ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ޕެޓިޝަނުގައި މިހާތަނަށް އެއް ލައްކަ އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް އެކަމުގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ނިޝާން "ވަން" އަށް މިރޭ ވިދާޅުވީ ބަރުލަމާނީ ޕެޓިޝަނުގައި މިހާތަނަށް 109،825 މީހުން ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 83 މީހެއްގެ ސޮއި ތަކުރާރު ވެފައިވާތީ އެ ސޮއިތައް އުނިކޮށްފައިވާ ކަމަށެވެ. މިހާތަނަށް ޖުމުލަ 109،742 މީހަކު ބަރުލަމާނީ ޕެޓިޝަންގައި ސޮއިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޓާގެޓް ކުރީ އެއް ލައްކަ ސޮއި ހަމަކުރުމަށް ކަމަށާއި ނަމަވެސް ރާއްޖޭގެ އެކި ރަށްރަށުގެ ރައްޔިތުން ބަރުލަމާނީ ޕެޓިޝަންގައި ސޮއިކުރުމަށް ރިކުއެސްޓް ލިބެމުންދާތީވެ، ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި ނިންމަނީ މުޅި ރާއްޖެއަށް ދަތުރުތައް ކުރަން. ދަތުރުކޮށްފައި އެންމެ ބޭފުޅަކުވެސް މި ޕެޓިޝަންގައި ސޮއިކުރަން އިނިއްޔާ، އެ ސޮއި ކަރުދާހަށް ތިލަކޮށްފައި ނޫނީ ހުށަހަޅަން ޖެހޭ ފަރާތްތަކަށް ހުށަހަޅަން،" ނިޝާން ވިދާޅުވިއެވެ.
ނިޝާން ވިދާޅުވީ އުންމީދު ކުރި ވަރަށްވުރެ އަވަހަށް ޓާގެޓަށް ވާސިލުވެއްޖެ ކަމަށާއި އެހެންކަމުން ވަރަށް އަވަހަށް ޕެޓިޝަން ހުށަހަޅަންޖެހޭ ފަރާތްތަކަށް ރަސްމީކޮށް ހުށަހަޅާނެ ކަމަށެވެ. ނަމަވެސް ހުށަހެޅޭނެ ތާރީހެއް މިވަގުތު ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.
ޕެޓިޝަން ރައީސް ސޯލިހާއި މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.
ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވާ ބޭފުޅަކީ އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް، ރައީސް ނަޝީދެވެ. އެމަނިކުފާނު މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަށް އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ. ބަރުލަމާނީ ޕެޓިޝަނުގައި ވީހާވެސް ގިނަ ބަޔަކު ސޮއިކުރުމަށްވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވެސް ނަޝީދު ވަނީ މީގެ ކުރިން ރައީސް ސޯލިހުގެ އަރިހުގައި ދަންނަވައިފައެވެ.
އެގޮތުން މިދިޔަ އޭޕްރީލް މަހު ނަޝީދު، ރައީސް ސޯލިހަށް ކުރެއްވި މެސެޖުގައި ވިދާޅުވީ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށާއި އެކަމާ ގުޅޭގޮތުން ރައީސްއާ މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. އަދި 2023 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަންވެސް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން 2023 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވައިލުމަށް އެދޭ ކަމަށާއި އާ ސަރުކާރެއް ހޮވުމުގެ ރިޔާސީ އިންތިހާބު އެ އަހަރު ނުބޭއްވުމަށް ވެސް އެދިވަޑައިގަތެވެ. އަދި 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްދާ އިރު, ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް ނަޝީދު، ރައީސް ސޯލިހަށް ހުށަހެޅުއްވިއެވެ.
ނަމަވެސް ރައީސް ސޯލިހު ވަނީ ނިޒާމު ބަދަލުކުރާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށްފަހު ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު