ސުންނަތް ޖަމާއަތުގެ ރައުޔަކާ ހިލާފު ނުވާ ގޮތަށް ޝުއޫރު ފާޅު ކުރާ މީހަކަށް އަނިޔާއެއް ދޭން ގޮވުމަކީ ކުށެއް ކަމަށް ކަނޑައަޅައި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު (ނަފްރަތުގެ ބިލު) ދެންމެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލެކެވެ.
މަޖިލީހަށް ހުށަހެޅުއްވި އިރު ބިލު އޮތް ގޮތުން ގިނަ ބަޔަކު ނުރުހުން ފާޅުކޮށް، ބިލާ ދެކޮޅަށް ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި ކައުންސިލްތަކުން ބަޔާންތައް ނެރުނެވެ. އަދި ބިލާ ދެކޮޅަށް ބައެއް އެއްވުންތައްވެސް ބޭއްވިއެވެ.
މި ބިލުގައި ހުށަހަޅާފައިވަނީ ގާނޫނުލް އުގޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރު ކުރުމަށެވެ.
މި ބިލު މަޖިލީހަށް ފުރަތަމަ ހުށަހެޅި އިރު އޮތް ގޮތުން އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން ނުވަތަ އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށެކެވެ.
އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން، ނުވަތަ މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރަމަކީވެސް ޖިނާއީ ކުށެވެ.
ބިލުގައިވާ ގޮތުން އެއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެފަދަ ކުށެއް ކޮށްފިނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ބިލުގައިވާ ގޮތުން މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއެކު އެ މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުމާއި އެފަދަ އަމަލަކަށް ހިތްވަރުދިނުމާއި އެކަމުގައި ބައިވެރިވުމަކީވެސް ކުށެކެވެ. އެއީ ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށެކެވެ. އެފަދަ ކުށެއް ކޮށްފިނަމަ އެންމެ ބޮޑުވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށްވެގެން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުމަކީވެސް ކުށެކެވެ. އެއީ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލުގައިވެއެވެ. ބިލުގައިވާ ގޮތުން އެއީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެކެވެ. އެފަދަ ކުށެއް ކޮށްފިނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ. އަދި އެންމެ ދަށްވެގެން އެއް އަހަރާއި ހަތް މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އޭގެ އިތުރުން މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުމާއި އެމީހަކާ މެދު ތަފާތު ކުރުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަށް ހިތްވަރު ދިނުމަކީވެސް ކުށެކެވެ. އެފަދަ ކުށެއް ކުރާ މީހަކަށް އެންމެ ބޮޑުވެގެން 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އެއީ ޖިނާޔަތުގެ އެއްވަނަ ދަރަޖައެވެ.
މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި ޖިސްމާނީ އަނިޔާއެއް ދިނީ ކިޑްނެޕްކޮށްގެން ނުވަތަ މީހަކަށް ޖިންސީ އަނިޔާއެއް ދީގެން ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުންދޭނެ ކަމުގެ ބިރުދައްކައިގެން ކަމުގައިވާނަމަ އެންމެ ބޮޑުވެގެން 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެއީ ޖިނާއަތުގެ ދެވަނަ ދަރަޖައެވެ.
ބޮޑެތި ހިޔާލު ތަފާތުވުންތަކަކާއެކު މަޖިލީހުގައި ބިލަށް ބަހުސް ކުރުމަށްފަހު މަޖިލީހަށް ބިލު ބަލައިގަނެ އިސްލާހު ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފުރަތަމަ ފޮނުވީ، މިދިޔަ ޖޫން މަހުގެ 15 ގައެވެ. އަދި ކޮމިޓީން ބިލަށް އިސްލާހު ގެނައުމަށްފަހު ބިލު ފާސްކޮށްދިނުމަށް އެދި ޖުޑިޝަރީ ކޮމިޓީން ބިލު މަޖިލިސް ތަޅުމަށް ފޮނުވީ ހުސްވި ޖުލައި މަހުގެ ހަތަރުވަނަ ދުވަހުއެވެ.
އެފަހަރު ކޮމިޓީން ބުނެފައިވާ ގޮތުގައި އެ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އިރު، ކަމާބެހޭ ފަރާތްތަކުގެ ލަފާ ވަނީ ހޯދައިފައެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން ހިމެނެއެވެ. އޭގެ އިތުރުން އާންމުންގެ ފަރާތުންވެސް ބިލަށް ހިޔާލު ހޯދި ކަމަށް ވެސް ބުނެފައިވެއެވެ.
ކޮމިޓީން ގެނައި އިސްލާހުގައި ނަފުރަތުގެ އަމަލު ހިންގުން ކަމަށް އޮތް ބިލުގެ ނަމަށް ބަދަލު ގެނެސް އެއީ ތަކުފީރީ އަމަލާއި، މީހެއްގެ ނަސްލާއި، އުފަންވީ ގައުމާއި، ކުލަޔާއި، ސިޔާސީ ވިސްނުމާއި، ދީނާ ގުޅުވައިގެން ހިންގާ އަމަލު ކަމަށް ވަނީ ހިމަނައިފައެވެ.
އިތުރު އިސްލާހުތަކުގެ ތެރޭގައި، ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއް ކަމަށް ނުވަތަ އެފަދަ މާނައިގައި އާންމު ތަނެއްގައި ސިފަކުރުން ނުވަތަ ތުހުމަތު ކުރުމަކީ ކުށެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
އިސްލާމީ އަގީދާއާ ގުޅުވައިގެން މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުމަކީ ކުށެއް ކަަމަށް ކަނޑައަޅަން ހިމަނާފައިވާ މާއްދާއަށްވެސް ކޮމިޓީން ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ގަސްތުގައި ބަހެއް ފާޅުނުކުރާހާ ހިނދަކު ނުވަތަ ގަސްތުގައި ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު، އާންމު ތަނެއްގައި އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދު ވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތު ކުރުން ނުވަތަ ސިފަކުރުން ނުވަތަ އެފަދައިން ތުހުމަތު ކުރުމުގައި ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ކުށެއްް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
އާންމު ތަނެއްގައި ވަކި މިހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުމާއި އެފަދަ އަމަލަކަށް ހިތްވަރުދީ ބައިވެރިވުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވާ މާއްދާއަށް ބަދަލު ގެނެސް ކޮމިޓީން ގެނައި އިސްލާހުގައި ވަނީ، ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއް ކަމަށް ނުވަތަ އެފަދަ މާނައިގައި އާންމު ތަނެއްގައި، ސިފަކުރުން ނުވަތަ ތުހުމަތު ކުރުމާއެކު އެމީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުމަކީ ކުށެއް ކަމަށެވެ.
މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމަކީ ކުށެއް ކަމަށް ބިލުގައި ހުށަހަޅާފައިވާ އިރު، މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ނުވަތަ ސިޔާސީ ވިސްނުމަށް ނުވަތަ ދީނަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުން ނުވަތަ އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން ގޮވާލުން ނުވަތަ އެމީހަކާ މެދު ތަފާތު ކުރުމަށް ގޮވާލުން އެއީ ކުށެއް ކަމައް ކަނޑައަޅަން ކޮމިޓީން އިސްލާހުކުރިއެވެ.
އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމާއި މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުމަށް ބިލުގައި ހިމަނާފައިވާ ދެ މާއްދާ ކޮމިޓީން ވަނީ އުނިކޮށްފައެވެ.
ގާނޫނުގެ 124 ވަނަ މާއްދާގެ ފަހަތަށް (ނ)ގެ ގޮތުގައި އަކުރެއް އިތުރުކުރުމަށްވެސް ކޮމިޓީން ބިލުގައި ހިމެނިއެވެ. އެ މާއްދާގައި ބުނަނީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއް ކަމަށް ބިލުގައި ބުނެފައި އެވަނީ، މި ގާނޫނުގެ 617 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ކުށް ކުރާ މީހާއަށް ކަމަށެވެ.
އެ މާއްދާގައި ކުށް ކަމަށް ކަނޑަައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އާންމުންގެ ކުރިމަތީގައި އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި ދީނީ ތަގުރީރު ކުރުމާއި އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، އެކިއެކި ލިޔުންތައް ތައްޔާރުކުރުމާއި ބެހުމާއި ވިއްކުމާއި އުފެއްދުމާއި ރާއްޖޭގައި އޮރިޔާން ކާޑު އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ރާއްޖެއަށް ގެނައުމެވެ.
މީގެ އިތުރުން އަޅުކަންކުރަން ގެންގުޅޭ ބުދު ރާއްޖޭގައި އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ރާއްޖެއަށް ގެނައުމާއި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި މީހުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަދެއްކުމާއި އެފަދަ ގޮތްގޮތަށް އަމަލުކުރުމަކީވެސް ކުށް ކަމަށް ކަނޑައަޅާފައިވެއެވެ.
މިގޮތަށް ފާސްކޮށް މަޖިލީހުގެ ތަޅުމަށް ބިލު ހުށަހެޅުމުން އެ ބިލު ހުށަހެޅުއްވި މެންބަރު ކަމަށްވާ ހިސާނު ހުސެއިން ނިސްބަތްވާ އެމްޑީޕީ މެންބަރުންގެ މެދުގައިވެސް ބޮޑެތި ހިލާތު ތަފާތުންތަކެއް އުފެދި ބިލުގެ ބަހުސް ހޫނުވިއެވެ. އޭގެ އިތުރުން މަޖިލިސް ބޭރުން ދީނީ އިލްމުވެރިންނާއި، އާންމުންގެ ކަންބޮޑުންތައް އިންތިހާއަށް ބޮޑުވެ، އެ ބިލާ ދެކޮޅަށް ފެޓިޝަންތައް ހުށަހަޅައި ރަށު ކައުންސިލުތަކުން އެ ބިލާ ދެކޮޅަށް ގަރާރުތައް ނެރެން ފެށިއެވެ.
އެ ޕްރެޝަރާއެކު މަޖިލީހުގައި ބިލަށް ބަހުސްކުރުމަށްފަހު، އަލުން އެ ބިލަށް އިސްލާހު ގެންނަން ދެވަނަ ފަހަރަށް ކޮމިޓީއަށް ބިލު ފޮނުވަން މަޖިލީހުން ފާސް ކުރިއެވެ.
މިދިޔަ ޖުލައި މަހުގެ އަށްވަނަ ދުވަހު އެ ބިލު އަލުން ކޮމިޓީއަށް ފޮނުވީ އެދުވަހުގެ ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ ތެރެއިން 39 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ކޮމިޓީއަށް ފޮނުވަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ތިން މެންބަރުންނެވެ.
ދެވަނަ ފަހަރަށް އިސްލާހުކުރުމަށް ބިލު ކޮމިޓީއަށް ފޮނުވުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ހިޔާލާއެކު އަލުން ބިލު އިސްލާހުކޮށް ބިލަށް ބޮޑެތި ބަދަލުތަކެއް ގެނައެވެ.
މިފަހަރު ގެނައި އިސްލާހުގައި ބިލުގެ ނަމެއްގެ ގޮތުގައި އޮންނަނީ ތަކުފީރު ކުރުމުގެ އަމަލާއި، މީހެއްގެ ނަސްލާއި، އުފަންވީ ގައުމާއި، ކުލަޔާއި، ސިޔާސީ ވިސްނުމާ ގުޅުވައިގެން ހިންގާ އަމަލުގެ ގޮތުގައެވެ.
ކުށް ކަނޑައެޅުން 124 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން އަހްލުއްސުންނަތި ވަލް ޖަމާއަތުގެ މުއުތަބަރު ރައުޔަކާ ހިލާފު ނުވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން، ނުވަތަ ކުރި އަމަލަކުން، އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދީނާ އިދިކޮޅު މީހެއް ކަމަށް އާންމު ތަނެއްގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން އެއީ ކުށެއް ކަމަށެވެ. އަދި މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު، ނުވަތަ ކުފުރުގެ ބަހެއް ފާޅު ނުކުރާހާ ހިނދަކު، ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު، އާންމު ތަނެއްގައި އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުމަކީ ކުށެއް ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
ދެވަނަ ނަންބަރުގައި ބުނެފައިވަނީ އެއްވަނަ ނަނަބަރުގައިވާ އަމަލެއް ހިންގުމާއެކު، މީހަކަށް އަނިޔާއެއް ދިނުން ނުވަތަ މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުން އެއީ ކުށެއް ކަމަށެވެ.
ތިންވަަނަ ނަންބަރު އިސްލާހު ކޮށްފައިވަނީ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ސިޔާސީ ވިސްނުމަށް، ނުވަތަ ދީނަށް ބަލައި އެމީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވައިލުމަކީ ކުށެއް ކަމަށެވެ.
މި ބިލުން އިސްލާމްދީނުގެ ހުކުމްތައް ބަޔާން ކުރުން ހުރަހަކަށް ނުވާނެ ކަމަށް ހިމަނައި މި މާއްދާގެ (ށ) ގައި، އެކި ކަންކަމާ މެދު ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވާ އިސްލާމްދީނުގެ ހުކުމްތައް ބަޔާންކުރުމަށް މި މާއްދާ ހުރަސް ނަޅާ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ބިލުގައި ބުނާ ކަންތައްތައް މާނަކުރުމަށް އެ މާއްދާގެ (ރ) ގޮތުގައި ވަކި އަކުރެއް ހިމަނައި، އާންމު ތަނެއް ކަމަށް ބުނެފައިވާ މާނަކުރުމާއި، ކުފުރުގެ އަމަލު ނުވަތަ ކުފުރުގެ ބަސް ކަމަށް ބުނުމާއި، މުރުތައްދުވުން ކަމަށް ބިލުގައި ބުނެފައިވާ ބަސްތައް ވަނީ މާނަކޮށްދީފައެވެ.
ނަފުރަތުގެ ބިލުގެ އިތުރުން މުވާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލަކުން، އިސްލާމްދީނަށް ފުރައްސާރަކުރުން އެއީ ޖިނާއީ ކުށަކަށް ހެދުން ތަފްސީލު ކުރުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށްވެސް ހިސާން މަޖިލީހަށް ބިލެއް ހުށަހެޅުއްވިއެވެ. އެ ބިލުވެސް ދިރާސާ ކުރީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންނެވެ.
މިފަހަރު ނަފުރަތުގެ ބިލު ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވީ، އެ ބިލުވެސް ހިމަނައިގެން ދެ ބިލު އެއްކޮށެވެ.
އިސްލާމް ދީނާ އިދިކޮޅު އަމަލުތައް އިތުރަށް ތަފުސީލުކުރުމަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ ހަތަރުވަނަ ނަންބަރުގެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ.
ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގައި ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށްތައް ކަނޑައަޅާފައިވާ އިރު، އެ މާއްދާއަށް އިތުރުކުރަން ހިސާން ހުށަހަޅުއްވި އިސްލާހުގައި ވަނީ، މުވާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށެވެ. މި އިސްލާހަކީ އެ މާއްދާގައި އޮންނަ ގޮތާ މާބޮޑު ތަފާތެއް ހިމެނޭ އިސްލާހެއް ނޫނެވެ.
ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ އެކެއްގައި މިހާރު ބުނެފައިވަނީ މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، ދީނީ ތަގުރީރު ކުރުމަކީ ކުށެއް ކަމަށެވެ.
ހިސާން ހުށަހަޅުއްވާފައިވާ އިސްލާހުގައި ހަމައެކަނި ތަފާތު ވަނީ "އެނޫންވެސް ގޮތަކަށް"، މި ޖުމުލަ އެކަންޏެވެ.
އެ މާއްދާއަށް ކޮމިޓީން ގެނައި އިސްލާހުގައި ވަނީ، މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމު ތަނެއްގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން، މާތް الله އަށް ނުވަތަ ކީރިތި ގުރުއާނަށް ނުވަތަ ކީރިތި ރަސޫލާއަށް ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަށް ނުވަތަ އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއް ކަމަށެވެ.
ހަމަ އެގޮތަށް މާތް الله އާ މެދު ނުވަތަ ކީރިތި ގުރުއާނާ މެދު ނުވަތަ ކީރިތި ރަސޫލާއާ މެދު ނުވަތަ ކީރިތި ރަސޫލާގެ ސުންނަތާ މެދު ނުވަތަ އިސްލާމްދީނާ މެދު ދޮގު މައުލޫމާތު ފެތުރުން، ނުވަތަ އެފަދަ އަމަލެއް ކުރުމުގައި ބައިވެރިވުމަކީވެސް ކުށެއް ކަމަށް ވަނީ ހިމަނައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން މި ބިލު ފާސްކުރީ ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ތެރެއިން 50 މެންބަރުން ވޯޓު ދެއްވައިގެންނެވެ.