ކުޅިވަރު

ޒަވީގެ ފުރަތަމަ މެޗުގައި ބާސާއަށް މޮޅެއް

ބާސެލޯނާގެ ކޯޗުކަމާ އަލަށް ހަވާލުވި ލެޖެންޑް، ޒަވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން އެޓީމުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ.

ސްޕެނިޝް ލަލީގާގައި ރޭ ބާސާއިން ކުޅުނު މެޗުގައި އެޓީމުން އެސްޕަނިޔޯލްގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. ބާސާ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެޓީމުން ޖެހި ހަމައެކަނި ގޯލަކީ ދެވަނަ ހާފުގެ ކުރީކޮޅުގައި ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.

މެޗުގެ ކޮންޓްރޯލް ނަގައި ފުރަތަމަ ކޮޅުގައި ނުރައްކާ ކުރީ ބާސާއިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ޖޯޑީ އަލްބާ ނެގި ހުރަހަކުން 17 އަހަރުގެ އިލިއަން އަޚްމޮޗަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ މާ މަތިން ބޭރަށެވެ. ރޭގެ މެޗަކީ އަޚްމޮޗް ބާސާ ޖާޒީގައި ސީނިއާ މެޗަކަށް ނުކުތް ފުރަތަމަ ފަހަރެވެ.

އޭގެ ފަހުންވެސް ނުރައްކާ ކުރީ ބާސާއިންނެވެ. ސާޖިއޯ ބުސްކަޓްސް އާއި ޑިޕޭގެ އަދި ގަވީގެ ހަމަލާތައް ފެނިގެން ގޮސްފައިވާ އިރު، އެ ހަމަލާތަކަށް ހުރަސް އެޅީ އސްޕަނިޔޯލްގެ ގޯލްކީޕަރު ޑިއޭގޯ ލޮޕޭޒްއެވެ. ފުރަތަމަ ހާފުގައި ބާސާއިން ކުރަމުން ދިޔަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ ކުރީކޮޅުގައި އެޓީމުން ލީޑު ނެގިއެވެ.

ޑިޕޭގެ ޕެނަލްޓީގައި ބާސާއިން ދެވަނަ ހާފުގެ ކުރީކޮޅުގައި ލީޑު ނެގި ނަމަވެސް ފަހު، ހާފުގެ ބާކީބައިގައި ނުރައްކާ ބޮޑުކޮށް ފެނުނީ އެސްޕަނިޔޯލް އެވެ. ރައުލް ޑި ތޯމަސްގެ ހިލޭ ޖެހުމެއް ބާސާ ގޯލްކީޕަރު މާކް އެންދޭ ޓާ ސްޓެގަން ޕަންޗުކޮށް ބޭރުކޮށްލި އިރު، އޭނާ ބޮލުން ޖެހި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ރޭގެ ނަތީޖާއާއެކު ބާސާ އޮތީ ލީގު ހަ ވަނައިގައެވެ. 13 މެޗުން 20 ޕޮއިންޓް އެޓީމަށް ލިބިފައިވާ އިރު، އެއްވަނައިގައި އޮތް ސެވިއްޔާ އާއި ބާސާއާ ދެމެޗު އަށް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ޒަވީއާއެކު ދެން ބާސާއިން ނުކުންނާނީ ޗެމްޕިއަންސް ލީގުގައި ބެނިފީކާއާ ދެކޮޅަށް ކުޅޭ މެޗަށެވެ.