ފީޗާރޑް

ސަރުކާރުން 3 އަހަރު: 25 ބަނދަރު ނިންމައި 39 ބަނދަރު މަސައްކަތް ކުރިޔަށް، ދަތުރުފަތުރަށް ހެޔޮ ބަދަލެއް

ދެހާސް އަށާރަ ވަނަ އަހަރުގެ ކެމްޕެއިން ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ގިނައިން ވިދާޅުވި އެއް ވާހަކައަކީ އެމަނިކުފާނުގެ ސަރުކާރެއްގައި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވާނެ ވާހަކައެވެ. ތަފާތު ކުރުމެއްނެތި ހުރިހާ ރަށަކަށް ތަރައްގީ ގެނެސްދޭނެ ވާހަކައެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް ތިން އަހަރު ފުރިގެން ގޮސްފައިވާއިރު، އެންމެ ބޮޑަށް ކުރިއެރުންތައް ހޯދައިދީފައިވާ އެއް ދާއިރާއަކީ ދަތުރުފަތުރުގެ ނިޒާމާ ގުޅުން ހުރި ކަންކަމެވެ. މަގު ހެދުމާއި ބަނދަރު ހެދުމުން ފެށިގެން ވައިގެ ދަތުރުތަކަށްވެސް މިވަނީ އެތައް ބަދަލުތަކެއް އައިސްފައެވެ.

ލަފާ ފުރުމުގެ ދަތިކަމަށް ހައްލު ގެނެސްދިން ތިން އަހަރު

ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބަނދަރުގެ މައްސަލައެވެ. ބަނދަރެއް ނެތުމުގެ ސަބަބުން ލަފާ ފުރުމުގެ ދަތިތައް ކުރިމަތިވެފައިވާ އެތައް ރަށެއް މި ސަރުކާރު އައި އިރުވެސް ހުއްޓެވެ. ކުރިން ހަދާފައިވާ ބަނދަރުތައް ހަލާކުވެ، ލަފާ ފުރުމަށް ދަތިވެ، އެތައް އަހަރަކު ސަރުކާރުގައި ސަލާން ޖަހަން ޖެހުނު އެތައް ރަށެއްވެސް މީގެ ކުރިން ފެނިފައިވެއެވެ.

އެހެންނަމަވެސް މި ސަރުކާރުން ވަނީ އެރަށްރަށަށް އުންމީދު ގެނެސްދީފައެވެ. ލަފާ ފުރުމަށް ދަތިވެފައިވާ އެތައް ރަށަކަށް ލުއި ފަސޭހަކަން ގެނެސްދީފިއެވެ. ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން ވަނީ 25 ބަނދަރެއްގެ މަސައްކަތް ނިންމައިފައެވެ. އަދި 39 ބަނދަރެއްގެ މަސައްކަތް ކުރެވެމުން އަންނަ އިރު، އިތުރު ނުވަ ރަށެއްގެ ބަނދަރު ހެދުމަށް ވަނީ އެއްބަސްވުން ހަވާލު ކޮށްފައެވެ.

ރާއްޖޭގެ ގިނަ ރަށްތަކެއްގެ ރައްޔިތުން ކުރަމުންދިޔަ އާދޭހަށް މި ސަރުކާރުން މިވަނީ އިޖާބަ ދީފައެވެ. ބަނދަރެއްގެ އުންމީދެއް ނެތި އެތައް އަހަރަކު ތިބި ރައްޔިތުންނަށް އުންމީދުގެ "ހުޅުކޮޅު" މި ސަރުކާރުން މިވަނީ ރޯކޮށްދީފައެވެ.

މަގުހެދުމުގެ އެތައް މަޝްރޫއުތަކެއް

އަޑިގުޑަން މަގުތަކާއި ފެން ހެދުމުގެ ސަބަބުން ދުއްވަން އުނދަގޫވާ ކަމުގެ ޝަކުވާތަކަކީ އަބަދުވެސް އިވެމުންދާ ވާހަކަތަކެކެވެ. ދުއްވާ އެއްޗެއްސަށް "ރޯޑް ވޯތިނެސް" ނޫން ކަމަށް ބުނާ އެތައް ރައްޔިތުންނެއް ތިއްބެވެ. މިއަދު މިވަނީ ސަރުކާރުން އެ ރައްޔިތުންނަށް "ރޯޑް ވޯތީ" ކޮށްދީފައެވެ.

މަގުތައް ހެދުމުގެ މަޝްރޫއުތަކަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް މަޝްރޫއެވެ. އެގޮތުން މިހާރުވެސް 21 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. އެއީ ގާތްގަނޑަކަށް 135 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަޝްރޫއުތަކެވެ.

މީގެ އިތުރުންވެސް އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއަކީ އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއެވެ، އައްޑޫ ސިޓީގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ޖުމުލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުން ހިމެނެއެވެ. އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގައި މިހާރު ތާރު އަޅާފައިވާ މަގުތަކުގެެ ތެރެއިން 3.4 ކިލޯމީޓަރު މަގުގެ ރީސާފޭސިންގެ މަސައްކަތް ވެސް ހިމެނެއެވެ. މިއީ މި ސަރުކާރުން ހިންގާ މަގުހެދުމުގެ އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއުގެ ސަބަބުން އައްޑޫގެ އެއްގަމުގެ ދަތުރުފަތުރަށް ބޮޑު ބަދަލެއް އަންނާނެއެވެ.

ވައިގެ ދަތުރުތައް އަގުހެޔޮކޮށް، ވައިގެ ގުޅުން އިތުރު ގައުމުތަކާއެކު

އެތެރޭގެ އުދުހުންތައް އަގުހެޔޮ ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ވެރިކަމާ ހަވާކުވެވަޑައިގެން ރައީސް އެންމެ ފުރަތަމަ ކުރެއްވި އެއް މަސައްކަތްޕުޅަކީ އެއީއެވެ. އެގޮތުން ވެރިކަމުގެ އެންމެ ކުރީކޮޅު ރައީސް ވަނީ އެ ވައުދު ފުއްދަވައިދެއްވައި، ރައްޔިތުންނަށް ވައިގެ ދަތުރުތައް ކުރުމަށް ލުއި ފަސޭހަގޮތް ހޯއްދަވައިދެއްވައިފައެވެ.

އެގޮތުން ގައުމީ އެއާލައިން މޯލްޑިވިއަނުން ވަނީ 35-25 ޕަސެންޓާ ދެމެދުގެ އަދަދެއް ފްލައިޓް ޓިކެޓުގެ އަގުން ކަނޑާލައިފައެވެ. 2019 ޖެނުއަރީ ދެ ވަނަ ދުވަހުން ފެށިގެން ވަނީ އަގުހެޔޮ ފެއާގައި ދަތުރުތައް ފަށައިފައެވެ. ރައްޔިތުންނަށް ވައިގެ މަގުން ހެޔޮ ބަދަލެއް ގެނެސްދިން ތިން އަހަރަކީ މިއީއެވެ.

މީގެ އިތުރުންވެސް ވޭތުވެދިޔަ ތިން އަހަރު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރުމުގެ މަގުތައް މި ސަރުކާރުން ހުޅުވާލައިފައެވެ. އެގޮތުން ތިން ގައުމަކާއެކު އެއާ ސާވިސް އެއްބަސްވުން ގާއިމުކޮށް، ހަ ގައުމެއްގެ އެއާލައިން ދަތުރުތައް ވަނީ ފަށައިފައެވެ. އަދި އިތުރު އެއާލައިންތަކުގެ ދަތުރުތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް މި ސަރުކާރުން އަންނަނީ މެދު ނުކެނޑި ކުރަމުންނެވެ.

ހަމަ އެހެންމެ އެއާޕޯޓްތައް ތަރައްގީކޮށް، ވައިގެ ވިއުގަ ގެތުމަށް މި ސަރުކާރުން އަންނަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ހއ. ހޯރަފުށި އެއާޕޯޓުގެ މަޝްރޫއެވެ. ހޯރަފުށީ ފަޅުން 35 ހެކްޓަރުގެ ބިން ހިއްކައިގެން ހޯރަފުށީ އެއާޕޯޓު ތަރައްގީ ކޮށްފައި ވަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކުއެވެ. މިއީ ރާއްޖޭގައި އެންމެ އަވަހަށް ނިންމައި ހުޅުވި އެއް އެއާޕޯޓެވެ.

ކާގޯ ފެރީގެ ހިދުމަތް

ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން ދަތުރުފަތުރުގެ ނިޒާމަށް ގެނައި އެންމެ މުހިންމު އެއް މަސައްކަތަކީ ބައިނަލްއަގުވާމީ ކާގޯ ފެރީގެ ނިޒާމެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކޮޗިން-ކުޅުދުއްފުއްޓަށް ފެށި ކާގޯ ފެރީގެ ހިދުމަތަކީ ރާއްޖޭގެ އިގުތިސޯދަށް ހެޔޮ ބަދަލެއްގެ ފެށުމެވެ.

ކާގޯ ފެރީގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ ތަކެތީގެ އަގު ހެޔޮ ވެ، ރައްޔިތުންނަށް ވަނީ އޭގެ ހެޔޮ ބަދަލުގެ އަސަރުކޮށްފައެވެ. އަދި ކާގޯ ފެރީގެ ހިދުމަތް ފުޅާ ކުރެވި، މިއަދު ވަނީ އައްޑޫ ސިޓީއަށާއި ހުވަދޫ އަތޮޅަށްވެސް ފެރީގެ ނިޒާމުން ގުޅާލައިފައެވެ. އިންޑިއާގެ ސޫތުކުޅިން ކަނޑުމަގުން މުދާ ގެންނަން، އެކަމަށް ޓަކައި އުފައްދާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނިން ވަނީ ކޮންމެ 20 ދުވަހަކުން ރާއްޖޭގެ އެންމެ ދެކުނަށް ދަތުރުތައް ބާއްވާ ގޮތަށް ހަމަޖައްސައިދީފައެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް މި ސަރުކާރުން ގެނެސްދީފައިވާއިރު، ސަރުކާރުގެ އަމާޒަކީ އަދިވެސް އިތުރު ކުރިއެރުންތައް ރައްޔިތުންނަށް ގެނެސްދިނުމެވެ. އެގޮތުން ހައި ސްޕީޑް ފެރީގެ ނިޒާމަކީވެސް މި ސަރުކާރުން އެންމެ ހަލުވިކަމާއެކު ކުރިއަށް ގެންދާ އެއް މަޝްރޫއެވެ. 30 މިނެޓުގެ ދަތުރުތައް ދިހަ މިނެޓަށް ކުރުކޮށްދޭނެ މި ނިޒާމުގެ ސަބަބުން ރައްޔިތުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމާމެދު ޝައްކެއް ނެތެވެ.

ސަރުކާރުން ދަތުރުފަތުރުގެ ނިޒާމަށް ބޮޑު އިންގިލާބެއް މި ވަނީ ގެނެސްފައެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ތިން އަހަރުން އެކަން ސާފުކޮށްދީފިއެވެ. ކުރިއަށް އޮތް ތަނުގައިވެސް މި ސަރުކާރުގެ އަމާޒަކީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމެވެ.

"ރައްޔިތުންގެ ހެލިފެލިވުމާ ގުޅިފައި ވަނީ، އިގުތިސޯދީ ހަރަކާތް. އިގުތިސޯދީ ހަރަކާތް ގުޅެނީ ފުދުންތެރި މުޖުތަމައަކަށް. ފުދުންތެރި މުޖުތަމައަކުން އުފެދެނީ އަރަފޯދިގެންވާ ޖުމްހޫރިއްޔަތެއްގެ ވެރި މުސްތަގިއްލު ގައުމެއް. ދިވެހިރާއްޖެއައިގެން އަޅުގަނޑުމެން މިދަނީ އެ މިސްރާބަށް. ދިވެހިރާއްޖެ އޮތްދިގަށް، ސަރާސަރު ރާސްތާއެއްގައި، ވައިގެ މަގުން ގުޅައިލެވޭނެ. ކަނޑުދަތުރުގެ ވިހިތިރީސް މިނިޓްގެ ދަތުރަކަށްފަހު، ކޮންމެ ރަށެއްގައި ހުރި، ކޮންމެ ރައްޔިތަކަށްވެސް އުދުއްސައިގަނެވޭނެ. ވައިގެ އެ ވިއުގަ އެދަނީ އެމުނެމުން، ގެތި ތަރުތީބުވަމުން،" ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.