ސްރީ ލަންކާގައި ކުރިއަށްދާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި ރާއްޖެއިން ސީޝެލްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ ދެޓީމަށްވެސް މުބާރާތުގެ ލީގު ބުރުގައި ކުޅެން ލިބޭނެ ފަހު މެޗު. މެޗުން މޮޅުވުމަކީ ފައިނަލަށް ދާން ރާއްޖެއަށް މިހާރު އޮތް ހަމައެކަނި މަގު. ފުރަތަމަ މެޗުގައި ރާއްޖެ ލަންކާ ކައިރީން 4-4 އިން އެއްވަރުވެފައި އޮތް އިރު، އެންމެފަހުން ކުޅުނު މެޗުގައި ބަންގުލަދޭޝް އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުން. އެ ބައްޔަކީ މިދިޔަ 18 އަހަރު ތެރޭގައިވެސް ބަންގުލަދޭޝް އަތުން ރާއްޖެވި ފުރަތަމަ ބަލި. މާޔޫސީ ދެ މެޗަށްފަހު މިއަދު ރާއްޖެއިން ސީޝެލްސްއާ ދެކޮޅަށް ނުކުންނާނީ އުނދަގޫ މެޗަކަށް.

ރާއްޖެއިން މީގެ ކުރިން ސީޝެލްސްއާ ދެކޮޅަށް ފީފާގެ އެކުވެރިކަމުގެ ފަސް މެޗެއްގައި ވާދަކޮށްފައިވޭ. އޭގެ ތެރެއިން ދެމެޗުން ރާއްޖެ މޮޅުވެފައިވާ އިރު، ސީޝެލްސް އިން ވަނީ ތިން މެޗުން މޮޅުވެފައި. އެ މެޗުތައް ގުނާއިރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ މެޗުތައް ނުގުނާނެ. އެންމެފަހުން ރާއްޖެ އާއި ސީޝެލްސް ކުޅެފައި ވަނީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި. އެ ފަހަރު ރާއްޖެ މޮޅުވީ 2-1 ގެ ނަތީޖާއަކުން.

ރާއްޖެއިން މިހާތަނަށް ކުޅުނު ދެ މެޗުގައިވެސް ފުރަތަމަ 11 ގައި ކޯޗު މޮރިއޭރޯ ބޭނުން ކުރީ އެއް ކުޅުންތެރިންތަކެއް ނަމަވެސް، މިއަދު ސީޝެލްސްއާ ދެކޮޅަށް ނުކުންނަ މެޗަށް ކޯޗު ވަނީ ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްފައި. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ރާއްޖު ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ، އަދި ގައުމީ ޓީމުގެ ރެކޯޑު ގޯލު ޖެހުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) މިއަދުގެ މެޗު ބެންޗުން ފެށުން.

ދަގަނޑޭގެ އިތުރުން މިދިޔަ ދެމެޗުގެ 11 ގައި ހިމެނުނު އަލީ ފާސިރު (ސެންޓޭ)އާއި ހުސައިން ޝިފާއު (ކްރޯ)ވެސް މިއަދުގެ މެޗު ފަށާނީ ބެންޗުން. އެ ތިން ކުޅުންތެރިންގެ ބަދަލުގައި މެޗުގެ ފުރަތަމަ 11 އަށް ނުކުންނާނީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ރާއިފް ހަސަން (ހަންނަ)ގެ އިތުރުން އަހުމަދު ނޫމާން (ހެލްމެޓް). އޭގެ އިތުރުން އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)ވެސް މިއަދުގެ މެޗަށް ފުރަތަމަ 11 ގައި ހިމެނިފައި ނުވާ އިރު، އަސަދުﷲ އަބްދުﷲ ވަނީ ފުރަތަމަ 11 ގައި ހިމެނިފައި.

  • މޫހު އަލީ (ސަމުއްޓެ)
  • އަހުމަދު ނޫމާން (ހެލްމެޓް)
  • މުހައްމަދު އުމައިރު
  • އިބްރާހީމް އައިޝަމް
  • އަސަދުﷲ އަބްދުﷲ
  • ހަމްޒާ މުހައްމަދު (ހަމްޕު)
  • އަކްރަމް އަބްދުލްޣަނީ (އަކޫ) / ކެޕްޓަން
  • ހައިޝަން ހަސަން (ބިޑި)
  • އަލީ ނާޖިހު/ ގޯލްކީޕަރު
  • ހަސަން ރާއިފް އަހުމަދު
  • ހުސައިން ނިހާން (ނިހާޓް)
  • ލިއޮނެލް މަންނާއީ
  • ޑޯން ފަންޗެޓޭ
  • ސްޓީވް މާރީ (ކެޕްޓަން)
  • ޖީންވޭސް އާނެސްޓަ
  • ޖޯސެފް ރަވިޖީނިއާ
  • ސްޓެފަން މޮތޭ
  • ވެރެން މެލީ
  • ކެނާ ނައުރީޝް
  • މާކް މެތިއޮޓް
  • އެލްވިން މިޗެލް
  • ރަޝީދު ލަބްރޯސް