ޚަބަރު

އުމުރުން 50 އަހަރުން މަތީގެ ވަކި ކެޓެގެރީތަކަށް ހޮނިހިރު ދުވަހު ބޫސްޓާ ޑޯޒް ދެނީ

ރިފާ ހަލީލު

ކޮވިޑު ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް 50 އަހަރުން މަތީގެ ވަކި ބަޔަކަށް އަންނަ ހޮނިހިރު ދުވަހު ޖަހަން ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހަމުން އަންނަނީ ފައިޒާ ވެކްސިނެވެ. މިހާރުވެސް އުމުރުން 60 އަހަރުންމަތީގެ ބޮޑެތި ބަލިތައް ހުންނަ މީހުންނަށް އަންނަނީ ވެކްސިންގެ ބޫސްޓަ ޑޯޒް ދެމުންނެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހާ ފައިޒާ ވެކްސިން 50 އަހަރުން މަތީގެ މީހުންނަށް އަންނަ ހޮނިހިރު ދުވަހު ޖަހަން ފަށާނެ ކަމަށެވެ.

އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ހޮނިހިރު ދުވަހު ބޫސްޓާ ޑޯޒް ޖަހައިދޭނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިކުރާ ފަދަ ބޭހެއް ކާން ޖެހޭ މީހުންނަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިހާރު ބޫސްޓާ ޑޯޒް ދެމުން އަންނަނީ ދިގު މުއްދަތަކަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުންނާއި ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް އެއް މަހުގެ މުއްދަތަށްވުރެ އިތުރަށް ބޭނުންކުރާ މީހުންނަށާއި ގަވައިދުން ޑަޔަލިސިސް ހަދަމުން އަންނަ މީހުންނަށާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކުގެ މީހުންނަށެވެ. އަދި ކެންސަރު ބަލިން ސަލާމަތްވިތާ އަހަރު ނުވާ މީހުންނަށެވެ.

އޭގެ އިތުރުންވެސް ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަން ތެރަޕީގެ ފަރުވާ ނަގާ މީހުން ނުވަތަ ގޭގައި އޮކްސިޖަން ތެރަޕީ ދޭން ޖެހޭކަމަށް ޑޮކްޓަރު އިރުޝާދު ދޭ މީހުންނަށްވެސް ބޫސްޓާ ޑޯޒް ޖަހައިދޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ބޫސްޓާ ޑޯޒް ޖަހާނީ އެޕޮއިންޓްމަންޓު އުސޫލުން އެކަނި ކަމަށާއި އެގޮތުން ހުޅުމާލޭ ހޮސްޕިޓަލުންނާއި އޭޑީކޭ އަދި އައިޖީއެމްއެޗުން ވަކި ދުވަސްތަކެއްގައި ޖެހޭނެ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.