ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހިދު ރާއްޖެ ގެނައުމަށް މިހާތަނަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިނުވާ ކަމަށާއި ރެޑް ނޯޓިސް ނެރުނަސް އަލީ ވަހީދު ރާއްޖެ ގެނެވެން ނެތް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ބޭސް ފަރުވާކުރަން ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވި އަލީ ވަހީދާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ޖިންސީ ކުށުގެ ހަތް ދައުވާގެ ޝަރީއަތުގެ އަޑުއެހުމަކަށް ސުޕްރީމް ކޯޓަށް ހާޒިރުވާން އޭނާއަށް އަމުރުކުރުމުން، އެ އަމުރާ ހިލާފުވެ ކޯޓަށް ހާޒިރުވެފައި ނުވާތީ، އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި، ސުޕްރީމް ކޯޓުން ވަނީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.
ސްޕްރީމް ކޯޓުގެ ހުކުމް ތަންފީޒުކުރުމަށްޓަކައި، އަލީ ވަހީދު ރާއްޖެ ގެނެސްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ވަނީ ފުލުހުންގެ މުއައްސަސާގައި އެދިފައެވެ.
ހޯމް މިނިސްޓްރީން، އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސީޕީ ހަމީދު ވިދާޅުވީ، ރެޑް ނޯޓިސް ނެރުނު ނަމަވެސް އަލީ ވަހީދު ރާއްޖެ ގެނައުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި އެއީ އެކި ގައުމުތަކުގައި ރެޑް ނޯޓިސްއަށް އަމަލުކުރާ ގޮތް ތަފާތުވުމުން ކަމަށެވެ.
"އިންޓަޕޯލް ނޯޓިސްތަކަކީ އެކި ޖުރިސްޑިކްޝަންތަކުގައި އެކި ގައުމުގައި އެކި ގޮތްގޮތަށް އެއަށް އަމަލުކުރާ ނޯޓިސްތަކެއް. އަދި އިންޓަޕޯލު ރެޑް ނޯޓިސް ނެރުމަކުންނެއް، އެމީހަކު ހައްޔަރުކޮށްގެން އަޅުގަނޑުމެންގެ ޖުރިސްޑިކްޝަން ތެރެއަކަށް ނުގެނެވޭނެ،" ސީޕީ ހަމީދު ވިދާޅުވިއެވެ.
ސީޕީ ހަމީދު ވިދާޅުވީ، އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އޭނާ ރާއްޖެ ގެނައުމަށް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފި ނަމަ އޭނާ ގެނައުމުގެ މަސައްކަތް ފުލުހުން ކުރާނެ ކަމަށެވެ.
އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ޖިންސީ އަނިޔާކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާއާއި ރޭޕް ކުރަން އުޅުމުގެ ދައުވާއާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާއެވެ.
ދައުލަތުން އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއަކަށް އޭނާ ވަނީ އިންކާރުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު