ކުޅިވަރު

މެގުއާއަށް ރަތަކާއެކު ޔުނައިޓެޑަށް ލަދުވެތި ބައްޔެއް، "އޮލޭ އައުޓް" ވާނެތަ؟

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން މިރޭ ކުޅުނު މެޗުގައި ވޮޓްފޯޑު އަތްދަށުވެ، ކްލަބުގެ ކޯޗު އޮލެ ގުނަ ސޮލްޝެއާއަށް މަގާމު ގެއްލޭނެ ކަމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެއެވެ.

މިރޭ ވޮޓްފޯޑުގެ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާއަށް ރަތް ކާޑުވެސް ދައްކާފައިވާ އިރު، މިއީ ޔުނައިޓެޑަށް މާޔޫސީ ބައްޔެކެވެ.

މިރޭގެ މެޗަށް ޔުނައިޓެޑުން ނުކުތީވެސް ޕްރެޝަރުގައި އޮވެގެންނެވެ. ކޯޗު ސޮލްޝެއާ ބޭރު ކުރުމަށް މީސް މީޑިއާގައި "އޮލޭ އައުޓް"ގެ ހޭޝްޓެގާއެކު ބޮޑު ކެމްޕޭނެއްވެސް ހިނގަމުންދާ އިރު، މެޗުން އޮތީ މޮޅުވާން މަޖުބޫރުވެފައެވެ. ސަބަބަކީ މެޗަށް ނުކުތް އިރު، ޔުނައިޓެޑުން އެންމެ ފަހުން ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފައި އޮތުމުގެ އިތުރުން ޓީމުގެ ދަށް ކުޅުމެވެ. އޭގެ ތެރެއިންވެސް އޮކްޓޯބަރު މަހު ލިވަޕޫލާ ދެކޮޅަށް ކުޅެ، 5-0 އިން ބަލިވި މެޗާއި އިންޓަނޭޝަނަލް ބްރޭކްގެ ކުރިން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ޑާބީ މެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން ކޯޗު ސޮލްޝެއާއަށް އޮތީ ޕްރެޝަރު ބޮޑުވެފައެވެ.

އެ މެޗުތަކަށްފަހު ގިނަ ބަޔަކު އެންމެ ބޮޑަށް ފާޑު ކިޔަމުން ދިޔައީ ކެޕްޓަން މެގުއާއަށެވެ. އަނިޔާއެއްގައި ހުރުމަށްފަހު އެނބުރި އައިސް، މެގުއާ ކުޅުނު މެޗުތަކުގައި އޭނާގެ ފަރާތުން ބޮޑެތި ގޯސްތައް ފެނިގެންދާ އިރު، އެކަމަށް ލެޖެންޑަރީ ކުޅުންތެރިންވެސް ދިޔައީ ފާޑު ކިޔަމުންނެވެ. ހާއްސަކޮށް މިރޭގެ ރަތް ކާޑާއެކު މެގުއާއަށް ފާޑު ކިޔުން ބޮޑުވާނެ ކަމަށް ބެލެވެއެވެ.

މިރޭގެ މެޗު ފެށިގެން ފުރަތަމަ 10 ވަރަކަށް މިނެޓުގައިވެސް ޔުނައިޓެޑަށް ދިޔައީ އޮބި ނޯވެގެންނެވެ. ވޮޓްފޯޑުން ކުރިއަށް ޕްރެސްކޮށް ޔުނައިޓެޑުގެ ޑިފެންސަށް ޕްރެޝަރު ބޮޑު ކޮށްލިއެވެ. އެ ޕްރެޝަރުގެ ތެރެއިން އަށްވަނަ މިނެޓުގައި ވޮޓްފޯޑަށް ޕެނަލްޓީއެއް ލިބި ބޭކާރުވިއެވެ.

ފުރަތަމަ ޖެހި ޕެނަލްޓީ ޑޭވިޑް ޑެހެއާ މަތަކުރުމުން ރީބައުންސްގައި ވޮޓްފޯޑުން ގޯލަށް ވައްދާލި ނަމަވެސް ޕެނަލްޓީ ޖެހުނީ އަލުން ޖަހާށެވެ. އެއީ ޕެނަލްޓީ ޖެހި ވަގުތު ވޮޓްފޯޑު ކުޅުންތެރިން އޭރިއާ ތެރޭގައި ތިބުމުންނެވެ. ދެވަނަ ފަހަރަށް ވޮޓްފޯޑުގެ ޕެނަލްޓީ އަލުން ޖެހީވެސް ފުރަތަމަވެސް ޕެނަލްޓީ ނާކާމިޔާބު ކޮށްލި އިސްމައިލާ ސާއެވެ. ސާގެ ދެވަނަ ޕެނަލްޓީވެސް ޑެހެއާ މަތަކުރިއެވެ.

ޕެނަލްޓީ ނާކާމިޔާބުވި ނަމަވެސް ވޮޓްފޯޑުން ފުރަތަމަ ހާފުގައި ދެ ގޯލު ޖެހިއެވެ. ސާގެ އިތުރުން ވޮޓްފޯޑަށް ފުރަތަމަ ހާފުގައި ގޯލު ޖަހައިދިނީ ޖޮޝުއާ ކިންގެވެ. މާޔޫސް ކަމުގައި ހާފު ނިންމާލި ޔުނައިޓެޑުން ދެވަނަ ހާފަށް ވެންޑަބީކް ކުޅެން ނެރުނު އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި އޭނާ ގޯލެއް ޖެހިއެވެ.

އެ ގޯލާއެކު އުންމީދުގައި ކުޅެމުން ދިޔަ ޔުނައިޓެޑު އަނެއްކާވެސް މާޔޫސްވީ 69 ވަނަ މިނެޓުގައި މެގުއާއަށް ދެއްކި ރަތް ކާޑާއެކުގައެވެ. މެޗުގެ ޓެކްޓިކްސް މުޅިން ގޯހުން ގޯހަށް ގޮސް ވޮޓްފޯޑުން ވަނީ ފަހު ދެމިނެޓުގައި ޔުނައިޓެޑް ކޮޅަށް ފުލުފުލުގައި ދެ ގޯލު ޖަހައި ލަދުގަންނަވާ ލައިފައެވެ. އެ ދެ ގޯލު ޖެހީ ޖާއޯ ޕެޑްރޯ އާއި އެމެނުއަލް ޑެނިސްއެވެ.