ޚަބަރު

ފައިސާ ނެގުމަށްފަހު ހައްޖަށް ނުގެންދިޔަ ތިން މީހަކަށް ބަދަލު ދޭން ހައި ކޯޓުންވެސް ތާއީދު

ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ އަލް ފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕުން ތިން މީހެއްގެ އަތުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ނަގައި، އެމީހުން ހައްޖަށް ގެންގޮސްދީފައި ނުވާތީ އެ ފައިސާ އަނބުރާ ދޭން ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުންވެސް ތާއީދުކޮށްފިއެވެ.

ތ. އޮމަދޫ، ނޫވިލު، ޒާކިރާ އަބްދުއްރަހުމާނާއި ތ. އޮމަދޫ، ނިޝާން، އަހުމަދު ރިޒާ އާދަމް އަދި ދަފްތަރު ނަންބަރު ރސ. 2746، އަބްދުލްވާހިދު އިބްރާހީމްގެ ފަރާތުން އަލް ފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕަށް ސިވިލް ކޯޓުގައި ދައުވާކޮށްފައިވަނީ 2015 ވަނަ އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ، ފައިސާ ދެއްކުމުން ހައްޖަށް ގެންގޮސްދީފައިނުވާތީ، ދެއްކި ފައިސާގެ އަނބުރާ ހޯދުމަށެވެ. އެގޮތުން އެ ތިން މީހުން ހޯދަން އެދިފައިވަނީ 201،000 ރުފިޔާއެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރީ އެ ދައުވާ ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންވެ ޒާކިރާ އާއި ރިޒާއަށް، ކޮންމެ މީހަކަށް 75,000 ރުފިޔާގެ މަގުން ޖުމުލަ 150,000 ރުފިޔާ އާއި އަބްދުލްވާހިދަށް 51,000 ރުފިޔާއާއެކު ޖުމުލަ 201,000 ރުފިޔާ، 19 ފެބްރުއަރީ 2010 އިން ފެށިގެން 15 ދުވަހުގެ ތެރޭގައި އަލް ފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕުން އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށެވެ.

އެ މައްސަލަ އަލް ފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލައިގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އަލްފަތުހު ހައްޖު އެންޑް އުމްރާ ގުރޫޕަށް ލިބުނު ހައްޖު ކޯޓާގެ މިންވަރަށް ވުރެ އިތުރުވާގޮތަށް އެފަރާތުން ހައްޖަށް މީހުން ގެންގޮސްދޭނެ ކަމުގައި ބުނެ ފައިސާ ނަގާފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ އިސްލާމިކް މިނިސްޓަރު އަނގަބަހުން އެފަރާތަށް ދީފައިވާ ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި އެފަރާތަށް ރަސްމީކޮށް ލިބުނު ކޯޓާއަށްވުރެ އިތުރަށް މީހުންގެ އަތުން ފައިސާ ނެގުމަށްފަހު އެ ފައިސާ އަދާކޮށްފައިނުވާ ކަމަށާއި އެ ފައިސާ އޭގެ ހައްގުވެރިންނަށް އަދާނުކޮށް، ކުންފުނީގައި ހިފެހެއްޓުމަކީ ކުންފުނީގެ ޑިރެކްޓަރުން ކުންފުނި ބޭނުންކޮށް، ނުހައްގު މަންފާއެއް ލިބިގަތުން ކަމަށްވެސް ހައި ކޯޓުގެ ހުކުމުގައިވެއެވެ.

ހުކުމުގައި ވަނީ ޒާކިރާ އާއި ރިޝާއާއެކު އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕުން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން 150,000 ރުފިޔާ ދައްކާފައިވާކަން މައްސަލައާއެކު ދައުވާކުރާ ފަރާތުން ހުށަހެޅި ރަސީދުން އެނގެން އޮންނަ ކަމަށެވެ. އަދި ރަސީދުގައިވާ ފައިސާ ލިބިފައިވާކަން އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ބަހުން އެނގެން އޮތް ކަމަށެވެ.

މީގެ އިތުރުން އަބްދުލްވާހިދުގެ ފަރާތުން އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕަށް 51,000 ރުފިޔާ އަދާކޮށްފައިވާކަން އެ ފަރާތުން މައްސަލައާއެކު ހުށަހެޅި ސިޓީއަށް ބެލުމުން އެނގެން އޮންނަ ކަމަށްވެސް ހުކުމުގައިވެއެވެ.

ހުކުމުގައި ވަނީ ޒާކިރާ އާއި ރިޝާ އަދި އަބްދުލްވާހިދުގެ ފަރާތުން އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕަށް ޖުމުލަ 201,000 ރުފިޔާ އަދާކޮށްފައިވާކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. ނަމަވެސް ދައްކާފައިވާ ފައިސާއާ އެއްގޮތަށް އެ ފަރާތްތައް ހައްޖަށް ގެންގޮސްދީފައިނުވާ ކަމަށާއި އަދި އެ ފައިސާ އަނބުރާ ރައްދުކޮށްފައި ނުވާ ކަމަށެވެ.

ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބެލެވެން ނެތް ކަމަށާއި އެ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ހައި ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ. އެގޮތަށް ހުކުމް ކޮށްފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.