ޚަބަރު

ލަފާކުރި އާމްދަނީ ލިބޭނެ ކަމަށް ފާސްކޮށް ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކޮށްފި

މުހައްމަދު އިޝާން

ރަށްރަށުގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށާއި އަދި ބައެއް މުއައްސަސާތަކުން ބަޖެޓަށް ޖުމުލަ 73.8 މިލިއަން ރުފިޔާ އިތުރުކޮށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، މަޖިލީހުގެ ކޮމިޓީން މިރޭ ފާސްކޮށްފިއެވެ.

މިރޭ ބަޖެޓު ކޮމިޓީން ބަޖެޓު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު ހުށަހެޅި ބަޖެޓުގައިވާ 24 މިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެކަމަށް ބެލުމަށްފަހުއެވެ. އެގޮތަށް ފާސްކޮށްފައިވާ ބަޖެޓު ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 36.9 ބިލިއަން ރުފިޔާގެ ބަޖެޓަށް އިތުރުކުރި 73.8 މިލިއަން ރުފިޔާއަކީ 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޖުމުލަ 57.4 މިލިއަން ރުފިޔާގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓާއި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުގެ އިތުރުން ހަތް މިނިވަން މުއައްސަސާއެއްގެ ބަޖެޓަށް 16.4 މިލިއަން ރުފިޔާއެވެ.

ބަޖެޓް އިތުރުކުރަން ފާސްކުރި މިނިވަން މުއައްސަސާތަކުގެ ތެރޭގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)، ފެމިލީ ޕްރޮޓެކްޝަން އެޖެންސީ (އެފްޕީއޭ)، އިންތިގާލީ އިންސާފުގެ އޮފީސް (އޮމްބަޑްސްޕާސަން އޮފީސް)، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިމެނެއެވެ.

މުއައްސަސާތަކަށް ބޮޑުކުރި ބަޖެޓް

 • ސިވިލް ސާވިސްގެ އެންހޭންސިން ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފް ސިވިލް ސާވިސް ޕްރޮޖެކްޓަށް 1،500،000 ރުފިޔާ
 • އޭސީސީއަށް އެމްއެމްޕީއާރުސީ މައްސަލައިގައި ތަހުގީގު ނިންމަން ބޭނުންވާ މުވައްޒަފުން ނަގަން 3،900،000 ރުފިޔާ
 • ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން މުވައްޒަފުން ނަގަން 865،636 ރުފިޔާ
 • އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް ލޯ ފާމެއް ހޯދަން 204،000 ރުފިޔާ
 • އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހަށް ގާނޫނުގައި ބުނާ ތާރީހަށް މަސައްކަތްތައް ނިންމަން ބޭނުންވާ މުވައްޒަފުން ނަގަން 2،200،000 ރުފިޔާ'
 • މިނިސްޓްރީ އޮފް ފިނޭންސުގެ ހާއްސަ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާއަށް 73،782 ރުފިޔާ
 • ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޖިޓަލައިޒް ކުރަން 500،000 ރުފިޔާ
 • ރައްޔިތުންގެ މަޖިލިސް އިދާރާގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސްއަށް ހަތް މިލިއަން ރުފިޔާ

މަޖިލީހުގެ ބަޖެޓު ކޮމިޓީގެ މެމްބަރުން ވަނީ ބަޖެޓު ރިކޮމެންޑޭޝަންތައް ވެސް ހުށަހަޅައިފައެވެ. މެމްބަރުން ވަނީ ނުވަ ރިކޮމެންޑޭޝަނެއް ހުށަހަޅައި ފާސްކޮށްފައެވެ. އެ ރިކޮމެންޑޭޝަންތަކަކީ:

 • އަންނަ އަހަރުގެ ބަޖެޓުގެ ހަރަދުތަކުގެ ތެރެއިން ސްކޫލުތަކާއި ސިއްހީ މަރުކަޒުތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދު އެ ތަންތަނަށް ވަކިވަކިން ފެންނާނެ ގޮތަށް ހެދުން.
 • ދައުލަތާ ދެކޮޅަށް ކުރާ ދައުވާތަކުން ގެއްލުމުގެ ބަދަލު ދިނުމަށްކުރާ ކޯޓު ހުކުމްތަކުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ދައްކަންޖެހޭ ފައިސާގެ އަދަދު ކުޑަކުރުމަށްޓަކައި މަޝްރޫއުތަކާއި ހިދުމަތް ހޯދުމަށް ވެވޭ ކޮންޓްރެކްޓްތަކާ ގުޅޭ މައްސަލަތައް އިސްލާހުކުރުމަށާއި ޕްރޮޖެކްޓުގެ ސްކޯޕާއި މުއްދަތާއި ދޭ ހިދުމަތް ނުވަތަ މަޝްރޫއުގެ ފެންވަރާ މެދު ދައުލަތާއި ކޮންޓްރެކްޓް ހަވާލުކުރެވޭ ފަރާތާ ދެމެދު ކޮންޓްރެކްޓް ސޮއިކުރުމުގެ ކުރިން އެއްބަސްވުމަށާއި އަދި މަޝްރޫއުތައް ހިނގާ މިންވަރު ބަލައި މޮނީޓާކުރުމުގެ ކަންކަން ހަރުދަނާކުރަން ސަރުކާރުގެ އިދާރާތަކަށް އެންގުން.
 • އޮމްބަޑްސްޕާސަންގެ އޮފީހަށް އިތުރުކުރުމަށް ނިންމި މުވައްޒަފުންގެ ބަޖެޓާއެކު އިންތިގާލީ އިންސާފުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކޮށް ނިންމުމަށް މަގުފަހިވާ ގޮތަށް އަމަލުކުރުމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ދެންނެވުން.
 • ބަޖެޓަށް އާމްދަނީ ހޯދުމަށް ހުށަހަޅަންޖެހޭ ބިލުތައް ދައުލަތުގެ ބަޖެޓާއެކު ހުށަހެޅުމަށް އެންގުން.
 • އާސަންދައިގެ ހަރަދުތައް ދެމެހެއްޓެނިވި މިންވަރަކަށް ގެނައުމަށާއި، އާސަންދަ ހިންގުމުގައި ބޭކާރުވާ ހަރަދުތައް ކުޑަކޮށް އެފިޝަންސީ އިތުރުކޮށް ރައްޔިތުންނަށް އޭގެ ނަފާ ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ އެކްޝަން ޕްލޭނާ އެއްގޮތަށް 2022 ވަނަ އަހަރު ތަންފީޒުކުރުމަށް ދެންނެވުމުގެ އިތުރުން އާސަންދައިގެ ހަރަދުތަކުގެ ތެރެއިން މެޑިކަލް ކޮންސިއުމަބަލްސްއަށް ކުރާ ހަރަދުތައް ކުޑަކުރުމަށް ފެންނަކަމަށް ދަންނެވުން އަދި ބޭހަށް އެންމެ މަތިން ކަނޑައެޅޭ އަގު ނުވަތަ މެކްސިމަމް ރީޓެއިލް ކަނޑައަޅާ ބޭހަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމުގެ މަސައްކަތް 2022 ވަނަ އަހަރުގެ ތެރޭގައި ތަންފީޒުކުރުމަށާއި އާސަންދަ ސްކީމު ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ފުރުސަތު ނުދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ހެލްތު މިނިސްޓްރީއަށް އެންގުން.
 • ބަޖެޓުން ދޭ ސަބްސިޑީސްތަކުގައި ހުރި އިންއެފިޝަންސީތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީގައި ދެންނެވުމާއި އެ އިންއެފިޝެންސީތަކުގެ ސަބަބުން ކުރިމަތިވާ ޑެޓް ވެއިޓް ލޮސް ނުވަތަ އެ އިންއެފިޝެންސީތަކުގެ ސަބަބުން މުޅި މުޖުތަމުއަށް ގެއްލިގެންދާ ބައި ކުޑަކޮށް ދައުލަތުގެ ބަޖެޓުން އިސްރާފުވާ ހަރަދުތައް ކުޑަކުރުމަށް ބާރު އެޅުމަށް ފިނޭންސް މިނިސްޓްރީއަށް އެންގުން
 • އަންނަ އަހަރުގެ ތެރޭގައި ޖެންޑާ ރެސްޕޮންސިވް ބަޖެޓިންގެ މަސައްކަތްތައް ފެށުމާއި ބައެއް ދާއިރާތަކުގެ ޖެންޑާ ރެސްޕޮންސިވް ބަޖެޓުތައް ޕައިލެޓުކޮށް ތައްޔާރުކުރުމަށް ފިނޭންސް މިނިސްޓްރީގައި ދެންނެވުން.
 • އަންނަ އަހަރުގެ ބަޖެޓު ފާސްކުރި ފަހުން ގާނޫނުތަކަށް ގެނެވުނު ބަދަލުތަކާއެކު ޖުމުލަ 52.7 މިލިއަން ރުފިޔާ އަހަރުގެ ތެރޭގައި ބަޖެޓަށް އިތުރުކޮށްފައިވާކަމަށް ފާހަގަކުރެވިފައިވާތީ، އާ ގާނޫނުތަކުން ގެނެވޭ ބަދަލުތަކުން އިތުރުވާ ހަރަދު ގާނޫނު ޑްރާފްޓުކުރުމުގެ މަރުހަލާގައި ދެނެގަތުމަށާއި ބަޖެޓުގައި ނުހިމެނޭ އާ ޕޮލިސީއެއް ނުވަތަ އާ ގާނޫނެއް ފާސްވެއްޖެނަމަ ދެން ފެށޭ ބަޖެޓު ސައިކަލުގެ ތެރޭގައި އެ ޕޮލިސީ ނުވަތަ ގާނޫނު ތަންފީޒުކުރުމަށާއި އަހަރުގެ ތެރޭގައި ބަޖެޓުގައި ނުހިމެނޭ އާ ބިލެއް ފާސްވެއްޖެނަމަ ސަޕްލިމެންޓްރީ ބަޖެޓާއެކު ބިލު ފާސްކުރުމުގެ އިންތިޒާމު ހަމަޖެއްސުން.
 • ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން އެމްއެމްޕީއާރުސީ މައްސަލަ ނިންމުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް އިތުރުކުރުމަށް ނިންމި ބަޖެޓާއެކު 2022 ވަނަ އަހަރުގެ ނިޔަލަށް އެމްއެމްޕީއާރުސީ މައްސަލައިގެ ތަހުގީގު ނިންމަން މަސައްކަތްކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގައި ދެންނެވުމަށް.