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް"އެއް ބާއްވަން ތައްޔާރު ވެއްޖެއެވެ.

މިމަހުގެ 26 ވާ ހުކުރު ދުވަހު މާލޭ އެކުވެނި ކްރިކެޓް ޕިޗްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކްރިކެޓް ކާނިވަލަކީ ވަން ޑޭ ކްރިކެޓް މުބާރާތެއް ހިމެނޭހެން ކުރިއަށް ގެންދެވޭ ގިނަ ހަރަކާތްތަކެކެވެ. މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއިން ކްރިކެޓް ކާނިވާ ބާއްވަން ތައްޔާރުވަމުން އަންނަނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އާއި އުރީދޫ މޯލްޑިވްސްވެސް ގުޅިގެންނެވެ.

ބިދޭސީ މަސައްކަތްތެރިން މުޖުތަމައުގައި ބައިވެރި ކުރެވޭ މިންވަރު އިތުރު ކުރުމުގެ އިތުރުން އެ މަސައްކަތްތެރިންނަށް އެކިއެކި ގޮތްގޮތުން މައުލޫމާތު ފޯރުކޮށްދީ، އަހުލުވެރި ކުރުވުމުގެ މައިގަނޑު މަގުސަދުގައި ބާއްވާ ކާނިވަލުގެ ކްރިކެޓް މުބާރާތުގައި ޖާގަ ދޭން ނިންމާފައިވަނީ 16 ޓީމަކަށެވެ. މުބާރާތަށް މިހާރުވެސް ތަރުހީބު ބޮޑުކޮށް ފެންނަ އިރު، މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްގެ ފައުންޑާ އަދި ރައީސް، ޑރ. މިނާހް ފާއިޒް "ވަން"އަށް ވިދާޅުވީ ރެއާއި ހަމައަށް 16 ޓީމު ހަމަ ނުވެ އޮތީ ގާތްގަނޑަކަށް ފަސް ވަރަކަށް ޓީމު ކަމަށާއި، ބައިވެރިވުންވެސް އޮތީ މުޅިން ހިލޭ ކަމަށެވެ.

"އަސްލު އުރީދޫ އާއި ކްރިކެޓް ބޯޑާ ޕާޓްނާ ވެގެން ކުރިއަށްދާ އިވެންޓެއް. 16 ޓީމަށް ބައިވެރިވެވޭނެ. ކުންފުނިތަކުންވެސް ބައިވެރި ވެވޭނެ. އަމިއްލަ ގޮތުން ޓީމުތަކަށްވެސް ބައިވެރި ވެވޭނެ. ރެޖިސްޓްރޭޝަންވެސް އޮންނާނީ ހިލޭ. ޖާޒީގެ ކަންކަމުގައިވެސް ދަތިވާ ޓީމުތައް ހުރި ނަމަ ހަމަ މިކޮޅާ ވާހަކަ ދައްކައިގެން އެކަމަށްވެސް އެހީ ވެވޭނެ. ރާއްޖޭގައި ދިރިއުޅޭ މައިގްރެންޓް ވޯކާސް އަށް މި ހާއްސަ ވަނީ މުބާރާތް. އެހެންވެ ވަރަށް ބޮޑަށް އެހީވެގެން ކުރިއަށް ގެންދެވޭނެ. ފުރަތަމަ ހީކުރީ ޓީމުތައް ބައިވެރި ނުވާނެ ކަމަށް. އެކަމަކު ރެއާ ހަމަށްވެސް 16 ހަމަ ނުވެ އޮތީ އެންމެ ފަސް ވަރަކަށް ޓީމް،" މިނާހް ވިދާޅުވިއެވެ.

މިނާހް ފާހަގަކުރެއްވީ އެހެން ގައުމުތަކުން މަސައްކަތު އައިސް އުޅޭ މީހުންގެ އުދާސްތައް ފިލުވާލުމަށާއި، ކޮމިއުނިޓީގެ ގުޅުން ބަދަހި ކުރުމަކީ ކޮންމެހެންވެސް މުހިއްމު ކަމެއް ކަމަށާއި، މިފަދަ ކާނިވަލެއްގެ ސަބަބުން މަސައްކަތްތެރިންނާ ބޮޑަށް ގާތުން މަސައްކަތް ކުރެވި، ކަންކަން ކުރަން ގުޅުން ބޮޑުވެގެން ދާނެ ކަމަށެވެ. ހާއްސަކޮށް ކާނިވަލުގެ ތެރެއިން އެހެން ބައެއް އިވެންޓްތައް ކުރިއަށް ގެންގޮސް، އުފާވެރި މާހައުލެއް ބައިވެރިންނަށް ގެނުވާނެ ކަމަށްވެސް މިނާހް ފާހަގަކުރިއެވެ.

"ކާނިވަލެއްގެ ގޮތުގައި ކުރިއަށްދާނީ. ލީގަލް އެވެއާނެސްގެ އިތުރުން ހެލްތު ސްކްރީނިން އާއި އެފަދަ ކަންކަންވެސް ކުރިއަށްދާނެ. މި ކަމަށް މިހާރުވެސް ރެޑް ކްރެސެންޓް ފަދަ ޖަމިއްޔާތަކުގެ ސަޕޯޓް އެބަ ލިބޭ. އެމީހުންގެވެސް ބައިވެރިވުމާއެކު ބިދޭސީންނަށް ހާއްސަ ފުރަތަމަ ފެސްޓިވަލް ވަރަށް ކާމިޔާބު ވާނެ ކަމަށް އުންމީދު ކުރެވެނީ. މިއީ އަސްލު ވަރަށް މުހިއްމު ކަމެއް. އެހެން ގައުމަކަށް އައިސް އުޅޭއިރު، މުނިފޫހި ފިލުވުމާއި ކަންކަން ކުރިއަށް ގެންދިޔުމަކީ ކޮންމެހެން ކުރަން ޖެހޭނެ ވެސް ކަމެއް. ހުކުރު ދުވަސް ދުވަހު ވަރަށް ފެނޭ އެމީހުން އެކުގައި ކުޅިވަރުގައިވެސް މަސައްކަތް ކުރާތަން. އެ ދުވަސް މި ލިބެނީވެސް ގިނަ މަސައްކަތް ތެރިންނަށް. އެހެންވީމަ މީގެ މަގުސަދަކަށް ވާނެ އެމީހުންގެ ކޮމިއުނިޓީ އެއްތަނަކުން ކޯޑިނޭޝަން ރަނގަޅު ކުރުން. ސްޓްރެސް ފިލުވާލުންވެސް،" މިނާހް އިތުރަށް ވިދާޅުވިއެވެ.

ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި ހުރިހާ ބިދޭސީންނަށްވެސް ހަމަހަމަ ފުރުސަތެއް ދެވޭނެ ކަމަށްވެސް މިނާހްވިދާޅުވިއެވެ.

ކްރިކެޓް މުބާރާތުގައި ރަޖިސްޓްރީވުމަށް މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސްގެ ވެބްސައިޓު މެދުވެރިކޮށް ފޯމު ލިބޭނެއެވެ. ފޯމު އެކިއެކި ބަސްބަހަށް ތަރުޖަމާ ކޮށްފައި ލިބެން ހުރި އިރު، ވައިބާ ނަންބަރު 7384994 މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެއެވެ. އޭގެ އިތުރުން ކްރިކެޓް ބޯޑުގެ އޮފީހާ ފޯމު ހަވާލުކޮށްގެންވެސް ފޯމު ހުށަހެޅިދާނެއެވެ.