ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި ސީޝެލްސްއާ ދެކޮޅަށް އިއްޔެ ރާއްޖެ ކުޅުނު މެޗުގައި އަސްއަދު އަލީ (އަޑުބަރޭ) ސީޝެލްސްގެ ކުޅުންތެރިއަކައް ދިން ހަމަލާއާ ގުޅިގެން ޔޫތު އެންޑް ސްޕޯޓްސް މިިނިސްޓަރުގެ ހައިސިއްޔަތުން ފިޔަވަޅު އެޅުން ވާނީ ވަރަށް ބޮޑު ޖޯކަކަށް ކަމަށް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ، މިނިސްޓަރާ ސުވާލު ކުރުމުގެ ވަގުތުގައި، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އިއްޔެ ލަންގާއި ކުޅުނު މެޗުގައި އަސްއަދު ހިންގި ހުތުރު އަމަލާ ގުޅިގެން ފިޔަވަޅެއް އަޅާނަންތޯ، ދޮންބިލެތް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން ފައްޓަވަމުން މިނިސްޓަރު މަހްލޫފު ވިދާޅުވީ، ދޮންބިލެތަކީ ފުޓުބޯޅައިގެ ހުރިހާ ތަޖުރިބާއެއް ލިބިވަޑައިގެން ހުންނެވި މެންބަރެއް ކަމަށެވެ.

އެއީ ދޮންބިލަތަކީ ރާއްޖޭގެ ގައުމީޓީމުގެ މުހިއްމު މަގާމުތަކަކަށް ކުޅުއްްވުމުގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑެތި ކުލަބްތައް ކަމަށްވާ ވިކްޓްރީ އާއި ނިއުރޭޑިއަންޓާއި ވެލެންސިޔާ ފަދަ ޓީމުތަކަށް ކުޅުއްވާފައިވާ ބޭފުޅަކަށްވާތީ އެވެ.

އެއަށްފަހު މިނިސްޓަރު މަހްލޫފު ވިދާޅުވީ ފުޓުބޯޅަ މެޗުތަކުގައި ހިނގާ ކަންކަމަށް ފިޔަވަޅުއަޅާނީ އޭއެފްސީ ނުވަތަ ފީފާއިން ކަމަށެވެ.

މަހުލޫފު ވިދާޅުވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަސްއަދު ގައުމީ ޓީމަށް ކުޅުއްވަނީ ޔޫތު މިނިސްޓްރީ ރެޕްޒެންޓް ކުރާ ގޮތަށް ނޫން ކަމަށެވެ. އަދި އެ މެޗުގައި ހިނގައިދިޔަ ކަންތަކާމެދު ކަންބޮޑުވެވަޑައިގެން ހތާމަ ކުރައްވާ ކަމަށާއި އެއީ އެގޮތަށް ހިނގަން ޖެހޭނެ ކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ވެސް އިއްޔެ ހިނގާދިޔަ ކަންތަކާ ހިތާމަ ކުރަން ކަންބޮޑުވަން، އެއީ އެގޮތަށް ހިނގަން ޖެހޭނެ ކަމެއް ނޫން، އަޅުގަނޑަކަށް ނޭނގެ އޭގެ ކުރިން ހިނގީ ކޮން ކަމެއް ކަމެއް އެ ސަބަބު ދިމާވާން، އެކަމަކު އަޅުގަނޑަކަށްވެސް އެ މަންޒަރު ރަނގަޅެއްނޫން،"

މިނިސްޓަރު ވިދާޅުވީ، އެކަން އެގޮތަށް ހިނގައި ދިޔަ ނަމަވެސް ފުޓްބޯޅަ ކުޅުން ހުއްޓާލަން އަސްއަދުގައި ކައިރީގައި ވިދާޅު ނުވާނެ ކަމަށާއި އެގޮތަށް ނުވެސް ބުނެވޭނެ ކަމަށެވެ. އަދި އަސްއަދު ގައުމީ ޓީމަށް ނުނަގާކަށް، އަދި ނަގާކަށްވެސް އެފްއޭއެމްގައި ވިދާޅުވެވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެކަން ކުރާނީ ގައުމީ ޓީމުގެ ކޯޗު ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑެއް ގައިމުވެސް އެފްއޭއެމްގައި އަސްއަދު އަލީ ގައުމީ ޓީމަށް ނުނަގާކަށް ވެސް ނުބުނާނަން، ނަގާކަށްވެސް ނުބުނާނަން، އެކަން ކުރާނީ ކޯޗު ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ، މިއަދުވެސް އަސްއަދު އަލީ އެ މަގާމުގައި އެ ކުޅެމުން ދަނީ އަޅުގަނޑު ނޫނީ ދެން އަޅުގަނޑަށް ޔަގީން އަސްއަދު ވެސް ވިދާޅުވެގެންނޫން ކަަމަށް،"

މަހުލޫފު ވިދާޅުވީ، އޭއެފްސީ މެޗުތަކުގައި އަސްއަދު ކުޅުނީ ވަރަށް މޮޅަށް ކަމަށެވެ.

"ނެޝަނަލް ޓީމުގެ ފިޓްނަސް ޓެސްޓް ހަދާއިރު އެތިބަ ޒުވާން ކުދިންނަށްވުރެ ކުރީގައި ހުންނަ ކަމަށްވެސް، އަޅުގަނޑަށް މައުލޫމާތު ލިބޭ، އެހެންވިމާ ކޮންމެ މީހަކުވެސް އެމީހަކު ރަނގަޅަށް ބޯޅަ ކުޅެންޏާ އެމީހަކަށް ފުރުސަތު އޮންނަންވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ، އެކަމަކު އިއްޔެ ހިންގި ކަމާހެދިއޭ ކިޔައިފަ އަޅުގަނޑު ފިޔަވަޅު ހަމަގައިމުވެސް ނާޅާނަން އެ ފިޔަވަޅު އަޅަންޏާ އަޅާން ތިބޭނެ އޭއެފްސީ ނުވަތަ ފީފާއިން" މިނިސްޓަރު ވިދާޅުވިއެވެ.