ޚަބަރު

އިންޑިއާ އައުޓް ކެމްޕެއިނަކީ މަދު ބައެއްގެ ސާބިތު ނުހިފޭ ޝުއޫރުތަކެއް: ދިވެހި ސަރުކާރު

ރިފާ ހަލީލު

"އިންޑިއާ އައުޓް" ޝިއާރު ގެ ނަމުގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޝުއޫރު ފާޅު ކުރަނީ މަދު ބައެއް ކަމަށާއި އެ ކެމްޕެއިންގައި ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެ ދިވެހި ސަރުކާރުން އެކަން ކުށްވެރި ކޮށްފި އެވެ.

ސަރުކާރުން މިހެން ބުނެފައިވަނީ އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކެމްޕެއިނާ ގުޅިގެންނެވެ. އިންޑިއާ އައުޓްގެ ނަމުގައި ފެށި މި ކެމްޕޭން މިހާރު ވަނީ އިންޑިއާ މިލިޓަރީ އައުޓްގެ ނަމަށް ބަދަލުކޮށްފަ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އާއި އިންޑިއާ ސަރުކާރާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތާއި ސިޔާދަތަށް އުނިކަން އަންނަ ކަމަށް ބުނެ، "އިންޑިއާ އައުޓް" ޝިއާރު ގެ ނަމުގައި ސޯޝަލް މީޑިއާ އާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ފެތުރުމަށް ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ދެކޮޅު ހަދާ ކަމަށެވެ.

ބައިނަލްއަގުވާމީ ހުރިހާ ބައިވެރިންނާއެކު ޒަމާނުއްސުރެ އޮންނަ ގުޅުން ބިނާވެފައިވަނީ، އެއްގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި، އެއްގައުމު އަނެއް ގައުމުން ބައިނަލްއަގުވާމީ މައިދާނުގައި ކުރެވޭ މުއާމަލާތްތަކަކީ، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، ސަރަހައްދީ މިނިވަންކަމަށް އެއްވެސް ބުރުލެއް ނާރާނެ އަދި އެއްވެސް ކަހަލަ އުނިކަމެއް އަންނާނެ މުއާމަލާތްތަކެއް ނޫން ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެގޮތުން، ރާއްޖޭގެ އެންމެ މުހިންމު އެއް ބައިލެޓަރަލް ޕާޓްނަރާ ގުޅުން އޮންނަ ކަމަށް ބުނެ ފަތުރަމުންދާ ދޮގު ތުހުމަތުތަކަކީ، ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށް ސަރުކާރުން ދެކޭ ކަމަށާއި އަދި، މި ހިޔާލުތަކަކީ، ދިވެހި ސަރުކާރާއި އިންޑިޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ހީނަރުކުރުމުގެ މަގުސަދުގައި ވަކި ބަޔަކު ފަތުރަމުންދާ ކަންތައްތަކެއް ކަމުގައި ސަރުކާރުން ދެކޭ ކަމެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.

"ރާއްޖެއާއި އިންޑިޔާއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ބިނާވެފައިވަނީ، ދެގައުމުގެ ދެމެދުގައި ވާ ތާރީހީ އަދި ސަގާފީ ގުޅުމުގެ މައްޗަށް. މި ގުޅުން ބިނާވެފައިވަނީ، ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމުގެ މައްޗަށް. އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރުކުރެވޭ އަވަށްޓެރި ގައުމު." އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ ސަރުކާރުން، ހާއްސަކޮށް މެރިޓައިމް ސެކިއުރިޓީގެ މައްސަލަތަކުގައި ވެދޭ އެއްބާރުލުމާއި އެހީތެރިކަމުގެ ބޭނުމަކީ ދެގައުމުގެ ދެމެދުގައި އޮތް ސްޓްރެޓީޖިކް ޕާޓްނާޝިޕް އިތުރަށް ހަރުދަނާކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ކަށަވަރުކުރުން ކަމަށެވެ.

އެހެންކަމުން، ރާއްޖެ އާއި އެހެން ގައުމުތަކާ އޮންނަ ގުޅުން ހީނަރުވެދާނެ ފަދަ ދޮގު މައުލޫމާތު ނުފެތުރުމަށާއި މިފަދަ ކަންކަމުގައި ޒިންމާދާރުވުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފަ އެވެ. އަދި މީޑިއާގައި ހަބަރު ފަތުރާއިރު ނޫސްވެރިކަމުގެ ހަމަތައް ހިފެހެއްޓުމަށް ވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ މިނިސްޓްރީން ބުނީ ޓްރާންސް ބޯޑާ އާއި ޓެރަރިޒަމާއި، ކަނޑުފޭރުމާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ސައިބާ ސެކިއުރިޓީއާއި، އިންސާނީ ވަގުފާރިފަދަ އާދަޔާ ހިލާފު ސަލާމަތީ ނުރައްކާތައް ތަހައްމަލުކުރަމުންދާއިރު، މިކަމުގައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ހުރިހާ ބައިވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމަށާއި މިކަން ކަމަކީ އެއްވެސް ގައުމަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި ކާރިސާތަކުގައި އިންޑިއާއިން ވެދިން އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ. އަދި އިންޑިއާ އަބަދުވެސް ދެމި އޮންނާނީ ރާއްޖޭގެ ރައްޔިތުންގެ ތެދުވެރި އަދި އިތުބާރު ހިފޭ އެކުވެރިއެއްގެ ގޮތުގައި ކަމަށް ވަނީ ބުނެފަ އެވެ.