މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ޒުވާނުންނަށް ހާއްސަ ލައުންޖެއް ހުޅުވައިފިއެވެ.
މިރޭ ބޭއްވި ރަސްމިއްޔާތެއްގައި "ނޫކަށި ލައުންޖު" ހުޅުއްވައިދެއްވީ އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމެވެ. ލައުންޖު ހުޅުވާފައިވަނީ ހަވީރީ ހިނގުމުގައި ހުންނަ މ. ގަހަނާ ލޮޖް ގޭގައެވެ.
ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ މި ލައުންޖަކީ ޒުވާނުން ބާރުވެރިކުރުވައި ޒުވާނުންގެ ހުސްވަގުތުތައް އެންމެ އެކަށީގެންވާ ގޮތުގައި ހޭދަކުރުމަށްޓަކައި ހުޅުވިގެންދާ ލައުންޖެއް ކަމަށެވެ. އަދި މި ލައުންޖަކީ ޒުވާނުން މުނިފޫހި ފިލުވާލައި އެކުވެރިންނާއެކު މަސައްކަތް ކުރެވޭނެ ލައުންޖަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ޒުވާނުން، މުޖުތަމައަށް ފައިދާހުރި ބިނާކުރުވަނިވި މަސައްކަތްތަކެއް ކުރާ ބަޔަކަށް ހެދުމަށް ކަމަށާއި ޒުވާނުންނަކީ ގައުމުގެ އެންމެ ބާރުވެރި ބަޔަކަށް ހެދުމަކީ އެޕާޓީގެ އަމާޒު ކަމަށެވެ.
ކޮންމެ ޒުވާނަކަށް ވަޒީފާއެއް ދިނުމަކީ އުނދަގޫ ކަމެއް ނަމަވެސް އެޕާޓީން ޒުވާނުންނަށްޓަކައި ވަޒީފާ އުފައްދައިދޭނެ ކަމަށެވެ. އަދި ޒުވާނުން ވިޔަފާރިވެރިންނަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްއެންޕީއަކީ ޒުވާނުންނަށްޓަކައި އުފެއްދި ޕާޓީއެއް ކަމަށާއި އެޕާޓީއަކީ ޒުވާނުންނަށް އޮތް އުންމީދެއް ކަމަށެވެ. އަދި ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލު ކަމަށް ވިދާޅުވެ އޭނާ ވަނީ ޒުވާނުން ނަމޫނާ ބަޔަކަށް ވުމަށް ގޮވާލައްވައިފައެވެ.
"ކުރިއަށް އޮތް ތަނުގައި ޒުވާނުން ސްޕޮންސާ ކުރާނަން. ޒުވާނުންނަށް މާޔޫސް ކަމެއް ނާންނާނެ. އެމީހުންނަށް ފެންނާނީ އުފާވެރިކަމާއި ތިޔާގިކަން. އަދިވެސް އެއް ފަހަރު ދަންނަވަން އޮތީ މިއޭ (އެމްއެންޕީ) ތިބޭފުޅުންގެ އުންމީދަކީ. މި ނޫން އުންމީދެއް ނެތޭ،" ނާޒިމް ވިދާޅުވިއެވެ.
މިރޭ ހުޅުވި ލައުންޖަކީ ޕީއެސް އާއި ރާޒުވާ އަދި ކެރަމް ފަދަ އެކިއެކި ކުޅިވަރުތައް ކުޅެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައިވާ ލައުންޖެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު