ހުސެއިން ޝަމީމް

ދިރުވާލައިގެން ރަން އެތެރެކުރި މީހާގެ އިއުތިރާފުގެ މައްޗަށް ހުކުމް ކުރުމުން އިންސާފު ގާއިމުކުރަން ފަސޭހަވި: ޕީޖީ

އިބްރާހިމް ޒަކީ

ދިރުވާލައިގެން ރާއްޖެއަށް ރަން އެތެރެކުރި މައްސަލައިގައި އިންޑިއާގެ ރައްޔިތެއް ކަމަށްވާ އަބްދުލް މަނާފް އަޔަންކޯލީ މީތަލްގެ މައްޗަށް މިދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުން ހުކުމް ކުރީ، ޕީޖީ އޮފީހާއި އެމީހާއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށާއި، އެ އެއްބަސްވުމުގެ ސަބަބުން، ކޯޓުގެ އެއްބާރުލުމާއެކު، ޝަރީއަތުގެ ވަގުތު ސަލާމަތް ވެ، އިންސާފު ގާއިމުކުރުމަށް ފަސޭހަވި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

މި މައްސަލައަކީ ހުސްވި ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ވައިގެ މަހުން ރާއްޖެ އައި އަބްދުލް މަނާފްގެ ހަރަކާތްތައް ހުރި ގޮތުން އޭނާގެ ހަށިގަނޑާއި ލަގެޖް ސްކޭން ކުރިއިރު، އޭނާގެ ހަށިގަނޑުގައި އެއްޗެހިތަކެއް ފޮރުވާފައި ހުރިކަމަށް ފާހަގަ ވެގެން އައިޖީއެމްއެޗަށް ގެންގޮސް ސްކޭން ކުރުމުން އޭނާގެ ހަށިގަނޑުގެ ތެރޭގައި "ލައިކްލީ މެޓަލިކް ފޮރިން ބޮޑީސް" ހުރިކަމަށް ދެއްމުން ބޮޑުކަމުދާންދެން އޭނާ އެތަނުގައި ބާއްވައި، ބޮޑުކަމު ދިއުމުން ބޭރުވި 605.8 ގްރާމްގެ ރަނާއި އެހެނިހެން މައުދަންތައް (މިކްސްޗާ) ފެނުމާ ގުޅިގެން ރާއްޖެއަށް ސިއްރުން މުދާ އެތެރެ ކުރުމުގެ ކުށުގައި އޭނާގެ މައްޗަށް ކުރި ދައުވާ އެކެވެ.

އެ މައްސަލައިގައި އަބްދުލް މަނާފް ވަނީ ކުށަށް އިއުތިރާފުވެ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ.

އެކުށުގެ އަސާސީ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަ މަސް ދުވަހާއި ދެ އަހަރާ ދެމެދުގެ ޖަލު ހުކުމަކާ އެކު 10،000 ރުފިޔާ އާއި 240،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކަމަށްވިސް އިއުރާފުގެ އެއްބަސް ވުމުގެ ދަށުން އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 60،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.

އެ މައްސަލައިގައި ދައުލަތުން ޝަރީއަތުގައި އެދިފައި ވަނީވެސް އޭނާއާ އެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އެ ކުށަށް ކަނޑައެޅޭ އެންމެ ކުށޑަ އަދަބަށްވުރެން ދަށް ނުވާނެ އަދަބެއް ކަނޑައަޅައި ދިނުމަށެވެ.

އެހެންކަމުން އެ މައްސަލައިގައި އަބްދުލް މަނާފު 60،000 ރުފިޔާއިން ޖޫރިމަނާކޮށް މިމަހުގެ 18 އިން ފެށިގެން ފަސް ދުވަހުގެ ތެރޭގައި މީރާއަށް އެ ފައިސާ ދެއްކުމަށް ކޯޓުން ހުކުމް ކުރިއެވެ. އަދި ސިއްރުން އޭނާ ރާއްޖެއަށް އެތެރެކުރި މިކްސްޗާ ދައުލަތަށް ނެގުމަށް އަންގާ ކަމަށްވެސް ހުކުމްގައި ވެއެވެ.

އެ ހުކުމާ ގުޅިގެން ޕީޖީ ހުސެއިން ޝަމީމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މައްސަލައަކީ ޕީޖީ އޮފީހާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ހުކުމް ކުރި މައްސަލައެއް ކަމަށެވެ. އެ އެއްބަސްވުމުގެ ސަބަބުން، ކޯޓުގެ އެއްބާރުލުމާއެކު، ޝަރީއަތުގެ ވަގުތު ސަލާމަތްވެ، އިންސާފު ގާއިމުކުރުމަށް ފަސޭހަވި ކަމަށްވެސް ވިދާޅުވިއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާއެކު އެ އުސޫލު ފުޅާކޮށް ހަރުދަނާ ކުރެވޭނެ ކަމަށްވެސް ޝަމީމު ވިދާޅުވިއެވެ.

ކުށަށް އިއުތިރާފުވާ މައްސަލަތައް އެއްދުވަސް ތެރޭގައި ނިންމައިލެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް އެޓާނީ ޖެނެރަލް (އޭޖީ) އަށް ހުށަހަޅުއްވާފައިވާ ކަމަށް ޕީޖީ ހުސެއިން ޝަމީމު މިދިޔަ އާދިއްތަ ދުވަހު ވަނީ ވިދާޅުވެފައެވެ.