ގއ. ދާންދޫ، މިސްކިތްމަގުގެ، އިބްރާހިމް މުހައްމަދުގެ މައްޗަށް ކުރި، ޑައިމޯފިން ޓްރެފިކިންގެ ދައުވާގައި، އެ މައްސަލައިގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭނެ ކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
މިއީ، އިބްރާހިމް މުހައްމަދު މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާތިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، 22 ޖަނަވަރީ 2018 ވަނަ ދުވަހު އޭނާ މަގުމަތިން ހުއްޓުވައި އޭނާގެ ސައިކަލް ބަލައި ފާސް ކުރުމުގެ ތެރޭގައި ޑްރަގް ފެނިފައިވުމާއި، އޭނާ ދިރިއުޅޭ ގެ ކަމަށްވާ މއ.ޕޫލްވާދީގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުން ޑްރަގް ފެނިގެން އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާއެކެވެ.
މި ދައުވާގައި ފުލުހުން ކޯޓުގައި ބުނެފައި ވަނީ، އެ ފާސް ކުރުމުގައުި 135 ގްރާމުގެ ޑްރަގް ފެނިފައިވާ ކަމަށާއި، އޭނާގެ ގެއިން ޑްރަގް ޕެކް ކުރަން ބޭނުންކުރާ ރަބަރު ޕެކެޓު ތަކާއި ކިރަން ބޭނުންކުރާ ކައްޓާ ފަދަ ތަކެތި ވެސް ފެނުނު ކަމަށވެވެ.
ނަމަވެސް ކޯޓުގައި އިބްރާހިމް މުހައްމަދު ބުނީ އޭނާގެ ސައިކަލާއި ދިރިއުޅޭ ގެ ބަލައި ފާސްކުރި ނަމަވެސް ފުލުހުން ގެންދިޔަ ތަކެތީގެ އިންވެންޓްރީއެއް އޭނާއަށް ދީފައި ނުވާ ކަމަށެވެ.
ޝަރީއަތުން އެކަން ސާފުކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދުމުން ޕީޖީ އޮފީހުން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެފަދަ ލިސްޓެއް ފުލުހުން އެކުލަވާލާފައި ނުވާ ކަމަށެވެ.
އެހެންކަމުން މި މައްސަލަ ބެއްލެވި ގާޒީ، ހަސަން ސައީދު މިދިޔަ އަންގާރަ ދުވވަހު ކުރެއްވި ހުކުމްގައި ވަނީ، ކޯޓު އަމުރުގެ ދަށުން ބަލައި ފާސް ކުރާ އިރު އެތަންތަނުން ނަގާ ތަކެތީގެ އިންވެންޓްރީއެއް، އެ ތަކެތީގެ ވެރިފަރާތް، ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ފަރާތެއްގެ ހާޒިރުގައި އެކުލަވާލަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެވެ. އަދި އެ މީހާއަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ފަރާތަކަށް އެ އިންވެންޓްރީގެ ކޮޕީއެއް ދޭން ވާނެ ކަމަށް ގާނޫނުގައި ހިމަނާފައިވާ ކަމަށްވެސް ވިދާޅުވިއވެ.
މައްސަަލައިގެ ހުކުމްގައި ގާޒީ ފާހަގަ ކުރައްވާފައި ވަނީ، އެފަދަ އިންވެންޓްރީއެއް އެކުލަވައިނުލުމަކީ ޖިނާއީ އިޖުރާއަތާ ހިލާފަށް ކުރި ކަމެއްގެ ގޮތުގައެވެ. އަދި ގާނޫނުގައި ކަނޑައަޅާފައިވާ ހުރިހާ އިޖުރާއަތްތަަކަކީ ުފރިހަމަ ކުރަން ޖެހޭނެ ކަންތައްތަކެއް ކަމަށްވެސް ފާހަގަ ކުރައްވާފައިވެއެވެ.
އެ މައްސަލައިގައި، ބަލައި ފާސްކުރުމުގެ އިޖުރާއަތްތައް ފުލުހުން ފުރިހަމަ ކޮށްފައި ނުވާ ކަމަށާއި، ގާނޫނާ ހިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއްނޫން ކަަމަށާއި އެގޮތަށް ހޯދާހެކި ޝަރިއަތަށް ބަލައި ނުގަނެވެނޭނެ ކަމަށްވެސް ހުކުމްގައި ބުނެފައި ވެއެވެ. އެހެންކަމުން އެކަންތައްތަކަށް ބަލައި މި މައްސަލައިގެ ނިޖާއީ މަސްއޫލިއްޔަތު އިބްރާހިމް މުހައްމަދު އުފުލަން ނުޖެހޭނެ ކަމަށް ކަނޑައަޅައި ގާޒީ ވަނީ ހުކުމްކުރައްވައިފައެވެ.
އެއާއެކު އޭނާ ވަނީ ޑައިމޯފިން ޓްރެފިކިންގެ ދައުވާގައި ސަލާމަތް ވެފައެވެ.
އެކަމާ ގުޅިގެން ޕީޖީ ހުސެއިން ޝަމީމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖިނާއީ އިޖުރާއަތުގައި ހުންނަނީ ރަނގަޅު ކުރެވޭ ކަންކަމާއި، ރަނގަޅު ނުކުރެވޭ ކަންކަން ކަމަށެވެ.
"މުޅި މައްސަލައިގެ މައުލޫއަށް އަސަރު ނުކުރާ (ޑްރަގް ފެނުނުކަމާމެދު ސުވާލެއް ނެތް ނަމަ) އެއީ ބަލައިގަނެވޭނެ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވޭ،" ޝަމީމު ވިދާޅުވިއެވެ.
އޭގެ އިތުރުން ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ހުސެއިން ޝަމީމް
ހުސެއިން ޝަމީމް