ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑުކޮށްފިއެވެ.
ޖޭއެސްސީން މިއަދު ބުނީ، އިއްޔެ ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި އަހުމަދު ލަތީފު ސަސްޕެންޑުކުރަން ނިންމީ މިއަދުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް ދެ ހަފުތާގެ މުއްދަތަށް ކަމަށެވެ.
އޭނާ ސަސްޕެންޑުކުރި ސަބަބެއް ކަމަށް ޖޭއެސްސީން ބުނީ، ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ޖިނާއީ ފަސް މައްސަލައެއްގައި ހިމެނޭ ހަސްމަކާ އޮންނަ ގުޅުމަކާ ގުޅިގެން ކަމަށްބުނެ އެ މައްސަލަތައް ބެލުމުން އަހުމަދު ލަތީފު ތަނާޒުލްވެ، ހަމަ އެ ހަސްމާ ގުޅޭގޮތުން ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއް ބެލުމުން އޭނާ ތަނާޒުލުވުމެއްނެތި، އެ މައްސަލައިގައި ހިމެނޭ ހަސްމުގެ ބަންދާ މެދު ގޮތެއް ނިންމާފައިވާތީއާއި އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމާފައިވަނީވެސް ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކަމަށްވާތީ ކަމަށެވެ.
ޖޭއެސްސީން ބުނީ، އަހުމަދު ލަތީފުގެ އެ އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ ހަތްވަނަ މާއްދާއާއި 32 ވަނަ މާއްދާގެ (3) ވަނަ ނަންބަރާއި 33 ވަނަ މާއްދާގެ (ށ)އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 ވަނަ ނަންބަރާއި 1.2 ވަނަ ނަންބަރާއި 2.1 ވަނަ ނަންބަރާއި 2.2 ވަނަ ނަންބަރާއި އަދި 3.1 ވަނަ ނަންބަރާ ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށެވެ.
އަދި އަހުމަދު ލަތީފު، ސަސްޕެންޑް ކުރަން ނިންމުމާ ގުޅިގެން، ބ. ޖުޑީޝަލް ދާއިރާ ހިންގުން ބ. ކަމަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ސުޖާއުއާ ހަވާލުކޮށްފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު