ޚަބަރު

ވަޒީފާއިން ވަކިކުރަން ނިންމި ދެ އޮފިޝަރަކު ވަނީ ރިޓަޔާމަންޓަށް އެދިފައި، އެ ފުރުސަތު ދޭނަން: ހަމީދު

އަލީ ޔާމިން

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި ދެ އޮފިޝަރަކު ރިޓަޔާމަންޓަށް އެދިފައިވާ ކަމަށާއި އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ކޮމިޝަނާ ޕޮލިސް މުހައްމަދު ހަމީދު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފެއްދި ޕޮލިސް ބޯޑުގެ ލަފައާއެކު، ހަތް އޮފިސަރަކު ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމިއެވެ. އޭގެ ތެރެއިން ފަސް އޮފިސަރަކު ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އެއީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފްގެ އިތުރުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އަދި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމެވެ.

އެ އޮފިސަރުންގެ ތެރެއިން ފުލުހުން ވަނީ އޭސީޕީ ޖަމްޝީދާއި އަހުމަދު މުހައްމަދު ވަޒީފާއިން ވަކިކޮށްފައެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ހަމީދު ވިދާޅުވީ، ޕޮލިސް ބޯޑުން ދީފައިވާ މުހުލަތާ އެއްގޮތަށް ދެ އޮފިޝަރަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި ކޮމިޝަނަރުގެ ހައިސިއްޔަތުން އޭނާ ކުރަން ޖެހެނީ ވަރަށް އިދާރީ މަސައްކަތެއް ކަމަށެވެ.

ސީޕީ ހަމީދު ވިދާޅުވީ، ފަސް ފުލުހުންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް މިވަގުތު އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

"އަނެއް ތިން އޮފިސަރުންނާ މެދު ގޮތެއް ނުނިންމުމަށް ހައިކޯޓަށް އެ މައްސަަލަ ވެއްދިގެން ނިންމާފައި އޮތީ އެ މައްސަލަ މަޑުޖައްސާލުމަށް ދަށު ކޯޓުގެ ޝަރީއަތް ހިނގަންދެން. އެހެންވީމަ ޝަރީއަތުގައި ހިނގާކަމަކަށްވާތީ އަޅުގަނޑު އެއަކަށް ކޮމެންޓެއް ކުރާކަށް ނެތީން،" ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ، ވަކިކުރަން ނިންމި އޮފިސަރުންގެ ތެރެއިން ދެ އޮފިސަރަކު ވަނީ އަމިއްލައަށް ރިޓަޔާމަންޓަށް އެދިފައި ކަމަށާއި އެ ފުރުސަތު ހަމަޖައްސައިދޭނެ ކަމަށެވެ.

"ފަސް އޮފިސަރުންގެ ތެރެއިން ދެން ތިއްބެވި ދެ އޮފިސަރުން ރިޓަޔާމަންޓަށް އެދިލައްވާފައިވަނީ ވޮލެންޓަރީ ރިޓަޔާމަންޓަށް. އެހެންކަމުން އެ ފުރުސަތު އެބަ ހިންގަން،" ހަމީދު ވިދާޅުވިއެވެ.

ސީޕީ ހަމީދު އިތުރަށް ވިދާޅުވީ، ފުލުހުން ވަކިކުރަން ނިންމުމާ ގުޅޭގޮތުން ޖަވާބުދާރީ ވާނީ ޕޮލިސް ބޯޑާއި ދައުލަތުން ކަމަށެވެ.