ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން މިރޭ "ވަން" އަށް ބުނީ، މެދު އުތުރު (ކ، އއ، އދ، ވ ) ހިމެނޭ ރަށެއްގައި ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރޭ ދަންވަރު 12:50 ހާއިރު ފުލުހުންނަށް ހުށަހެޅުމުން، އެ މައްސަލަ ތަހުގީހުކުރަމުންދާ ކަމަށެވެ.

އެފަދަ ކަމެއް ހިނގާފައިވާކަން ކުއްޖާ ނިސްބަތްވާ ރަށުގެ ކައުންސިލުން "ވަން" އަށް ކަށަވަރު ކޮށްދީފައިވާ އިރު، އެ ރަށު ސިއްހީ މަރުކަޒުގެ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ، އެ ކުއްޖާ މަރުކަޒަށް ގެނައީ ރޭ ގާތްގަނޑަކަށް 11:20 ހާއިރު ކަމަށެވެ.

އަދި އެކުއްޖާ ގެނައީ ކުރިމަތި ފަރާތުގައި ރިއްސާތީ ކަމަށާއި ޑޮކްޓަރު ބެލުމަށްފަހު ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ޝައްކުކުރެވޭތީ ފުލުހަށް މައްސަލަ ރިޕޯޓު ކުރީ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.