ދަތި ދުވަސްވަރެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެގޮތަށް ވިދާޅުވީީ ރައީސް ސޯލިހުގެ ސަރުކާރަށް ތިން އަހަރު ފުރުމުން ރައީސް ސޯލިހަށާއި އެމްޑީޕީއަށް މަރުހަބާ ވިދާޅުވެ، މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
"ވަރަށް ދަތި އުނދަގީ ދުވަސް ތަކެއްގައި ސަރުކާރުން މިވަނީ ބޮޑު ކާމިޔާބެއް ހޯދާފައި،" ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ފަތުރުވެރިކަން ހުއްޓުމުގެ ސަބަބުން އިގުތިސޯދު ވަރަށް ބޮޑަށް އަޑިއަޅާލިއެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރި ބުރަ މަސައްކަތާއެކު މަޑުމަޑުން އިގުތިސޯދީ ހަރަކާތްތައް އަލުން މިހާރު ވަނީ ފެށިފައެވެ. ރައީސް ސޯލިހުވެސް ވަނީ ފާއިތުވި ދެ އަހަރަކީ ދަތި އަދި އުނދަގޫ ދެ އަހަރު ކަމުގައި ވިދާޅުވެފައެވެ.
ކޮވިޑުގެ ހާލަތުގައިވެސް ސަރުކާރުން ވަނީ ގިނަ މަޝްރޫއުތައް ހިންގައިފައެވެ. އަދި ކޮވިޑާ ގުޅިގެން އާންމުދަނީއަށް އަސަރުކުރި ފަރާތްތަކަށް ސަރުކާރުން ވަނީ އިންކަމް ސަޕޯޓްގެ އެހީވެސް ދީފައެވެ. އަދި ވިޔަފާރިތަކަށްވެސް ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީ ފާހަގަކޮށް އެމްޑީޕީންވެސް މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފަައިވަނީ މި ސަރުކާރުގެ ތިން އަހަރުގެ މުއްދަތުގެ ތެރޭގައި، ރައްޔިތުންނަށް ބިރުދެއްކުމާއި އަނިޔާވެރިކަން އިސްކުރުން ނިމުމަކަށް ގެނެސް، ޑިމޮކްރެސީ އާއި ގާނޫނުގެ ވެރިކަމަށް އަހުމިއްޔަތުކަން ދީ، ހެޔޮ ވެރިކަމުގެ ނިޒާމެއް ގާއިމު ކޮށްފައިވާ ކަަމަށެވެ.
ޖުޑިޝަރީ އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން އާ ސުޕްރީމް ކޯޓެއް އައްޔަނުކޮށް ހެޔޮ ބަދަލުތަކެއް ގެންނަމުންދާ ކަމަށާއި މިނިވަން މުވައްސަސާތަކަށް ނުފޫޒު ފޯރުވުމުގެ ސަގާފަތް ބަދަލުކޮށް އެތަންތަން މިނިވަންކަމާއި މުސްތަގިއްލުކަމާއެކު މަސައްކަތްކުރުމަށް ސަރުކާރު ހުރަހަކަށް ނުވާ ކަމަށްވެސް ބުނެފައިވެ އެވެ.
އޭގެ އިތުރުން ސިޔާސީ ހަރަކާތްތަކަށާއި މީޑިއާގެ މިނިވަންކަމަށް ޖާގަ ދެވި، އެކަންކަން ކަށަވަރުކޮށްދެމުން ގެންދިޔުމާއި ރައްޔިތުން ބާރުވެރިކުރުވުމަށާއި ލާމަރުކަޒުކުރުމަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް މި ތިން އަހަރުގެ ތެރޭގައި ގެނެސްފައިވާ ކަމަށްވެސް ބުންޏެވެ.
އެމްޑީޕީގެ މި ސަރުކާރުގައި އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންތިޚާހާބުވެ ވަޑައިގެންފައިވާކަން ފަހުރުވެރިކަމާއެކު ފާހަގަކުރާ ކަމަށާއި އަދި މިތިން އަހަރުގެ ތެރޭގައި ރާއްޖެއާއި ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ވަރަށް ބޮޑަށް ބަދަހިވަމުން ގޮސްފައިވާކަން ވެސް އެ ޕާޓީން ވަނީ ފާގަކޮށްފަ އެވެ.
އެމްޑީޕީން އިތުރަށް ބުނީ ކޮވިޑް-19 ގެ ބޮޑެތި ގޮންޖެހުންތަކާ އެކުވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތަކާއި މަޝްރޫއުތައް ސަރުކާރުން ބާރަށް ކުރިއަށް ގެންދާކަން ހިތްހަމަޖެހުމާއެކު ފާހަގަކޮށް އެކަމަށް ޓަކައި ޕާޓީގެ ފަރާތުން ރައީސް ސޯލިހަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ސަރުކާރުގެ ބާކީ އޮތް އަހަރުތަކުގައި ރައްޔިތުންގެ އުއްމީދުތަކާ އެއް މިންވަރަށް ކަންކަން ހާސިލުކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެ ޕަޓީއަށް އެބައޮތް ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު