މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފައި ޗިސްވި އަންހެން މީހާގެ ފައި ބުރިކޮށްލައިފިއެވެ.

ނިކަގަސް މަގުން ބާ ޖަމާލުއްދީން ކައިރިން ހިނގާފައި ދިޔަ އަންހެނެއްގެ ގައިގައި ޕިކަޕަކުން ޖެހި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 9:00 ހާއިރެވެ. އެ އެކްސިޑެންޓުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، އެ ވީޑިއޯއިން ފެންނަނީ އަންހެން މީހާ މަގު ހުރަސް ކުރަނިކޮށް ޕިކަޕެއް ކޮންޓްރޯލުނުވެ ގޮސް، ފާރަށް އަރާތަނެވެ. އޭރު އެ އަންހެން މީހާ ހުރީ އެ ފާރާ ދިމާލުގައެވެ.

އެކްސިޑެންޓް ހިނގުމާއެކު އެ ޕިކަޕް ދުއްވަން އިން މީހާ، ޕިކަޕުން ފައިބައިގެން، އެ އަންހެން މީހާއާ ދިމާލަށްދާ މަންޒަރު ފެނެއެވެ. އަދި އާންމުންގެ ބަޔަކުވެސް އެވަގުތު އެ އަންހެން މީހާއަށް އެހީތެރިވާ މަންޒަރު ފެނެއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އައްފާލް "ވަން" އަށް މިރޭ ވިދާޅުވީ އެ އަންހެން މީހާގެ ފައިގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އަދި އެމީހާގެ ހާލު މިހާރު ރަނގަޅު ކަމަށްވެސް ވިދާޅުވިއެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓާ ގުޅިގެން އޮޕަރޭޝަނެއްކޮށް، އެ އަންހެން މީހާގެ ފައި ވަނީ ބުރިކޮށްލައިފައެވެ.

ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 47 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށާއި އޭނާއަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާގައި ޕިކަޕް ދުއްވާފައިވަނީ 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި ޕިކަޕް ދުއްވުމުގެ ލައިސެންސް އޮންނަ ކަމަށެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.