ޖެނުއަރީ، 2012 ގައި ތޫނު އެއްޗެހިން ހަމަލާދީ، އަނިޔާވެރި ގޮތަކަށް މަރާލި ދ. ކުޑަހުވަދޫ ސަމަންދަރުގޭ އަލީ ހަސަން، 76، (އައްޔުބެ) މަރާލުމަށް ފަހު ފަޅު ގެއެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި ފެނުނު މައްސަލައިގައި ދައުވާ ލިބޭ ކުއްޖަކަށް މަރުގެ އަދަބު ނުދެވޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.
ތަހުގީގުގައި (އިސްތިއުނާފުކުރާ ފަރާތް) ދިން ބަޔާނުގެ މައްޗަށް ބިނާކޮށް، (އިސްތިއުނާފު ކުރާ ފަރާތު)ގެ މައްޗަށް ޖުވެނައިލް ކޯޓުގައި އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލުމާއި، ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ. ޖުވެނައިލް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ 2012 މާޗު 12 ވަނަ ދުވަހުއެވެ. އެ މައްސަލަ ބެލުމަށްފަހު ތުހުމަތުކުރެވޭ ދެ ކުދިންގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވާކަމަށް 2012 ޑިސެމްބަރު 13 ގައި ކަނޑައެޅިއެވެ.
ނަމަވެސް އެ މައްސަލައިގެ ހުކުމް ނުއިއްވާ ޖުވެނައިލް ކޯޓުން ނިންމީ އައްޔުބެގެ ވާރިސުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުދިން ތިބުމުން، އެ ކުދިން ބޮޑުވެ އަދި ގާތިލުންގެ ކިބައިން މަރަށް މަރު ހިފުމާ މެދު ގޮތެއް ނިމެންދެން މައްސަލަ ސާބިތުވި ދެ ކުދިން ޖަލުގައި ބޭތިއްބުމަށެވެ. އެކަމަކު އޭގެ ތެރެއިން އެކަކުގެ ހުކުމް ހައި ކޯޓުން 2017 ވަނަ އަހަރު ވަނީ ބާތިލުކޮށްފައެވެ.
ދައުވާ ލިބޭ ދެ ވަނަ ކުއްޖާގެ ފަރާތުން ޖުވެނައިލް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެ ކުއްޖާގެ ފަރާތުން ހުށަހެޅި މައްސަލަ ބެލުމަށްފަހު ހައި ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައި ބުނީ، އައްޔުބެ މަރާލުމުގައި ބައިވެރިވި ކަމަށް ޖުވެނައިލް ކޯޓުގެ ޝަރީއަތުގައި އޭނާ އިއުތިރާފުވެފައިވާ ކަމަށާއި އަދި މިހާރު ކުށަށް އިންކާރު ކުރިޔަސް، އެކަމަށް މަގުބޫލު އުޒުރެއް އޭނާއަށް ދެއްކިފައިނުވާ ކަމަށެވެ. އަދި އޭރު އެއްބަސްވީ ބިރު ދެއްކުމުން ކަމަށް މިހާރު ބުންޏަސް، އެއީ މަގުބޫލު އުޒުރެއް ކަމަށް ބެލެވެން ނެތް ކަމަށާއި އެހެންކަމުން އޭނާ ވެފައިވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށެވެ.
ހުކުމުގައި އިތުރަށް ބުނީ، ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވިޔަސް، މަރުގެ އަދަބު ނުދެވޭނެ ކަމަށެވެ. އެއީ އައްޔުބެ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވުނު އެއްވެސް މީހަކަށް ކުށް ސާބިތުވެފައި ނެތުމުންނާއި އަދި ހުށަހެޅި ހެކިތަކަށް ބަލާއިރު އެކަމުގައި އޭނާގެ ދައުރަކީ އެ ހަމަލާދިނުމަށް ހަތިޔާރާއި ތަކެތި ގެންގޮސްދިނުން އެކަނި ކަމަށް ވުމުންނެވެ.
އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅޭ ކުށްތައް ސާބިތު ކުރުމުގައި ޝައްކުތަކުން ދުރުވާން ޖެހޭއިރު، ކުށްކުރި އަސްލު ކުށްކުރި މީހާ ނުހޯދެނީސް އަދި ތަހުގީގު ބަޔާންތަކަށް އެކަނި ބިނާކޮށްގެން އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އުސޫލުން މަރުގެ އަދަބު ނުދެވޭނެ ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައި ބުންޏެވެ. ނަމަވެސް، މީހަކު މެރުމުގައި ބައިވެރިވެފައިވާތީ އެކަމަށް އޭނާއަށް އަދަބުދޭން ޖެހޭ ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައި އިތުރަށް ބުނީ، އައްޔުބެ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތު ނުވުމުގައި ދައުލަތުގެ ބޮޑެތި އިހުމާލުތަކެއް ހުރި ކަމަށެވެ. އެގޮތުން ޖުވެނައިލް ކޯޓަށް ހުށަހަޅާފައި އޮތީ ތަހުގީގު ބަޔާންތައް އެކަނި ކަމަށާއި އަދި ތަހުގީގަށް އިތުރު ގިނަ ހެކިތަކެއް ލިބުނަސް، އެ ހެކިތައް ޖުވެނައިލް ކޯޓަށް ހުށަހަޅާފައި ނެތް ކަމަށް ދައުލަތުން ވެސް އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން އައްޔުބެ މަރާލުމުގެ އަސްލު ކުށްކުރީ ކާކުކަން ހޯދިފައި ނެތް ކަމަށް ހުކުމުގައި ބުންޏެވެ.
އައްޔުބެ މަރާލުމުގައި ބައިވެރިވިކަން އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމް ރަނގަޅުކަމަށް ހައި ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ. އަދި އޭނާއަށް އަދަބު ކަނޑައެޅުމުގެ މައްސަލަ ޖުވެނައިލް ކޯޓުގައި ހިނގަމުންދާތީ އަދަބު ކަނޑައެޅުމުގައި ހައި ކޯޓުގެ ހުކުމަށް އަމަލުކުރަން ވެސް ވަނީ އަންގައިފައެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ، ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު ފާތިމަތު ފަރުހީޒާ، ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.