ޚަބަރު

އެމްއެމްޕީއާރުސީ ހިޔާނަތް ތަހުގީގުކުރުމަށް ބޭނުންވާ ބަޖެޓު އޭސީސީއަށް ދިނުމަށް ކޮމިޓީން ފާސްކޮށްފި

މުހައްމަދު އިޝާން

މޯލްޑިވްސް މާކެޓީން އެންޑު ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނަތް ތަހުގީގުކޮށް ނިންމަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިތުރު 12 މުވައްޒަފުން ނެގުމަށް ބޭނުންވާ ހަތަރު މިލިއަން ރުފިޔާގެ ބަޖެޓު ދިނުމަށް މިރޭ ރައްޔިތުން މަޖިލީހުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އޭސީސީއަށް ދޭން ހިމަނާފައިވަނީ 41.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އެ ކޮމިޝަނުން އެދިފައިވަނީ އެ ބަޖެޓަށް 3.9 މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށެވެ.

ބަޖެޓު ކޮމިޓީން މީގެ ކުރިން ބޭއްވި މިނިވަން މުއައްސަސާތަކުގެ ބައްދަލުވުމަށް އޭސީސީން ހާޒިރުވެ، އެމްއެމްޕީއާރުސީ ތަހުގީގު ލަސްވަނީ މުވައްޒަފުންގެ ދަތިތަކުގެ ސަބަބުން ކަމަށް ވަނީ ބުނެފައެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެފައިވަނީ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކުރިއަށްގެންދާ، އެމްއެމްޕީއާރުސީގެ ތަހުގީގުގައި 338 ފަރާތެއްގެ މައްސަލަ ބަލަންޖެހޭ ކަމަށާއި އޭގެ ތެރެއިން މިހާތަނަށް ނިމިފައި އޮތީ އެންމެ 38 މައްސަލަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ އެހުރިހާ މައްސަލަތަކެއްގެ ތެރެއިން ކޮންމެ މައްސަލައަކަށް އެވްރެޖްކޮށް އަށް މަސްދުވަސް ހޭދަވެއެވެ.

އެހާ ގިނަ އަދަދެއްގެ މައްސަލަ ބަލަން ޖެހުމުން ތަހުގީގު ޓީމަށް 12 އިންވެސްޓިގޭޝަން އޮފިސަރުން ބޭނުންވާނެ ކަމަށް ޝިއުނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ބަޖެޓު ކޮމިޓީން މިނިސްޓަރުންނާ އެއްކޮށް ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ މިނިވަން މުއައްސަސާތަކުން އެދުނަސް ބަޖެޓު ބޮޑުކޮށްދެވެން ނެތް ކަމަށެވެ.

މިރޭ ބޭއްވި ބަޖެޓު ކޮމިޓީގައި ވަނީ މިނިވަން މުއައްސަސާތަކަށް ބޭނުންވާ ބަޖެޓު ދިނުމާ ގުޅޭގޮތުން ވޯޓަށް އަހައިފައެވެ. އެ ވޯޓު ނެގުމަށްފަހު ބަޖެޓު ކޮމިޓީގެ މުގައްރިރު ވިދާޅުވީ މިނިވަން މުއައްސަސާތަކުން އެދުނު ގޮތަށް ބަޖެޓު ބޮޑުކޮށްދޭން ފާސްވެއްޖެ ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ ބަޖެޓު ބޮޑުކޮށްދިނުމަށް ކޮމިޓީއަށް ހުށަހެޅީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގުނީއެވެ. އެ ހުށަހެޅުމަށް ތާއިދުކުރެއްވީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދުއެވެ.