ޚަބަރު

އަނބިމީހާއަށް ޒިނޭގެ ތުހުމަތުކުރުމުން 80 އެތިފަހަރުން ހައްދު ޖަހަން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

މުހައްމަދު އިޝާން

އަނބިމީހާއަށް ޒިނޭގެ ތުހުމަތުކުރުން 80 އެތިފަހަރުން ހައްދު ޖަހަން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ގދ. ތިނަދޫ، ޓައުންވިލާ އަހުމަދު ރަޝީދުގެ މައްޗަށް ކުރި ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފިއެވެ.

އަހުމަދު ރަޝީދު 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ރެސްޓޯރެންޓަކަށް ގޮސް އޭނާގެ އަންހެނުންގެ ބަނޑުގައި އޮތީ އެހެން މީހެއްގެ ދަރިއެއް ކަމަށްބުނެ ޤަޛުފު ނޫނީ ޒިނޭގެ ތުހުމަތުކޮށްފައިވާތީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 633 ވަނަ މާއްދާގެ (ހ)ގެ ދަށުން ވަނީ ދައުވާކޮށްފައެވެ.

ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ ކުށުގެ ތުހުމަތަށް އަހުމަދު ރަޝީދު އިންކާރުކުރިޔަސް ހެކިންގެ ހެކިބަހުން އެ ދުވަހު ރެސްޓޯރެންޓެއްގެ ތެރޭގައި ހުރެ އޭނާގެ އަންހެނުން ބަނޑުގައި އޮތީ އެހެން މީހެއްގެ ދަރިއެއްކަމަށް ބުނިކަން ސާބިތުވާ ކަމަށެވެ. އެ ހެކިންގެ ހެކިބަހުން އަހުމަދު ރަޝީދުގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާތީ ހުކުމްކުރީ އަހުމަދު ރަޝީދު އެއް އަހަރަށް ޖަލައި 80 އެތިފަހަރުން ހައްދު ޖެހުމަށެވެ. ހުކުމުގައި ވަނީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކާއި ވެސް ހިލާފު އެބާވަތުގެ އެންމެހައި އަމަލުތަކުން ދުރުވެ ހާއްސަ ގޮތެއްގައި ދޫރައްކާތެރި ކުރުންމަތީ ދެމިހުރުމަށް އަހުމަށް ރަޝީދަށް ނަސޭހަތްތެރިވެފައެވެ.

އެ ހުކުމް އަހުމަދު ރަޝީދުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އިސްތިއުނާފީ ނުކުތާތައް ހުށަހަޅަމުން އަހުމަދު ރަޝީދުގެ ފަރާތުން ބުނެފައިވަނީީ، އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ހުށަހެޅުނު ހެކިވެރިންގެ ހެކިބަހާއި އަދި އިސްލާމްދީނުގެ ހައްދުތައް ގާއިމުކުރެވިފައިވާ ކުށްތަކުގައި އަދަބު ދިނުމަށް އޮންނަ މިންވަރަށް ކުށް ސާބިތުވި ނުވަނީސް ކަމަށެވެ.

އަހުމަދު ރަޝީދު އިތުރަށް ބުނެފައިވަނީ ކުށް ސާބިތުކުރުމަށް އޭނާއާ ދެކޮޅަށް ހުށަހެޅި ހެކިވެރިން ތިބީ ކައިރީގައި ނޫންކަމަށް ވުމުން ދެއްކި ވާހަކަތައް އަޑު ނުއިވޭނެ ކަމަށެވެ. ހެކިވެރިންގެ އަދުލުވެރިކަމާމެދުވެސް އަހުމަދު ރަޝީދު ވަނީ ސުވާލު އުފައްދައިފައެވެ.

މި ޒަމާނުގައި ޖިންސީ ގުޅުން ހިންގުމެއް ނެތި މެޑިކަލް ސައިންސްގެ އެހީގައި ވެސް އަންހެނުން ބަލިވެ ތިބޭ ތިބުމާއި ގުޅިގެން ދެއްކި ވާހަކައަކަށް ނިސްބަތް ކޮށް ޒިނޭ ކުރިކަމުގެ ތުހުމަތު ނުކުރެވޭނެ ކަމަށްވެސް އަހުމަދު ރަޝީދު ބުންޏެވެ.

އެވާހަކަތަކަށް ރިއާޔަތްކޮށް ހައި ކޯޓުން އިއްޔެކުރި ހުކުމުގައި ބުނެފައިވަނީ، ދަރިއެއްގެ ނަސަބު ނަފީކުރެވޭ ކޮންމެ ވާހަކައަކީ ޒިނޭގެ ތުހުމަތު ކުރުން ކަމަށް އިސްލާމީ ޝަރީއަތުގައި އޮންނަ ކަމަށާއި އެހެންވެ، މެޑިކަލް ސައިންސްގެ އެހީގައި، އަނބިމީހާއާ އަށް ނިސްބަތްކޮށް އެފަދަ އިބާރާތެއް ބުނުމަކީ ޒިނޭގެ ތުހުމަތު ކުރުން ކަމަށެވެ. އަދި ބަލިވެ އިންނަ ހާލަތްތަކާއި ރޭޕްގް ސަބަބުން ބަލިވެ އިންނަ ހާލަތްތަކުގައި އެފަދަ އިިބާރާތެއް ބުނާ މީހަކު ކުށްވެރި ނުވާނެ ކަމަށާއި އެކަމަކު މިި މައްސަލާގައި އެފަދަ ހާލަތެއް ނެތުމުން އަހުމަދު ރަޝީދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައި ވަނީ، ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އަހުމަދު ރަޝީދު އެއް އަހަރަށް ޖަލަށްލާން ނިންމާފައިވަނީ ގޯސްކޮށް ކަމަށެވެ. އެއީ ރާއްޖޭގެ ގާނޫނުލްއުގޫބާތު އޮތްގޮތުން އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅޭ ކުށެއް ސާބިތުވެއްޖެ ނަމަ، އެ މީހަކަށް ދޭން ޖެހެނީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު އެކަނި ކަމަށްވާތީއެވެ. އެހެންވެ ހައި ކޯޓުން ވަނީ ޖަލަށްލުމަށް ހުކުމްކޮށްފައިވާ ބައި ބާތިލުކޮށް ހައްދު ޖަހަން ހުކުމްކޮށްފައިވާ ބައި ދަމަހައްޓައިފައެވެ.