ކުޅިވަރު

ޔުނައިޓެޑްގެ ކޯޗުކަމުން ސޮލްޝެއާ ވަކިކުރަން ނިންމައި، އެކަމަށް ގްލޭޒާސް އެއްބަސްވެއްޖެ

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން އޮލެ ގުނަ ސޮލްޝެއާ ވަކިކުރަން ބޯޑުން ނިންމި ނިންމުން، ކްލަބުގެ ޗެއާމަން ޖޯލް ގްލޭޒާ ގަބޫލުކޮށްފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި ވޮޓްފޯޑު އަތްދަށު ވެ، ކްލަބުގެ ކޯޗު ސޮލްޝެއާއަށް މަގާމު ގެއްލޭނެ ކަމުގެ ބޮޑު ބިރަކާ ކުރިމަތިލާން ޖެހުނެވެ. ރޭ ވޮޓްފޯޑުގެ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާއަށް ރަތް ކާޑުވެސް ދައްކާފައިވާ އިރު، އެ ބައްޔަކީ ސަޕޯޓަރުންނަށް ހަޖަމް ކުރަން އުނދަގޫވި ބައްޔެކެވެ.

ރޭގެ މެޗަށް ޔުނައިޓެޑުން ނުކުތީވެސް ޕްރެޝަރުގައި އޮވެގެންނެވެ. ކޯޗު ސޮލްޝެއާ ބޭރު ކުރުމަށް މީސް މީޑިއާގައި "އޮލޭ އައުޓް"ގެ ހޭޝްޓެގާއެކު ބޮޑު ކެމްޕޭނެއްވެސް ހިނގަމުންދިޔަ އިރު، މެޗުން އޮތީ މޮޅުވާން މަޖުބޫރުވެފައެވެ. ސަބަބަކީ މެޗަށް ނުކުތް އިރު، ޔުނައިޓެޑުން އެންމެ ފަހުން ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފައި އޮތުމުގެ އިތުރުން ޓީމުގެ ދަށް ކުޅުމެވެ. އޭގެ ތެރެއިންވެސް އޮކްޓޯބަރު މަހު ލިވަޕޫލާ ދެކޮޅަށް ކުޅެ، 5-0 އިން ބަލިވި މެޗާއި އިންޓަނޭޝަނަލް ބްރޭކްގެ ކުރިން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ޑާބީ މެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން ކޯޗު ސޮލްޝެއާއަށް އޮތީ ޕްރެޝަރު ބޮޑުވެފައެވެ.

ރޭގެ މެޗަށްފަހު ޔުނައިޓެޑްގެ ބޯޑުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި، ސޮލްޝެއާގެ މަގާމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. ދިގު ދެމިގެން ދިޔަ އެ ބައްދަލުވުމުގައި ނިންމީ ސޮލްޝެއާ މަގާމުން ވަކި ކުރުމަށެވެ. މިއަދާ ހަމައަށް ނިންމުން ފައިނަލް ކުރުން އޮތީ ޗެއާމަން ޖޯލް ގްލޭޒާގެ އަތް މަތީގައެވެ. ހަބަރުތައް ބުނެފައި ވަނީ އެ ނިންމުން ގްލޭޒާވެސް ތަންފީޒު ކޮށްފި ކަމަށާއި، ޗެއާމަން ވަނީ އާ ކޯޗަކު ހޯދަން މަސައްކަތް ކުރުމަށް ބޯޑަށް ލަފާވެސް ދީފައި ކަމަށެވެ.

ޔުނައިޓެޑުން އާ ކޯޗަކަށް މަސައްކަތް ކުރަމުން އަންނަ އިރު، މިވަގުތު ޓީމު ހަވާލުވާނީ ކްލަބުގެ ލެޖެންޑަރީ ދެ ކުޅުންތެރިން، އަދި ދެ އެސިސްޓެންޓް ކޯޗުން ކަމަށްވާ ޑެރެން ފްލެޗާގެ އިތުރުން މައިކަލް ކެރިކާއެވެ.