ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒު އިތުރަށް ފުޅާކޮށް، ރާއްޖޭގައި ދީނީ އިލްމު ފެތުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއްގައި އެހީތެރިން ފޯރުކޮށްދެމުން ގެންދަވާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގުރުއާނުގެ އިލްމަކީ ވަރަށް ތަނަވަސް ދާއިރާއަކަށް ފެތުރިފައިވާ އިލްމެއް ކަމަށެވެ. ނަމަވެސް ގުރުއާނުގެ އިލްމުތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފާ މަންޒަރު ފެނިގެންދާ ކަމަށެވެ.
ރައީސް ވަނީ ގުރުއާން ޓީޗަރުންނާއި ހާފިޒުންނާއި އިމާމުން އުފެއްދުމަށްވުރެ ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ދައުރު ފުޅާކުރުން މާ މުހިންމު ކަމަށް ވިދާޅުވެފައެވެ.
"އެހެންވީމާ އަޅުގަނޑަށް ވިސްނޭގޮތުގައި، މި މަރުކަޒުގެ ދައުރު މާބޮޑަށް އެބަ ފުޅާވާންޖެހޭ. ގުރުއާނާބެހޭ މަރުކަޒެއް ހުރުމުގެ ހަގީގީ ފައިދާ ލިބޭނީ އޭރުން، މި ސަރުކާރުން އިރާދަކުރެއްވިއްޔާ، ގުރުއާނާބެހޭ މަރުކަޒު މިއަށްވުރެ ފުޅާކޮށް، ދީނީ އިލްމު ރާއްޖޭގައި ފެތުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން، މިރޭ އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކީރިތި ގުރުއާނުގެ އިލްމު ފެތުރުމުން ގުރުއާނުގެ ކަންޒުން ސިކުނޑިތައް މުއްސަދިވެގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މިޒަމާނުގެ އިލްމުތައްވެސް އިތުރަށް ފުރިހަމަވާނީ ގުރުއާނުގެ އިލްމު ދިރާސާކޮށްގެން ކަމަށެވެ.
ރައީސް ވިދާޅުވީ މިރޭ ދަސްވެނިމުނު ގުރުއާން މުދައްރިސުންނާއި އިމާމުން، އެ ބޭފުޅުން އުނގެނިވަޑައިގެންނެވި އެއްޗެއް އަމަލީ ދިރިއުޅުމުގައި ތަންފީޒު ކުރަންވާނެ ކަމަށެވެ. އަދި އެހެން މީހުންނަށް އެ ކަންކަން ދަސްކޮށްދީ، ގުރުއާނުގެ ތަރުބަވީ އަހުލާގުގެ މަތީގައި ދެމިތިބުމަށް ބާރުއެޅުވުމަށް މަސައްކަތް ކުރަންވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މުޖުތަމައަށް ދީނީ އިލްމު ފޯރުކޮށް ދިނުމުގައި އިސްލާމީ މުދައްރިސުންގެ ދައުރު ވަކިން ބޮޑު ކަމަށާއި އެ ބޭފުޅުން، ދަރިވަރުންނަށް ގުރުއާން އުގަންނައިދިނުމުގެ ޒިންމާ އަދާކުރަމުން ދާއިރު އެ ބޭފުޅުންވެސް ގުރުއާނުގެ އަހުލާގީ އިމުގެ ތެރޭގައި ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު