ޚަބަރު

ދަރިވަރުންނާމެދު ކުރާ އުންމީދުތައް މަތިކުރަން ޖެހޭ، ނޫންނަމަ ތޫނުފިލި ކުދިންވެސް ނެރޭނީ ދަށް ނަތީޖާ: މިނިސްޓަރު

އަލީ ޔާމިން

ދަރިވަރުންގެ ތައުލީމީ ފެންވަރާ މެދު ކުރާ އުންމީދުތައް މަތިކުރަން ޖެހޭ ކަމަށާއި ނޫންނަމަ ތޫނުފިލި ކުދިންވެސް ނެރޭނީ ދަށް ނަތީޖާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިމާނު ދިނުމަށް އަމީނިއްޔާ ސްކޫލުގައި މިރޭ ބޭއްވި "ޓޮޕް އެޗީވާސް" ޖަލްސާގައި މިނިސްޓަރު އައިޝަތު ވިދާޅުވީ، ކުދިންގެ ކިޔެވުމަށް އަސަރުކުރާ އެންމެ ބޮޑު ކަމަކީ އެކުއްޖާގެ ތައުލީމީ ފެންވަރު ވަޒަންކުރެވޭ ގޮތް ކަމަށާއި އެގޮތުން ކުއްޖަކު ކިޔެވުމަށް ދެރަވާނެ ކަމަށް މުދައްރިސުން ދެކި، އެކަން އެކުދިންނަށް ހާމަކުރާނަމަ ތޫނުފިލި ކުދިންވެސް ނެރޭނީ ދެރަ ނަތީޖާ ކަމަށެވެ. އަދި އިންތިޒާތްތަކަކީ ދަރިވަރުންނަށް ވަރަށް ބޮޑު އަސަރެއް ކުރުވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

"ދަރިވަރުން މޮޅުވާނެ މިންވަރާ މެދު ގައުމީ ނަޒަރުން މުދައްރިސުންގެ އަންދާޒާ، ނުވަތަ ބެލެނިވެރިން ހީކުރާގޮތް ދަށް ނަމަ ދަރިވަރުންގެ ފެންވަރު ރަނގަޅެއް ނުވާނެ. އެކުދިންނަށް ދެވޭނެ އެންމެ ކުރިއަކަށް އެކުދިންގެ ތަބީއީ ގާބިލުކަމަށް ނުވަތަ ޕޮޓެންޝިއަލަކަށް އެކުދިން ވާސިލެއް ނުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދަރިވަރުންގެ ތައުލީމާ މެދު ކުރާ އުންމީދު މަތިކުރަން ޖެހޭ ކަމަށާއި އުންމީދުތައް މަތިނަމަ އެ އުންމީދުތަކަށް ވާސިލުވުމަށް ދަރިވަރުން މަސައްކަތް ކުރާނެ ކަމަށެވެ.

ދަށު ސާނަވީ ދައުރުގައި ދަރިވަރުންނަށް ތައުލީމުގެ ރަނގަޅު ބިންގަލެއް އެޅުމަކީ އެކުދިންގެ މުސްތަގުބަލު ހަރުދަނާވެ ފަހިވެގެންދާނެ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.