ކުޅިވަރު

އާސެނަލްގެ ރެކޯޑަށް ނިމުން ގެނެސް ލިވަޕޫލަށް ބޮޑު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ލިވަޕޫލުން އާސެނަލް ބަލިކޮށްފިއެވެ.

ފޯރިގަދަ، އަޑުގަދަކޮށް ފެނުނު އެންފީލްޑުގައި މިރޭ ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ލިވަޕޫލް އަތުން ބަލިވުމާއެކު އާސެނަލްއިން ބަލިނުވެ ލީގުގައި ދަމަހައްޓަމުން އައި ރެކޯޑު ވަނީ ގެއްލިފައެވެ. އެޓީމުން މިރޭގެ މެޗަށް ނުކުތީ އެންމެފަހުން 10 މެޗުގައިވެސް ބަލިނުވެ އޮވެގެންނެވެ. ފޯމުގައި އޮވެ އާސެނަލްއިން މެޗަށް ނުކުތް ނަމަވެސް ލިވަޕޫލްގެ ފެންވަރު ފެނުނީ މާ ބޮޑަށްވެސް މަތިކޮށެވެ.

ފުރަތަމަ ހާފުގައި މެޗު ލަސްކޮށް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ކޮޅުގައި އެޓޭކްތައްވެސް މަދެވެ. ފުރަތަމަ ހާފުގައި އާސެނަލްގެ މާ ބޮޑު ނުރައްކަލެއް ފާހަގަވެފައި ނުވާ އިރު، ލިވަޕޫލަށް ލީޑު ނެގިޔަ ނުދީ ހިފެހެއްޓީ ފޯމުގައި ކުޅެމުން ދިޔަ އާސެނަލްގެ ގޯލްކީޕަރު އެރޮން ރެމްސްޑޭލްއެވެ. މެޗުގައި ލިވަޕޫލުން އުފެއްދި ފުރަތަމަ ހަމަލާ މެޗުގެ 28 ވަނަ މިނެޓުގައި ގޯލަށް ފޮނުވާލީ ތިއޭގޯ އަލްކަންޓްރާއެވެ. އޭނާގެ ހަމަލާ ރެމްސްޑޭލް ދިފާއުކުރި އިރު، ރީބައުންސްގައި ސަޑިއޯ މާނޭ ޖެހި ބޯޅަވެސް އޭނާ ދިފާއުކުރިއެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލުން ލީޑު ނެގުމުގެ ކުރިން ރެމްސްޑޭލް ވަނީ މާނޭ ޖެހި އިތުރު ބޯޅައެއްވެސް ހުށިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ. އެ ހަމަލާއަށްފަހު ލިވަޕޫލް ލީޑު ނެގީ 39 ވަނަ މިނެޓުގައެވެ. އެލެކްސެންޑްރާ އާނޯލްޑް ނަގައިދިން ހިލޭ ޖެހުން ބޮލުން ގޯލަށް ވައްދާލީ މާނޭއެވެ.

ދެވަނަ ހާފަށް ނުކުމެ ލިވަޕޫލުން ފުރަތަމަ ހާފަށްވުރެ ބޮޑަށް ކުރިއަށް ޖެހި ވަރަށް ބޮޑަށް ޕްރެސް ކޮށްލިއެވެ. ލިވަޕޫލްގެ ކުރިއަށް ކުޅޭ ކުޅުންތެރިން ވަރަށް ބޮޑަށް ކުރިއަށް ޖެހި އާސެނަލްގެ ފަހަތަށް ޕްރެޝަރު ކޮށްލުމުން، އާސެނަލްގެ ޑިފެންސުން ގޯސްތަކެއްވެސް ފެނުނެވެ. އެ ގޯސްތަކުގެ ފައިދާ ނަގައި، ލިވަޕޫލުން ވަނީ ދެވަނަ ހާފުގެ ކުރީކޮޅުގައި ދެވަނަ ގޯލެއް ޖަހައިފައެވެ. އާސެނަލްގެ ފަހަތަށް ކުޅުނު ނޫނޯ ޓަވަރޭޒްގެ ގޯސް ޕާހެއް އަތުލައި ލިވަޕޫލަށް ލީޑު ފުޅާ ކޮށްދިނީ ޑިއޭގޯ ޖޮޓާއެވެ.

ދެވަނަ ގޯލަކާއެކު ހަމަޖެހިލި ލިވަޕޫލުން މެޗުގައި އިތުރު ދެ ގޯލު ޖެހި އިރު، ތިންވަނަ ގޯލަކީ މެޗުގައި މޮޅަށް ކުޅުނު މުހައްމަދު ސަލާހް ޖެހި ގޯލެކެވެ. އާނޯލްޑުގެ އެސިސްޓަކުން ޓަކުމީ މިނަމީނޯ ލިވަޕޫލްގެ ހަތަރުވަނަ ގޯލު ޖެހީ 77 ވަނަ މިނެޓުގައެވެ. މެޗުގައި އިތުރު ހަމަލާތައްވެސް ފެނުނު އިރު، ޖޮޓާ އާއި އާނޯލްޑް ދެވަނަ ހާފުގައި ފޮނުވާލި ހަމަލާތައްވެސް މަތަކުރީ ރެމްސްޑޭލްއެވެ. އަނެއްކޮޅުން އެލެކްސެންޑްރާ ލަކަޒެޓް ޖެހި ހަމަލާ ފައިން މަތަކޮށް ބޭރުކޮށްލީ ލިވަޕޫލް ގޯލްކީޕަރު އެލިސަން ބެކާއެވެ. އެއީ އާސެނަލްއިން އުފެއްދި ހަމައެކަނި ނުރައްކާތެރި ހަމަލާއެވެ.

މެޗުން މޮޅުވެ ލިވަޕޫލް ވަނީ ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. އެޓީމަށް 12 މެޗުން 25 ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި މިވަގުތު ޗެލްސީ އޮތީ 12 މެޗުން 29 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި މިވަގުތު އޮތް މެންޗެސްޓާ ސިޓީއަށް 11 މެޗުން 23 ޕޮއިންޓް ލިބިފައިވާ އިރު، މާދަމާ ރޭ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ސިޓީއަށް ދެވަނައަށް އެރެވޭނެއެވެ. މެޗުން ބަލިވި އާސެނަލް އޮތީ ތާވަލުގެ ފަސްވަނައިގައެވެ. 12 މެޗުން އެޓީމަށް ލިބިފައި ވަނީ 20 ޕޮއިންޓެވެ.