މާލިއްޔަތު ކޮމެޓީ

ފައިސާ ޗާޕު ކުރަން ދިން ހުއްދައިގެ މުއްދަތު އިތުރުކޮށްދޭން ހުށަހެޅި މައްސަލަ މާލިއްޔަތު ކޮމިޓީއަށް

އިބްރާހިމް ޒަކީ

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަ ޑުރޯ ކުރަން، (ރުފިޔާ ޗާޕު ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީ އަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ އިތުރަށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވަން ދެންމެ ފާސް ކޮށްފިއެވެ.

އެ ހުއްދައިގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރު ކޮށްދެއްވުމަށް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ސިޓީއަކުންނެވެ. މިއީ އެ ހުއްދައިގެ މުއްދަތު އިތުރު ކޮށްދިނުމަށް ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވި ތިންވަނަ ފަހަރެވެ.

އެންމެ ފުރަތަމަ އެކަމަށް އެއް އަހަރު ދުވަހުގެ ހުއްދަ ދޭން މަޖިލީހުން ފާސްކުރީ ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ދިމާވި މައްސަލަތަކާ ގުޅިގެން 2020 ވަނަ އަހަރުގަ އެވެ. އެ މުއްދަތު އިތުރު އެއްއަހަރު ދުވަހަށް މަޖިލީހުން އިތުރު ކޮށްދީފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެންނެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހުގެ 26 ދުވަހުން ފެށިގެން އެ މުއްދަތު އިތުރު އެއް އަހަރު ދުވަހަށް އިތުރު ކޮށްދެއްވުމަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު އަދި އެސްއޯއީ ކޮމިޓީގެ މުގައްރިރު އިލިޔާސް ލަބީބު ވިދާޅުވީ، އެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރު ކޮށްދިނުމަކީ، މިިހާރުވެސް ހުއްދަ ދީފައިވާ 4.4 ބިލިޔަން ރުފިޔާ އަނބުރާ ދެއްކުމަށް ފިނޭންސް މިނިސްޓްރީއަށް އުނދަގޫ ވާނެ ކަމެއް ކަމަށެވެ.

އެެހެންކަމުން އެކަމަށް ހުއްދަ ދޭއިރު ބައިބަޔަށް ބަހާލައިގެން އެ ދަރަނި ދެއްކޭނެ ޕްލޭނެއް އޮންނަން ޖެހޭނެ ކަަމަށްވެސް ވިދާޅުވިއެވެ.

އެ ހުށަހެޅުމުގައި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަ ކުރައްވައި އިލިޔާސް ލަބީބު ވިދާޅުވީ، އެ ކަންބޮޑުވުންތަކާއެކު ފިނޭންސް މިނިސްޓަރު ހިމެނޭ ގޮތުން ހުރިހާ ފަރާތްތަކާ ވާހަކަ ދައްކައިގެން އެންމެ ރަނގަޅު ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. އެހެން ކަމުން އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިގެން އޮޑިޓާޖެނެރަލް އާއި އެމްއެމްއޭގެ ގަވަރުނަރާ މަޝްވަރާކޮށް އެކަމަށް ކޮމިޓީން ގޮތެއް ނިންމުމަށް އިލިޔާސް ހުށަހެޅުއްވިއެވެ.

މެންބަރު އިލިޔާސްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ. އެ ހުށަހެޅުމާ އެެއްގޮތަށް އެ މައްސަަލަ މާލިއްޔަތު ކޮމިޓީއަށް ފޮނުވަން ފާސްކުރީ މަޖިލިސް ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ތެރެއިން 50 މެންބަރުން ވޯޓު ދެއްވައިގެންނެވެ.