އިންޑިއާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އުތުރުތިލަފަޅު (ޔޫޓީއެފް) އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ނުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241ކޮމިޓީ) އިން ނިންމައިފިއެވެ.
މިއަދު ހަވީރު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން މަޝްވަރާކޮށްފައެވެ. މިއަދު 241 ކޮމިޓީން މަޝްވަރާކުރީ ޔޫޓީއެފް އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކޮށްފާނެތޯއެވެ.
ޔޫޓީއެފް އެއްބަސްވުމުގެ އިތުރުން އިންޑިއާ ސަރުކާރާއެކު ހެދި ހައިޑްރޮގްރަފީ އެއްބަސްވުމާ ގުޅޭގޮތުން ވެސް މިއަދު މަޝްވަރާކުރިއެވެ.
އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ކޮމިޓީގެ މެމްބަރުންގެ އެކި ހިޔާލުތައް އެއްބަސްވުމާ ގުޅޭގޮތުން ދީފައިވާ ކަމަށާއި އެ ދެ އެއްބަސްވުމުގައި ހުރި ކަންކަމަކީ 1991 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ދައްކާފައި ހުރި ވާހަކަތެއްކަން ޔައުމިއްޔާތަކުން އެނގޭ ކަމަށެވެ. އެހެންކަމުން އެއްބަސްވުންތަކުގައި ގައުމީ ސަލާމަތަށް ނުވަތަ މިނިވަންކަމަށް ބުރޫއަރާނެ ފަދަކަމެއް ނެތްކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ، 1988 ވަނަ އަހަރުން ފެށިގެން އިންޑިއާއި ރާއްޖެއާ ދެމެދުގައި އަސްކަރީ އެއްބަސްވުންތައް ހަދަމުން އަންނަ ކަމަށެވެ. އަދި އެއިރުން ފެށިގެން އިންޑިއާއަކީ ރާއްޖެއަށް ވަރަށް ގިނަ އެހީތަކެއް ދެމުން އަންނަ ގައުމެއް ކަމަށް ވިދާޅުވިއެވެ.
އެއާއެކު 241 ކޮމިޓީގެ އަގުލަބިއްޔަތުން މިއަދު ވަނީ އެ ރިޕޯޓުގެ ޑްރާފްޓް ފާސް ވެސް ކޮށްފައެވެ. ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި ހަތް މެމްބަރުންގެ ވޯޓުންނެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމު ވަނީ ޔޫޓީއެފް އެއްބަސްވުމުގެ ކޮޕީއެއް މެންބަރުންނަށް ދޭން ހުށަހެޅުމެއް ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުއްވުމަށް ތާއިދުކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންއެވެ.
އުޝާމުގެ ހުށަހެޅުމަށް އަސްލަމް ވޯޓަށް އެހި ނަމަވެސް އެ ހުށަހެޅުން ފާސްވެފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު