ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެމްޑަބްލިޔުއެސްސީން ރެކޯޑު އަދަދަކަށް ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފިއެވެ.

ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތައް އެއްވެސް ރަށެއް ބާކީ ނުކޮށް، ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މި ސަރުކާރުގެ އެ ރިޔާސީ ވައުދު ފުއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ކުންފުންޏަކީ އެމްޑަބްލިއުއެސްސީއެވެ. އެގޮތުން އެމްޑަބްލިއުއެސްސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.

އެކުންފުނިން ބުނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި 31 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މިއީ ދިވެހި ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ. އަދި މިއީ އެކުންފުނީގެ ތާރީހުގައިވެސް އެންމެ ގިނައިން ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގި ތިން އަހަރު ކަމަށްވެސް އެމްޑަބްލިއުއެސްސީ ބުންޏެވެ.

އެގޮތުން މި މަޝްރޫއުތަކުގެ ތެރޭގައި 23 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމާއި ހަ ރަށެއްގެ ފެނުގެ ނިޒާމު އަދި ދެ ރަށެއްގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މި ހުރިހާ މަޝްރޫއުތަކެއްގެ ވެސް އަމަލީ މަސައްކަތްތައް ކުރެވެމުންދާ ކަމަށް އެމްޑަބްލިއުއެސްސީ ބުންޏެވެ.

އެމްޑަބްލިއުއެސްސީ ބުނީ ބައެއް މަޝްރޫއުތަކުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށާއި އަދި އއ. ރަސްދޫ ފެނުގެ ނިޒާމާއި ޅ. ކުރެންދޫ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެއްކޮށް ނިންމައި ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

މި މަޝްރޫއުތަކުގެ ދަށުން 3000 އަށްވުރެ ގިނަ ގެއަށް ފެން ގުޅިގެންދާނެ ކަމަށާއި އަދި 3000 އަށްވުރެ ގިނަ ގެއަށް ނަރުދަމާ ނިޒާމު ގުޅައިލެވިގެންދާނެ ކަމަށެވެ. އަދި މި މަޝްރޫއުތަކުގެ އަގު ޖުމުލަ 1.8 ބިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫއުތަކުގެ ސަބަބުން ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތަކުން ރަށްރަށަށް ފާގަތިކަން ލިބިގެންދާނެ ކަމަށެވެ. އަދި ރަށްރަށުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބި، ވެށީގެ ރައްކާތެރިކަމާއި އިޖުތިމާއީ އަދި އިގުތިސޯދީ ކުރިއެރުމުގެ އިތުރުން ރަށްރަށުގައި ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.