ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)އަށް ލިބޭ އާމްދަނީން ރައްކާކޮށްފައި ހުރި ފައިސާގެ ތެރެއިން 150 މިލިއަން ރުފިޔާ ސަރުކާރުގެ ޓީބިލް ގަންނަން އިންވެސްޓް ކޮށްފައިވާ ކަމަށް އެ ޔުނިވަސިޓީން ބުނެފިއެވެ.
ޓީބިލަކީ އިންޓަރެސްޓާ އެކު އަނބުރައި ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް އިއްޔެ ހާޒިރުވެވަޑައިގެން، މެންބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ވިދާޅުވީ، ޔުނިވަސިޓީއަށް އާމްދަނީގެ ގޮތުގައި އެކި ކަންކަމުން އަހަރަކު 60 މިލިއަނެއްހާ ރުފިޔާ ލިބޭ ކަމަށެވެ. އޭގެ ތެރެއިން ހިންގުމުގެ ހަރަދަށް 21 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމާ ގުޅޭ ތަފުސީލު ދެއްވަމުން ވައިސް ޗާންސެލަރު މުހައްމަދު ޝަރީފު ވިދާޅުވީ، ޔުނިވަސިޓީ އަމިއްލައަށް އޮޕަރޭޓް ކުރެވޭ ވަރަށް ފައިސާ ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ހަރަދު ކުރާނެ ގޮތެއް ނިންމަނީ ޔުނިވާސިޓީގެ ކައުންސިލުން ކަމަށާއި މިއަހަރުވެސް 25 ވަަރަކަށް މިލިއަން ރުފިޔާ އެކި ކަންކަމަށް ހަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ތެރެއިން ބާވެ ހަލާކުވެފައިވާ ޔުނިވަސިޓީގެ "ސޮލާހުއްދީން" އިމާރާތް ކުރަން 10 މިލިއަން، މުވައްޒަފުންގެ ދިރާސާތަކަށް ފަސް މިލިއަން އަދި ފޮތް ލިޔާ މީހުންނަށް ފަސް މިލިއަން ރުފިޔާ ދީފައިވާ ކަމަށް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ ކޮވިޑާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް ކުރި އަސަރާ ގުޅިގެން ސަރުކާރުގެ ޓީބިލަށް ޔުނިވަސިޓީން ރައްކާކޮށްފައި ހުރި ފައިސާ އިން 150 މިލިއަން ރުފިޔާ އިންވެސްޓުކޮށްފައިވާ ކަމަށެވެ. އަދި އަންނަ އަހަރު އެ ފައިސާ ލިބިއްޖެނަމަ، އިތުރަށް ކޮންމެވެސް ވަރެއްގެ ފައިސާއެއް ޔުނިވާސިޓީއަށް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު